އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ “ޓައިނީ ހާޓްސް އޮފް މޯލްޑިވްސް” އިން އިންތިޒާމު ކޮށްގެން ރޭ ގަލޮޅު ދަނޑުގައި ބޭއްވި އެހީގެ ފުޓްބޯޅް މެޗަށް ޢާއްމުންގެ ބޮޑުތަރުޙީބެއް ލިބިއްޖެއެވެ.
މިއީ އުފެދުމުގައި ހިތުގެ ބަލި ހުންނަ ކުދިންނަށް ފަރުވާކުރުމަށް ކުރާ، އޮޕަރޭޝަނަށް ފައިސާ ހޯދައިދިނުމަށްޓަކައި އިންޒާމުކުރި ޙަރަކާތެކެވެ. ޓީވީ ރެޑިއޯތަކުގެ ޕްރެސެންޓަރުންނާއި، ފިލްމީ، މިއުޒިކީ ފަންނާނުންގެ މައްޗަށް އެކުލެވޭ ދެޓީމެއްގެ ދެމެދުގައި ކުޅެވުމު މިމެޗުގައި، ރާއްޖޭގެ، ނަންމަޝްހޫރު ގިނަފަންނާނުންނާއި، ޕްރެޒެންޓަރުން ބައިވެރި ވިއެވެ.
މި މެޗްބެލުމަށްޓަކައި ގިނަ ޢަދަދެއްގެ ބަޔަކު ރޭ ދަނޑަށް ވަނެވެ. އަދި މެޗްހިނގަމުން ދިޔަވަގުތު ދަނޑުގައި ބަހަށްޓާފައިވާ އެހީ ފޮށިތަކަށްވެސް ގިނަޢަދަދެއްގެ ފައިސާ ލާފައިވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، މިމެޗުގެ 12،000 ޓިކެޓް ވަނީ ވިކިފައެވެ.
މި އިވެންޓުގައި ކުޅުނު އަންހެނުންގެ މެޗު، ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން 1-0 އިން ބަލިކޮށް، ކާމިޔާބު ކުރީ ޕްރެޒެންޓަރުންނެވެ. ފިރިހެނުންގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މިހަރަކާތް އިންތިޒާމުކުރި “ޓައިނީ ހާޓްސް އޮފް މޯލްޑިވްސް” އަކީ އުފެދުމުގައި ހިތުގެ މައްސަލަ ހުރުމުގެ ސަބަބުން މިދުނިޔެ ދޫކޮށްފައިވާ ކުއްޖެއްގެ ހަނދާނުގައި އެކުއްޖާގެ މަންމައާއި ބައްޕަ އުފައްދާފައިވާ އަމިއްލަ ޖަމްޢިއްޔާއެކެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.