މިއީ ހިލޭ ބަހާ ފޮތަކަށްވާތީ އެއްވެސްބަޔަކު ފޮތް ވިއްކުމަކީ މަނާކަމެއް
މިމަހު އެގާރަވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑުކަޕް ފުޓުބޯޅަ މުބާރާތާ ގުޅިގެން އާފަތިހުން މިހާރުވަނީ “އާފަތިސް ވޯލްޑުކަޕް ގައިޑު 2010″ ގެ ނަމުގައި ފޮތެއް ނެރެފައެވެ.
މިފޮތް އަޅުގަނޑު މެންނަށް ވުޖޫދަށް ގެނެވިފައިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ ސްޕޮންސަރ ލިބިގެންނެވެ. އެކަމަށްޓަކައި ސްޕްންސަރ ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ.
އަޅުގަނޑުމެން މިފަދަ ފޮތެއް ނެރުނީ ދިވެހިންނަކީ ފުޓުބޯޅައަށް ވަރަށް ބޮޑަށް ލޯބިކުރާ ބަޔަކަށްވާތީ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތާ ބެހޭ މަޢުލުމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށެވެ.
އެހެން ކަމުން އަޅުގަނޑުމެން ނިންމީ މިފޮތް ވިއްކުމުގެ ބަދަލުގައި ހިލޭ ބަހާށެވެ. ނަމަވެސް ބައެއް މީހުން ތަންތަނުގައި ބަހައްޓައިގެން ފޮތް ވިއްކަމުން ގެންދާކަމުގެ ޝަކުވާ އާފަތިހަށް ވަރަށްގިނައިން އަންނަން ފަށައިފިއެވެ. މިފޮތް މިމަހުގެ ހަތްވަނަ ދުވަހު ނިކުތުމާއެކު ނޮވެލްޓީ ބުކްޝޮޕުންވެސް ލިބޭ ގޮތް ހެދީމެވެ. އެކަމަކު މިވަގުތު އެތަނުންވެސް ލިބެން ނުހުންނާއެވެ.
އަޅުގަނޑުމެން މިފޮތް ނެރުމަށްޓަކައި ސްޕޮސަރ ދެއްވި ބޭފުޅުންނަށް ވަޢުދުވެފައިވަނީ މިފޮތް ހިލޭ ބަހާނެ ކަމަށެވެ. ނަމަވެސް އާފަތިހަށް އެނގުމަކާ ނުލައި ފޮތްވިއްކާ ބަޔަކު ވިއްކަމުންދާތީ އާފަތިހަށް މިކަމުގެ ހުތުރުނަން ލިބެމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ފޮތްވިއްކާ ފަރާތްތަކުގައި އެދެމެވެ. ކުރިއަށްއޮތްތަނުގައިވެސް މިފަދަ ކަންކަން އަޅުގަނޑުމެންނަށް ކުރެވޭނީ އާންމުންގެ ފަރާތުން އެއްބާރު ލެއްވުން ދެއްވައިގެންނެވެ.
“އާފަތިސް ވޯލްޑުކަޕްގައިޑު 2010″ ހިލޭ ބަހާ އެއްޗަކަށްވާއިރު ހިލޭ ބެހުމުގެ ބަދަލުގައި ވިއްކުމަކީ މަނާކަމެއް ކަމުގައި އާފަތިހުން ވަނީ ހަމަޖައްސާފައެވެ. ފޮތް ގަތުމުގެ ބަދަލުގައި އާފަތިހަށް އައުމުން ފޮތް ހުސްވަންދެން ހިލޭ ފޮތް ލިބޭނެ ވާހަކަވެސް ދަންނަވަމެވެ.
މިހެން ދަންނަވަން ޖެހުނީ މިފޮތަކީ އަޅުގަނޑުމެން ވިޔަފާރީގެ ފައިދާއަކަށް ނުބަލައި ފުޓުބޯޅައަށް ލޯބިކުރާ މީހުންނަށް ދުނިޔޭގެ ފުޓުބޯޅައާ ބެހޭ މަޢުލުމާތު ހިމެނުމަށް ތައްޔާރު ކޮށްފައިވާ ފޮތަކަށްވެފައި، އެހެން މީހުން ފޮތް ވިއްކައިގެން ފައިދާއެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަޅުގަނޑުމެންގެ ބައެއް ސްޕޮންސަރުންވެސް ގުޅާފައި ޝަކުވާ ކުރައްވަމުން ގެންދަވާތީއެވެ.






2 ކޮމެންޓް
މިހާރު ތިޔަ ގައިދު ލިބޭނީ ކޮންތާކުންތަ؟ އަދި ލިބޭނެތަ! ހުސްވެއްޖެތަ؟
June 9, 2010 / 11:27:12ކަލޯ އައްޔާ އާފަތިސް ވޯލްޑްކަޕް ގައިޑް، އާފަތިހުގެ އިދާރާ (މ. ސިލްވަރ ކްލައުޑުން) ހިލޭ ލިބޭނެ. އަވަހަށް ދޭ އެތަނަށް މިހާރު ހުސްވަނީ .
June 9, 2010 / 12:05:41ކޮމެންޓެއް ދެއްވާ