ރައްޔިތުންގެ މަޖިލީހުން ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ނުވަތަ އެމްބީސީގެ ބިލު ފާސްކޮށްފައެވެ. މިބިލު ފާސްކުރިތާ ދެތިން ގަޑިއެއްހައި އިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ޙަސަން ޢަފީފު ނޫސްވެރިންނާ ބައްދަލު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެމްބީސީ އުފެދުނު ކަމުގައި ވިޔަސް އެމްއެންބީސީ ދެމިއޮންނާނެ ކަމަށެވެ. އަދި ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު އޮންނާނީ އެމްއެންބީސީގެ ދަށުގައި ކަމަށެވެ. އެމްއެންބީސީއަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި ކުންފުންޏެކެވެ.
ޢަފީފުގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އެމްބީސީއަކީ ރައްޔިތުންގެ މަޖިލީހުން އުފެއްދެވި ތަނަކަށް ވާތީ އެތަނަށް ފައިސާ ހޯއްދެވުންފަދަ ކަންތައްވެސް ކުރައްވާނީ ރައްޔިތުންގެ މަޖިލީހުން ކަމުގައެވެ. ވާހަކަފުޅުން އެނގުނީ އެންމެ ކަމެކެވެ. ސަރުކާރު އޮތީ ރައްޔިތުންގެ މަޖިލީހާ ހަނގުރާމަ ކުރަން ތައްޔާރަށް ކަމެވެ. މާނައަކީ ރައްޔިތުންނާ ހަނގުރާމަ ކުރުމަކީ މިހާރު ސަރުކާރުގެ ބޭނުމެވެ. އެހެން ނޫންނަމަ ޢަފީފުގެ އެވާހަކަފުޅުގެ ބޭނުމެއް ނެތެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކާ ދެކޮޅުހެދުމުގެ އިތުރު ބޭނުމެއް އެއްގޮތަކަށްވެސް ނެތެވެ.
ރައްޔިތުންގެ މަޖިލީހުން ނިންމާ ބައެއް ނިންމުންތަކުގައި ސުވާލު އުފެދޭ ކަންތައްތައް އެބަހުއްޓެވެ. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ދެކޮޅު ނުހެދޭނެ ޙަޤީޤަތެއްވެސް އެބައޮތެވެ. އެއީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ތަމްސީލުކުރާ ބާރުކަމެވެ. ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކީ ރައްޔިތުންގެ ނިންމުމެވެ. ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ނިންމުމާ ދެކޮޅު ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ރައްޔިތުންގެ ނިންމުން ބަދަލު ކުރެވޭނެ އެއްވެސް ބާރެއް ނޯންނާނެއެވެ. ޝަރުޢީ ކޯޓުތަކުގެ މަސައްކަތާއި އިޚްތިޔާރާއި ބާރު ކަނޑައެޅުމަކީވެސް ރައްޔިތުންގެ މަޖިލީހަށް އޮންނަ ބާރެކެވެ.
ސުޕްރީމް ކޯޓަކީވެސް ރައްޔިތުންގެ ނިންމުން ބަދަލު ކުރެވޭނެ ތަނެއް ނޫނެވެ. ސުޕްރީމް ކޯޓުން ކުރާ ކަމަކީ ރައްޔިތުންގެ ނިންމުމަމާއި ޤާނޫނު އަސާސީއާ ނުވަތަ ޤާނޫނަކާ ތަޢާރަޒްވޭތޯ ނިންމުމެވެ. އެފަދަ ކަމެއް އޮތްނަމަ އެ ނިންމުމެއް ބާޠިލު ކުރުމަކީ ސުޕްރީމް ކޯޓުން ކުރެވިދާނެ ކަމެކެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއް (މިފަދަ ސަބަބެއް ނެތި) އެހެން ގޮތަކަށް ފުރޮޅާލުމަކީ ސުޕްރީމް ކޯޓަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.
ވުމާއެކު ރައްޔިތުންގެ މަޖިލީހަކީ ޤާނޫނީ ހަމަޔަކާ ޚިލާފުނުވެ ނިންމާ ކޮންމެ ނިންމުމެއްގެ އެންމެ މަތީ ބާރުކަމަށް ޖެހެނީ ގަބޫލު ކުރާށެވެ. ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނެއްގައި އޮންނަ ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފު ނޫން ކޮންމެ ވާހަކައަކީ ގަބޫލުކުރަން ޖެހޭ ވާހަކައެކެވެ. އަމުރެއްނަމަ ކިޔަމަންވާންޖެހޭ އަމުރެކެވެ. އެ ކަމެއްގެ ނުވަތަ އަމުރެއްގެ ހަމަނުޖެހޭ ވާހަކަ ދެއްކި ނަމަވެސް ކަނޑައެޅިގެން އެކަމަކާ ނުވަތަ އެ އަމުރަކާ ދެކޮޅުހެދުމަކީ ޑިމޮކްރަސީއެއްގައި ކުރެވޭނެ ކަމެއް ނޫނެވެ.
