July 18, 2010 / 10:17 am

ގައުމާއި ރައްޔިތުންގެ ފައިދާއަށް ނޫނީ އެއްވެސް ކަމެއް ކޮށްގެންނުވާނެ

މިވެރިކަމުގައި ގައުމަށް އާންނާނެ ކަމަށް އުންމީދު ކުރެވުނު ހެޔޮ ބަދަލު އެބަފެނޭހެއްޔެވެ؟ އުންމީދުން ފުރިގެންދިޔަ ކަންކަން ހަގީގަތަކަށް އެބަވޭ ހެއްޔެވެ؟ އޭރުގެ އުފާވެރިކަން އެބަފެނޭ ހެއްޔެވެ؟ ގާނޫނީ ވެރިކަން އެންމެ ފުރިހަމައަށް ކުރެވޭ ހެއްޔެވެ؟ މިފަދަ އެތައް ސުވާލެއް އަދިވެސް އެބަހުއްޓެވެ.

މިސަރުކާރަށް މިހާރުވަނީ ވަރަށް ޕްރެޝަރ ބޮޑުވެފައެވެ. ނަމަވެސް އެޕްރެޝަރ އައީ ކޮންދިމާއަކުން ކަމެއް ނޭނގެއެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ނާއިބު ލީޑަރު ޢުމަރު ނަސީރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއްވެސް ވަރަކަށް ސަރުކާރު ގޮތްހުސްވާ ވަރަށް ޕްރެޝަރކޮށްފައި ނުވާކަމަށެވެ. ނަމަވެސް ކެބިނެޓު އިސްތިއުފާ ދިނުމަކީ ސަރުކާރު ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޢުމަރު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުމެތި ވަޒީރުން ކަމެއް ދިމާވާ އިރަށް ރައްޔިތުންނަށް ފުރަގަސްދީފައި ގޮސްފައިވާ ކަމަށެވެ. އެމީހުންނަކީ ރައްޔިތުންނަށް ހެއްވެއް އެދިގެން މަސައްކަތް ކުރާބައެއް ކަމަށްވާނަމަ ކަމެއް ދިމާވުމުންވެސް ކުރިމަތިލައިގެން އެކަމުން ސަލާމަތްވެ ތިބެގެން ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވަން ޖެހޭނެކަމަށެވެ.

ރައީސް މައުމޫންގެ ޒާމާންވީ ވެރިކަމުން އެމަނިކުފާނު ފޭލި ކުރެއްވީ އެމްޑީޕީ އިއްތިހާދުންނެވެ. އެދުވަސްވަރު ރައީސް މައުމޫން ދެއްކެވި ވާހަކަފުޅިތައް މިހާރު ހަނދުމަހުރީ ކިތައް ބޭފުޅުންތޯއެވެ. މިސަރުކާރު އައިސް ފިއްޔާ ގައުމަށާއިމ ރައްޔިތުންނަށް ވާނެ ގޮތް ވަރަށް ރަނގަޅަށް އެމަނިކުފާނު ގެންދެވީ ރައްޔިތުންނަށް ވިދާޅުވެ ދެއްވަމުންނެވެ. ނަމަވެސް އެމްޑީޕީއާއި އެޕާޓީއާ ގުޅިފައިވާ މީހުންގެ ތަފާތު ވާހަކަތަކުގެ ސަބަބުން ބައެއް މީހުންނަށް އޭރުގެ ރައީސްގެ އެވާހަކަފުޅުތައް އަޑު އަހާކަށް ކުޅަދާނައެއް ނުވިއެވެ. މިހާރު ކަންކަން ބަދަލުވަމުންދާ ގޮތުން މިގައުމުގެ ހުރިހާ ކަމެއް ބޮއްސުންލައިގެން ހިނގައިދާނެއެވެ.

ގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ބަނަވެފައިވާތީ އެކަންކަމަށް ބައިނަލް އަގުވާމީ ފަރާތްތަކުންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އދ. އާއި، އީޔޫ ފަދަ ތަންތަނުންވަނީ ވާހަކަ ދައްކައިގެން ސިޔާސީ މަސްރަހު ފިނިކުރުމަށް ގޮވާލައްވާފައެވެ. މީގެ އިތުރަށް އެމެރިކާއިން ގޮވާލާފައިވަނީ ބޭރުގެ ފަރާތެއް މެދުވެރިކޮށްގެން ރާއްޖޭގެ ސިޔާސީ މަސްރަހަށް ފިނިކަމެއް ގެންނެވުމަށެވެ. ނަމަވެސް މިކަން އެހާފަސޭހަކަމަކަށް ނުވާނެއެވެ. ދެ ކޮޅުންވެސް ތިބީ ދޫދޭ ރޫހެއްގައި ކަމަށް ނުބެލެވޭތީއެވެ. ސަރުކާރުން ދޫދެއްވައިފިއްޔާ އެކަންވެގެންދާނީ އިދިކޮޅު ފަރާތްތަކަށް ލިބޭ ކުރިއެރުމެއް ކަމަށް ސަރުކާރުން ވިސްނައިފާނެތީއެވެ. އިދިކޮޅޫން ދޫދެއްވައިފިއްޔާ ސަރުކާރުން އެކަމާ ގުޅިގެން ދައްކައިފާނެ ކަމަށް ވާހަކަތަކަށް އިދިކޮޅުން ވިސްނައިފާނެއެވެ. އެހެންވީމާ ކިތަންމެ ބޭނުންވިޔަސް އެއްވެސް ކޮޅަކުން ދޫދޭން ގަސްތުކުރާ ކަމަށް ނުބެލެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގެ ސަބަބުން މުޅިގައުމު މިހާރު މިވަނީ ހުއްޓުމަކަށް އައިސްފައި ކަމަށް ބެލެވިދާނެއެވެ.

ރައީސް މައުމޫންގެ ވެރިކަމަށް ދުވަސްވަމުން ގޮސް 30އަހަރު ވީއިރު އެމަނިކުފާނަށް ފުރުސަތެއް ނެތެވެ. 35 އަހަރު ފުރިހަމަ ކޮށްލެއްވުމަށް އެމަނިކުފާނަށް ފުރުސަތު ނުލިބުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލާ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި، ދިވެހި ގައުމީ ޕާޓީގެލީޑަރު ޑޮކްޓަރ ޙަސަން ސަޢީދުގެ ސަބަބުންނެވެ. 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މިއިން ކޮންމެވެސް އެއްބޭފުޅަކު ރައީސް މައުމޫނަށް ތާއިދު ކުރެއްވި ނަމަވެސް ފަސޭހާކަމާއެކު އެއިންތިޚާބު މައުމޫން ކާމިޔާބު ކުރެއްވީސް ކަމަށް ގާސިމްވަނީ ވިދާޅުވެފައެވެ. ނަމަވެސް ގާސިމް އޭރު މަސައްކަތް ކުރެއްވީ ރައްޔިތުންނަށް އާދޭސް ދަންނަވައިގެންވެސް މުޙައްމަދު ނަޝީދު ވެރިކަމަށް ގެންނެވުމަށެވެ.

ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވައިދޭނެ ކަމަށް ވިދާޅުވި ވިދާޅުވުން މިހާރު ކޮބައި ހެއްޔެވެ؟ އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން ޢަލީ ވިދާޅުވީ އެ ވިދާޅުވީ އިންތިޚާބު ބާއްވަންވީ ކަމަށެވެ. ރައްޔިތުން މިހާރު ބޭނުންވާ ގޮތުން އޮޅުން ފިލުވަންވީ ކަމަށެވެ. އެގޮތަށް ކަންތައް ކުރައްވާ ކަމަށްވާނަމަ ޑީއާރުޕީން އޮތީ މިހާރުވެސް އެކަމަށް މަރުހަބާ ކިތަން ތައްޔާރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެރިކަމަށް ގެންނެވުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން ގާސިމް އިބްރާހީމް މިހާރުވަނީ މަޢާފަށް އެދިވަޑައިގެންފައެވެ. މިއީ ރައްޔިތުންވެސް ވަރަށް ބޮޑަށް ވިސްނަވަންވީ ކަމެކެވެ.

