ކޮންމެ ހިޖްރީ އަހަރެއްގެ ޝައުބާން މަހުގެ ފުރަތަމަ ދުވަހަކީ ޝަހީދުންގެ ދުވަހުގެ ގޮތުގައި އަޅުގަނޑުމެންގެ ރައްޖޭގައި ފާހަގަ ކުރާ ދުވަހެވެ. އެ ދުވެސް ނިސްބަތް ވަނީ މީގެ 466 އަހަރު ކުރިން އޭރު ރާއްޖޭގެ ރަސްކަން ކުރެއްވި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ޙާދިސާއަށެވެ. ނުވަތަ އެރަސްގެފާނަށެވެ. ޝަހީދުންގެ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަން ފެށީ 1980 ވަނަ އަހަރު ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ.
އަޅުގަނޑުމެންގެ މިރާއްޖޭގެ ކިތަންމެ ކުޑަޔަސް، އަޅުގަނޑުމެންގެ ޤައުމުގެ މީސްކޮޅު ކިތަންމެ މަދަސް މިޤައުމުގެ ތާރީޚަށް ބަލާއިރު ހިނގާފައިވާ މުހިންމު ހާދިސާތައް މަދެއްނޫނެވެ. ރާއްޖޭގެ ޤުދުރަތީ ރިތިކަމާއި، މިތަނުގައި އޮތް ހަމަހިމޭންކަމާއި، އަމާން، ޞުލްޙަމަސަލަސް ކަމަށް ޙަސަދަވެރިވެގެން ކަޅިއަޅާ ދުޝްމަނުން އޭރުވެސް އަދި މިހާރުވެސް އުޅެއެވެ. މިފަދަ ދުޝްމަނުންގެ ނުރައްކާ ރާއްޖެއާއި ރާއްޖޭން ބޭރުންވެސް އަޅުގަނޑުމެންނާ ކުރިމަތި ވެފައިވެއެވެ. އެގޮތުން ޕޯޗްގީޒުންނާއި ހޮޅީން، އަދި ދައިފަހުން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހުގެ ޙަދިސާ ފާހަގަ ކޮށްލެވެއެވެ. އަދި މީނުނަސް މިފަދަ އެތައް ޙަދިސާތަކެއް މިޤައުމަށް ވަނީ ކުރިމަތި ވެފައެވެ.
މިފަދަ އެތައް އެތައް ނުރައްކާ ތަކާ ކުރިމަތިލައްވައި އަޅުގަނޑުމެންގެ މިލޮބުވެތި ޤައުމު އަޅުގަނޑުމެންނާ ހަމައަށް މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ވާޞިލްކޮށް ދިނުމުގައި ޤުރުބާންވެ ޝަހިދުވެވަޑައިގެންނެވި އެތައް އަބްޠާލުން ވެއެވެ. ޤައުމާއި ދީނަށް ޓަކައި ޖިހާދު ކުރެއްވި އެތައް މުޖާހިދުން ވެއެވެ.
އެހެންނަމަވެސް އަލިރަސްގެފާނު ޝަހިދުވީދުވަސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، އެއީ މިޤައުމުގެ ތާރީޚުގައި ހިނގައިދިޔަ މިފަދަ ޙާދިސާތަކުގެ ތެރެއިން ޚާއްސަގޮތެއްގައި ފާހަގަކުރަންޖެހޭ ޙާދިސާއެއް ކަމަށްވާތީއެވެ. އަލިރަސްގެފާނު ޝަހީދުވެ ވަޑައިގަތުމަށްފަހު އަޅުގަނޑުމެންގެ ޤައުމު ދުށް 15 ވަރަކަށް އަހަރުދުވަހަކީ ޤައުމުގެ ތާރީޚުގައި ލިޔެވިގެންދިޔަ އެންމެ ނާމާން ކަޅު އަނދިރި ދުވަސްތަކެވެ. އެންމެ ދިގުމުއްދަތަކަށް، ދިވެހީން އަޅުވެތިކަން ތަޙައްމަލުކުރަން ޖެހުނު ދުވަސްތަކެވެ. އަޅުގަނޑުމެންގެ ދީނާއި، ޤައުމިއްޔަތު އަޅުގަނޑުމެންގެ އަތުން ބީގެންދިޔަ ހިތްދަތި ދުވަސްތަކެވެ.
އެހެންކަމުން އަލިރަސްގެފާނު ޝާހިދުވެވަޑައިގަތްޙާދިސާއަކީ، މިޤައުމު ހިތްދަތިކަމާ ހިތާމައިގެ ތެރެއަށް އެންމެ ބޮޑަށް ވެއްޓިގެން ދިޔަ ޙާދިސާއެވެ. ޝަހީދުންގެ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަންޖެހޭ ސަބަބަކީ މިއެވެ. ޝަހީދުންގެ ދުވަހަކީ އެދުވަހުގެ ޙާދިސާގެ މައްޗަށް ވިސްނައި ފިކުރުކޮށް އެއިން ޢިބްރަތް ޙާސިލްކުރަންވީ ދުވަހެކެވެ. ޤައުމީ އަބްޠާލުންގެ ޖިހާދުން ދަރުސް ލިބިގަންނަންވީ ދުވަހެކެވެ.
