July 12, 2010 / 7:21 pm

ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި

ނިމުނު ޖޫންމަހުގެ11 ވަނަދުވަހު ދެކުނު އެފްރިކާގައި ކުރިއަށް ދިޔަ ވޯލްޑް ކަޕް 2010 ފުޓުބޯޅަ މުބާރާތަށް، އެންމެފަހުގެ ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ސްޕެއިން މުބާރާތުގެ  ފައިނަލުގައި ނެދަލޭންޑާ ދެކޮޅަށް މޮޅުކުޅުމެއް ކުޅެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދއިފިއެވެ.

ސައުތުއެފްރިކާގެ ޖޮހަނަސްބާގްގެ ސޮކަރ ސިޓީ ސްޓޭޑިއަމްގައި ރޭ ކުރިއަށްދިޔަ ވޯލްޑްކަޕްގެ ފައިނަލްވ މެޗް ސްޕެއިން ކާމިޔާބުކުރީ މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރުވެސް 0-0 އިން ދެޓީމު އެއްވަރުވެފައި ވުމުން އިތުރުވަގުތު ކުޅެގެންނެވެ. އިތުރުވަގުތުގެ 15 މިނެޓްގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފް ނިމުނުއިރުވސް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއްނުވެއެވެ. 15 މިނެޓުގެ ފަހުހާފުގައި މުޅިމެޗްގެ 116 ވަނަ މިނެޓުގައި ސްޕެއިންގެ އިނިއެސްޓާރ ޖެހިލަނޑާއެކު ނެދަލޭންޑްގެ މައްޗަށް1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރި ހޯދިއެވެ.  މިއީ ސްޕެއިން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެއްގެ ފައިނަލްގައި ކުޅުނު ފުރަތަމަ ފަހަރެވެ. ރޭގެ މެޗްގައި އެންމެ ފާހަގަވެގެންދިޔަ އެއްކަމަކީ، ރެފްރީ ދެއްކި ކާޑުތަކުގެ ގިނަކަމެވެ. އެގޮތުން މުޅި މެޗަށް ބަލާއިރު 15 ކާޑުވަނީ ފެނިގެން ގޮސްފައެވެ. އެއީ 14 ރީނދޫ ކާޑާއި އެއް ރަތްކަޑެވެ. ރަތްކަޑަކީ އެއްކުޅުންތެރިއަކަށް ދެރީނދޫކާޑާއެކު ދެއްކި ރަތްކަޑެވެ. ނެދަލޭންޑްގެ އަށް ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްދާފައިވެއެވެ. އަދި އެޓީމުގެ ޖޯން ހެއިޓިންގާ އަށް ދެރީނދޫކާޑާއެކު ރަތްކާޑެއް ދެއްކިއެވެ. ސްޕެއިން ޓީމަށް ބަލައިރު އެޓީމުގެ ހަތަރު ކުޅުންތެރިއަކަށް ރީނދޫކާޑު ދައްކައިފައި ވެއެވެ.

މެޗގެ ތަފާސް ހިސާބުތަކަށް ބަލާއިރު މުޅި މެޗުގައިވެސް ގިނަވަގުތު ބޮޅަ ހިފަހައްތައިގެން މޮޅަށް ކުޅެފައިވަނީ ސްޕެއިންނެވެ. އެހެންނަމަވެސް ނެދަލޭންޑްވެސް ވަނީ ސްޕެއިންގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ފޮނުވާފައެވެ. ނެދަލޭންޑްގެ ގޯލާ އަމާޒުކޮށް ސްޕެއިނުން 18ޝޮޓް ނަގާފއިވައިރު ނެދަލޭންޑަށް ނެގުނީ 13 ޝޮޓެވެ. ރޭގެ މެޗްގެ 56 އިންސައްތަ ކޮންޓްރޯލްކުރީ ސްޕެއިނުންނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ނެދަލޭންޑަށް ވެސް ލިބުނެވެ. އެ ގޮތުން އެޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ އާޔެން ރޮބެން އަށް ލިބުނު ދެ ފުރުސަތު ފާހަގަ ކޮށްލަން ޖެހެއެވެ. މިއީ މިވޯލްޑް ކަޕްގައި ނެދަލޭންޑް ބަލިވި ފުރަތަމަ މެޗްވެސް މެއެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައި ވަނީ ރޭގެމެޗުގެ ހަމައެކަނި ލަނޑު ޖެހި ސްޕެއިންގެ ހުނަރުވެރި ކުޅުންތެރިޔާ އަންދުރޭސް އިނިއެސްޓާ އެވެ. މިފަހަރުގެ ވޯލްޑްކަޕުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީވެސް ސްޕެއިން ނެވެ.

އިއްޔެރޭ ކުޅުނު މުބާރާތުގެ ތިންވަނަ ހޮވާމެޗް 2-3 ގެ ނަތީއަކުން އުރުގުއޭގެ މައްޗަށް ކުރިހޯދައިގެން ތިންވަނއަށް ދިޔައީ ޖަރުމަނު ވިލާތެވެ. މިމެޗްގެ 19 ވަނަމިނެޓްގައި ޖަރުމަނުގެ ތޯމަސްމުލާ ވައްދާލި މިގޯލާއެކު އުރުގުއޭގެ ކުޅުންވެސް ކުރިއަށްވުރެ ވަރުގަދަވެގެން ދިޔަތަން ފެނުނެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 28 ވަނަ މިނެޓްގައި ޖަރުމަނު ކޮޅަށް ގޯލެއްވައްދައި އުރުގުއޭއިން މެޗްގެ ނަތީޖާ ހަމަ ހަމަ ކުރިއެވެ. މިލަނޑު އުރުގުއޭއަށް ޖަހައިދިނީ ކަވާނީ އެވެ. މެޗްގެ 51 ވަނަ މިނެޓްގައި އުރުގުއޭގެ ފޯލާން ޖެހިގޯލާއެކު ފުރަތަމަފަހަރަށް އުރުގުއޭއަށް މެޗްގެ ލީޑްލިބުނެވެ. މެޗްގެ 56 ވަނަ މިނެޓްގައި ޖަރުމަނުގެ ޔެންސަން ޖެހިލަނޑާއެކު އަނެއްކާވެސް ނަތީޖާ ހަމަހަމަ ވިއެވެ. ނަމަވެސް މެޗްނިމެން އަށެއްކަ މިނެޓަށް ވެފައި ވަނިކޮށް، ޖަރުމަނުގެ ކެދީރާ ޖެހި ލަނޑާއެކު މިފަހަރުގެ ވޯލްޑްކަޕުގެ ތިންވަނަ މަޤާމު ޖަރުމަނަށް ޔަޤީން ވިއެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

Sorry, comments for this entry are closed at this time.


Partner Logo Partner Logo Partner Logo Partner Logo Partner Logo