“އަޅުގަޑަކީ މިސަރުކާރު ވެރިކަމަށް ގެންނެވުމަށް ރައްޔިތުންގެ ކިބައިން ސަލާންޖެހި އެކެއް. ނަމަވެސް މިއަދު އަޅުގަނޑު ހިތާމަކުރަން އެކަމަށް މަސައްކަތް ކުރެވުނީތީ. ދިވެހި ރައްޔިތުންގެ ކިބައިން އެކަމާ ފަށްފަށުން ނިހާޔަތަށް މަޢާފަށްވެސް އެދެން.” ގާސިމް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިގޮތަށް މިވީ ޕާޓީސިސްޓަމު ރާއްޖެއަށް ތަޢާރަފް ކުރެއްވުމާ ގުޅިގެންނެވެ. އެކަން މިހާރުވެސް އެންމެން ގަބޫލު ކުރެއެވެ. ދެންވެސް ޕާޓީ ސިސްޓަމުގެ މި އުދަގުލުން ގައުމު ސަލާމަތް ކުރުމަށް ރައްޔިތުންގެ ވޯޓަކަށް ދާން ވެއްޖެއެވެ. ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހުމަދު ޢާމިރު ވިދާޅުވެފައިވަނީ ޕާޓީ ސިސްޓަމް ބާއްވަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ވޯޓެއް ނެގުމަށް ވަރަށް ތާއިދު ކުރައްވާ ކަމަށެވެ. އެއީ ކުރަން ލަސްވެފައިވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ވެރިކަމުގައި އޮތީ މަގުތަކަށް ނިކުމެ ވެރިކަން ހޯދަން މަސައްކަތް ކުރި އެމްޑީޕީއެވެ. މިހިސާބުން ރައްޔިތުންނަށް ކޮށްދެއްވުމަށް ވިދާޅުވި ކަންކަން ކޮށްދެއްވުމަށް އިސްކަން ދެއްވާށެވެ. ވަޢުދުތައް ފުއްދެވުމަށް އަވަސްވެގަންނާށެވެ. އޭރުން އަމާންކަމާއި ހިތްހަމަޖެހުމާއެކު ވެރިކަން ކުރެވޭނެއެވެ. ރައީސް މައުމޫނަށް ނުކުރެވި ހުރި އެތައް ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންފައި މިފަސް އަހަރު ތެރޭގައި އެކަން ރައްޔިތުންނާ ހަމައަށް ފޯރުނުކޮށްދެވޭ ކަމަށްވާނަމަ ދެވަނަ ދައުރަކަށް ރައްޔިތުން ފުރުސަތެއް ނުދޭނެއެވެ.

މިކަން މިގޮތަށް ނުވިޔަސް ގައުމުގެ އެންމެވެސް އެއްފަހަރާ ސިޔާސީ ޕްލެޓްފޯމަކަށް އަރާކަށް ނުޖެހެއެވެ. ސިޔާސީ ޕްލެޓްފޯމުން އަބަދުވެސް ފުރުސަތި ދޭންވާނނީ ސިޔާސީ ބޭފުޅުންނަށެވެ. ބަދަލުވަމުންދާ ސިޔާސީ ފިކުރާއި، ސިޔާސީ ހަރަކާތްތަތަކުގެ ތެރެއަށް ރައްޔިތުން ވައްދަން މަސައްކަތް ކުރިއަސް އެކަމުގެ ތެރެއަށް ވަނުމުގެ ބަދަލުގައި އެކަމުން އެއްކިބާވެ ތިބެ ގައިމަށް ކަމެއް ކޮށްދެވޭތޯ އެންމެވެސް ބަލަންވެއްޖެއެވެ. ތިމާގެ އަމިއްލަ ފައިދާއަށްވުރެ ބޮޑަށް ގައުމާމެދު ވިސްނަވާށެވެ.

މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގުބޮޑު ކުރާނެ ކަމަށް އެމްޑީޕިން ބުންޏެވެ. ނަމަވެސް އެކަން ކުރެވޭނީ ބޭރުގެ މާރުކޭޓުގައި މަހުގެ އަގު މައްޗަށް ދިޔަވަރަކުންނެވެ. އެހެން ގޮތަކުން މަހުގެ އަގުބޮޑުކޮށްފިއްޔާ ގެލުން ނޫންކަމެއް ނުވާނެއެވެ. ސިޔާސީ ފައިދާއަށް ހުރިހާކަމެއް ކޮށްގެން ނުވާނެއެވެ. ގައުމާއި، ރައްޔިތުންގެ މަންފާއަށްޓަކައި ނޫނީ ސިޔާސީ އެއްވެސް ފިޔަވަޅެއް އަޅާ ކަމަށްވާނަމަ ތަފާތު މައްސަލަ ދިމާވާނެއެވެ. އެކަން މިރާއްޖެއިން މިހާރު މިދަނީ ވަރަށް ބޮޑަށް ތަޖުރިބާ ކުރަމުންނެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

Sorry, comments for this entry are closed at this time.


Partner Logo Partner Logo Partner Logo Partner Logo Partner Logo