ޝަހީދުންގެ ދުވަހަކީ މިޤައުމު ދެމިއޮތްހާ ހިނދަކު ފާހަގަކުރަންޖެހޭ ދުވަހެކެވެ. ހަނދާން އާކުރަންޖެހޭ ދުވަހެކެވެ. މިއަދުގެ ބަޠަލް އަލިރަސްގެފާނު ޝަހީދުވީ ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވަނިކޮށެވެ. އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރައްވަނިކޮށެވެ. މާތްﷲ އެރަދުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކު ރައްވާށިއެވެ.
ޕޯޗްގީޒުން ޢަލިރަސްގެފާނު ޝަހީދުކުރީ 1 ޝަޢުބާން 956 ގައެވެ. އެދުވަހު، އަލިރަސްގެފާނު އަރިހުގައި ހަނގުރާމައަށް ނިކުތް، މީހުންގެ ތެރެއިން ގިނަބަޔަކު ވަނީ ހަނގުރާމަ އެންމެ ހޫނުވީ ވަގުތު މަރަށްބިރުން ރަދުން، ދޫކުރައްވައި ދުވެފިލާފައެވެ. ހަޤީގަތުގައި އެދުވަހު އެފިނޑި ޚިޔާނޭތްތެރިން އެދޫކުރީ މިޤައުމުގެ މިނިވަންކަމެވެ. ދިވެހިންގެ މާތް ދީނެވެ. އެދުވަހު އެމީހުން އަލިރަސްގެފާނުގެ އަރިހުން އެދެމުން ދިޔައީ އަމާންދިނުމަށެވެ. އެހެންނަމަވެސް އަލިރަސްގެފާނު އަމާނެއް ނުދެއްވިއެވެ. އެންމެ ފަހުނޭވަޔާ ޖެހެންދެން ދީނާއި ޤައުމަށްޓަކައި ހަނގުރާމަ ކުރެއްވި އެވެ. ތާރީޚީ ބައެއް ފޮތްތަކުގައިވާގޮތުން އަލިރަސްގެފާނާއެކު ހަނގުރާމަކުރި މީހުން ފިލަންދުވާތަން ފެނިގެން މާލެ ވިލިނގިލީ ރައިވެރިބޭ، (އެވަގުތު ވިލިނގިލީ އެތިރިމަތީގައި ހުރި ރުކެއްގައި އޮއްވައި) ފަތާފައި ނުވަތަ ކަނދުފައްޗެއްގައި މާލެ އައިސް އަލިރަސްގެފާނު އަރިހުގައި ހަނގުރާމަކުރައްވައި ޝަހިދުވީއެވެ.
ރައިވެރިބޭ އަލިރަސްގެފާނުއަރިހަށް ގޮސް އޭނާގެ ރާބަދި ރަދުންނަށް އެރުވިއެވެ. ތާރީޚީ ބައެއް ލިއުންތަކުގައިވަނީ އެރާފޮދު ހިއްޕެވުމަށްޓަކައި، އަލިރަސްގެފާނު ޕޮޗްގީޒުންނަށް ހަމަލާ ދެއްވުން ހުއްޓަވާ ލެއްވި ވަގުތު، ޕޯޗްގީރުންގެ އަވަރު މީހަކު އެއްލި ތީރަކުން އަލިރަސްގެފާނު އަވަހާރަވީ ކަމުގައެވެ. ރައިވެރިބޭ ޝަހީދުވީ އޭގެ ފަހުގައެވެ.
ޕޯޗްގީޒުންގެ އަނިޔާވެރި، އިސްތިޢުމާރީ ވެރިކަން ފެށުނީ މިދުވަހުއެވެ. ރާއްޖޭގެ ވެރިކަން ކުރީ އަނދިރިއަނދިރީން ނެވެ. އޭނާ އުތުރުގެ އަތޮޅުތަކުގެ ވެރިޔަކަށް ޢައްޔަންކޮށްފައިވަނީ ވިޔަޒޯރުހުރެވެ. ވިޔަޒިރުގެ އަނިޔާވެރިކަން މާލޭން އުތުރުގެ ރައްތަކަށް ތަޙައްމަލުކުރަން ޖެހުނެނެ. އޭނާ ހުރީ އެސަރަހައްދުގެ ވެރިރަށަކީ ބާރަށް ކަމުގައި ހަދައިގެން އެރަށުގައެވެ. އަލިރަސްގެފާނުގެ ހުވަފަތްއަނބިކަމަނާ ކަނބާޢާއިޝާ ފޭރިގަނެ، އެކަމަނާއަކީ އޭނާގެ އަނބިމީހާ ކަމަށް ހެދިއެވެ. އަދި އަލިރަސްގެފާނުގެ ދަރިކަނބަލުންވެސް އޭނާގެ އަޅުވެތިކަމުގެ ދަށުގައި ގެންގުޅުނެވެ.