އެމްބީސީގެ ޤާނޫނެއް ހަދައި ރާއްޖޭގައި ސަރުކާރުން ހިންގަމުން އައި ޚަބަރުފަތުރާ ވަސީލަތްތައް މިނިވަން ކުރުމަކީ އެމްޑީޕީންވެސް ވާހަކަދެއްކި ކަމެކެވެ. އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ޚަބަރުފަތުރާ ވަސީލަތްތަކުގެ ޑިރެކްޓަރުން ޢައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އެހެންނަމަވެސް މިހާރަކު އެގޮތެއް އެމްޑީޕީއަކަށް ކަމަކު ނުދެއެވެ. އެއް ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ އިދިކޮޅު މެންބަރުން ގިނަވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުން ހޮވާ ޑިރެކްޓަރުން ސަރުކާރު ހިންގުމަށް ދަތިކުރާނެ ވާހަކައެވެ. މިއީ މީގެ އިދިކޮޅަށްވެސް ދެކެވިދާނެ ވާހަކައެކެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތީ ސަރުކާރަށް ކަމުގައިވީނަމަ އިދިކޮޅު ޕާޓީތަކަށް ސަރުކާރުން އުނދަގޫކުރީހެވެ.
ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތަކީ އަބަދަކު އެއް ގޮތަކަށް އޮންނާނެ އެއްޗެއް ނޫނެވެ. އެކިފަހަރު އޮންނާނީ އެކި ގޮތަށެވެ. އެހެންވީމާ ރައްޔިތުންގެ މަޖިލީހުން ނިންމާ ކަމެއް އެވަގުތަކު ކަންތައް އޮތްގޮތަށް ބަލާފައި ނިންމުން މުޅިއަކުން ރަނގަޅެއް ނުވާނެއެވެ. ވުމާއެކު ސަރުކާރުން ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމަށްވުރެ ރައްޔިތުންގެ މަޖިލީހުން އެކުލަވާލުން ދުރު މުސްތަގުބަލަށް ބަލާއިރު މާރަނގަޅުވާނެއެވެ.
ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނެއްގެ ދަށުން ތަނެއް ހިންގުމުގެ މާނައަކީ ސަރުކާރުން ޖެއްސުންކޮށް އެކަމަކާބެހޭ ހުރިހައި ކަމެއް ކުރަން ވާނީ ރައްޔިތުންގެ މަޖިލީހުންނޭ ބުނެވޭނެ ޖާގަ އޮވެގެން ވާނެ ކަމެއް ނޫނެވެ. މަޖިލީހުން ސަރުކާރަށް ކަމެއް ލާޒިމުކޮށްފިނަމަ އެކަމެއް ކުރުމަކީ މަޖުބޫރު ކަމެކެވެ. މިހާރު މަޖިލީހުން ސަރުކާރަށް ދަތިވާކަހަލަ ފިޔަވަޅުތައް އަޅަން ޖެހުނީވެސް ސަރުކާރުން މަޖިލީހުގެ ނިންމުންތަކާ ދެކޮޅަށް ކަންތައްތައް ކުރަން ފެށީމައެވެ. އޭގެ ކުރިން އެފަދަ ކަމެއް މަޖިލީހުގެ ތެރެއަކުން ނުފެނެއެވެ.
މިހާރު އެމްބީސީ އުފެދުނީމާވެސް އެމްއެންބީސީ އޮންނާނެ ކަމަށް ސަރުކާރުން ބުނުމަކީ އަނެއްކާވެސް މަޖިލީހާއި ސަރުކާރާ ދެމެދު ހަނގުރާމައެއް އިޢުލާނު ކުރުމެވެ. ރައްޔިތުންގެ މަޖިލީހަކުން ސަރުކާރުން އެ ދައްކާ ވާހަކައެއް ގަބޫލެއް ނުކުރާނެއެވެ. ޤާނޫނެއް ފާސްކޮށްފައި އޮތުމާއެކު ގަބޫލު ކުރެވޭކަށްވެސް ނޯންނާނެއެވެ. އަނެއްކޮޅުން ސަރުކާރުން ގޮތް ދޫނުކޮށްފިނަމަ ދެން ދާން ޖެހޭނީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުން ނިންމައިފިނަމަ ސަރުކާރަށް ދެން ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.
ޙަޤީޤަތުގައި މިއީ މައްސަލައެއް އުފެދެންޖެހޭ ކަމެއްވެސް ނޫނެވެ. ރާއްޖޭގައި ސަރުކާރުގެ ބާރާއި ނުފޫޒުން އެއްކިބާވެފައިވާ މީޑިއާއެއް ބާއްވަން ސަރުކާރުން ތާއީދުކުރާނަމަ މިހާރު ސަރުކާރުން އެދައްކާ ވާހަކައެއް ނުދެއްކީހެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރަކީ މީޑިއާގެ މައްޗަށް ސަރުކާރުން ބާރު ފޯރުވުމާ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅެކެވެ. އެކަމަކު މިހާރު ނުކުމެވަޑައިގެން އެހުންނެވީ އެބާރު ހިންގޭނެ މަގެއް ފަހި ކުރައްވާށެވެ. އެބާރު ނޯންނަ ގޮތެއް ހައްދަވަން ކަނޑައެޅިގެން ދެކޮޅު ހައްދަވާ ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނަކީ ސިޔާސީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވަން ހުންނަވާ ބޭފުޅާއެވެ. އެހެންވީމާ އެމްބީސީއާ ބެހޭގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ރައީސް އެމަނިކުފާނަށް ދެއްވި ލަފާފުޅެއް ކަމަކަށް ގަބޫލު ކުރެވޭކަށް ނެތެވެ. އެއީ އެމަނިކުފާނު ރައީސަށް އެރުއްވި ލަފާފުޅެކެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.