އެދުވަސްވަރު އުތީމު ބޮޑުތަކުރުފާނު ގެންދެވީ ޙިކުމަތްތެރި ކަމާއެކު ވިޔަޒޯރާ ގާތްގުޅުމެއް ބާއްވަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑުތަކުރުފާނަށް “ވެދުންއޮޑީ”ގެ ނެވިކަން ލިބިވަޑައިގަތެވެ. ވެދުން އޮޑިއަކީ އަތޮޅުގެ ރަށްރަށުން ވިޔަޒޯރަށް ނުވަތަ ޕޮޗްގީޒުން ރައްޖޭގައި ހިންގި އިސްތިޢުމާރީ ވެރިކަމަށް ވެދުން ހިފައިގެން ދާ އޮޑިއެއް ކަމުގައި ވެއެވެ. މިދުވަސްވަރުގެ ތެރޭގައި ބޮޑުތަކުރުފާނު ސިއްތިމާވާރަނި ކިލެގެފާނާ ކައިވެނިފުޅު ބައްލަވައި ގަތެވެ. އަދި އެތަކުރުފާނު ރާއްޖެ ފަތަޙަ ކުރެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި، މަޝްހޫރު ކަޅުއޮއްފުންމި ލިބުނީވެސް ޙިކުމަތްތެރިކަމާއެކު ވިޔަޒޯރާ ބެހެއްތެވި ގުޅުމުގެ ސަބަބުން ވިޔަޒޯރުގެ އެހީގައެވެ.
އެހެންނަމަވެސް އަމިއްލަ އެދުމާއި، ޚިޔާނާތްތެރިކަމުން ފޯވެފައިވާ މަދު ބައެއްގެ ސަބަބުން ބޮޑުތަކުރުފާނުގެ މަޤުސަދު ޙާޞިލް ވުމުގެ ކުރިން ވިޔަޒޯރާއި، ޕޯޗްގީޒުންނަށް އެތަކުރުފާނުގެ މަޤުސަދު އެނގުނެވެ. އެހެންކަމުން މާލޭގައިތިބި ޕޯޗްގީޒުވެރިން ވިޔަޒޯރަށް އެންގީ އުތީމުތިންބެއިން ދިރިތިއްބާ ނުވަތަ މަރާލައިގެން އެތިންބެއިންގެ އިސްތަށިފުޅު މާލެގެނައުމަށެވެ. އެހެންނަމަވެސް ބޮޑުތަކުރުފާނުގެ ޙިކުމަތްތެރި ކަމާއި ހުށިޔާރުކަމުން ޕޯޗްގީޒުންގެ ނުބައިރޭވުމުން ސަލާމަތްވެވަޑައިގެނެވިއެވެ. މާލެއަށް އައި ދަތުރުމަތީގައި ވިޔަޒޯރާއި، އޭނާގެ ހަށިފާރަވެރިންގެ ބޯކަނޑުއްވާލައްވައި ކާށިދޫކަނޑަށް އެއްލާލެވުނެވެ. އެއަށްފަހު އުތީމު ތިންބޭން ރާއްޖެދޫކުރައްވައި، އެބޭފުޅުންގެ ޢާއިލާގެ މީހުންނާއެކު ވަޑައިގަތީ މަލިކަށެވެ. މަލިކުގައި ތިއްބަވައިގެން، ސިއްރިޔާތުގައި ދަތުރުކުރައްވައި ރޭގަނޑު އަނދިރިވުމުން ރާއްޖޭގެ ރަށްރަށަށް އަރާވަޑައިގެން ޕޯޗްގީޒުންނާ ހަނގުރާމަ ކުރެއްވިއެވެ. ދުވާލު އިރުއެރުމުގެ ކުރިން ދަތުރުކުރައްވައި ފިއްލަވައެވެ. މިގޮތުގެ މަތިން ރައްޖެ ރާއްޖެ ފަޠަޙަކުރައްވައި މިނިވަން ކުރެއްވުމުގެ ހަނގުރާމަ، އުތީމުތިންބެއިން ފެއްޓެވިއެވެ.
މިހަނގުރާމައިގައި އެއްރެއަކު ތަކަންދުއަށް އަރުއްވައިގެން އުޅެނިކޮށް، ޕޯޗްގީޒުން ޢަލިތަކުރުފާނު ޝަހިދުކުރިއެވެ. މިގޮތުން ކުރެއްވި ހަނގުރާމައިގައި ބޮޑުތަކުރުފާނު، މާލެ އަރާވަޑައިގެން ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވައި، އެމީހުންގެ އިސްތިޢުމާރީ އަޅުވެތިކަމުން މިޤައުމު ސަލާމަތްކުރެއްވީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަރޭގައެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށުގައި ރާއްޖެ އޮތީ 15 އަހަރާ 7 މަސްދުވަހު ކަމަށް ތާރީޚީ ލިއުންތަކުގައި ވެއެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.