މުޙައްމަދު ޢަބްދުﷲ
ކުޑަވެސް ޝައްކެއް ނެތް ގޮތުގައި ނަމާދަކީ އިސްލާމްދީނުގެ އެންމެ މުހިއްމު ރުކުނެވެ. މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم މިޢުރާޖު އަރައިވަޑައިގެންނެވި ރޭ، ކީރިތިވަންތަ މާތް ﷲގެ ޙަޟްރަތުން މިއުއްމަތަށް ދެއްވި މަތިވެރި ހަދިޔާއެވެ. އިސްލާމްދީނުގެ ދެވަނަ ރުކުން ކަމުގައިވާ ނަމާދަކީ ކޮންމެ ދުވަހަކު ފަސް ފަހަރު އޭގެ ވަގުތުގައި އަދާކުރުން މާތް ﷲ ފަރުޟުކުރައްވާފައިވާ އަޅުކަމެކެވެ. ކީރިތި ﷲ ވަޙީކުރައްވާފައި ވެއެވެ. إِنَّ ٱلصَّلَوٰةَ كَانَتْ عَلَى ٱلْمُؤْمِنِينَ كِتَـٰبًا مَّوْقُوتًا – سورة النساء: 103 (ހަމަކަށަވަރުން ނަމާދަކީ މުއުމިންތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެން އޮތް ފަރްޟެއްކަމުގައި ވެއެވެ.) އެހެންކަމުން ނަމާދު އޭގެ ވަގުތުގައި އަދާކުރުމީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.
ޝަހާދަތުގެ ދެކަލިމަ ކިއުމަށްފަހު ކޮންމެ މުސްލިމަކު އަދާކުރުން ވާޖިބު އެންމެ މުހިއްމު ރުކުނަކީ ނަމާދެވެ. އަދި ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ޙިސާބުބެއްލެވޭނެ އަޅުކަމަކީ ވެސް ނަމާދުކަން ކީރިތި ރަސޫލު صلى الله عليه وسلم ވަނީ އަންގަވާފައެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން އައްތިރްމިޛީއާއި، އަޙްމަދާއި، އަބޫދާވޫދާއި، އައްނަސާއީއާއި، އިބްނުމާޖާ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. إن أول ما يحاسب به العبد يوم القيامة من عمله صلاته فإن صلحت فقد أفلح وأنجح وإن فسدت فقد خاب وخسر (ހަމަކަށަވަރުން އަޅާގެ ޢަމަލުތަކުގެ ތެރެއިން ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ޙިސާބުބެއްލެވޭނީ ނަމާދުގެއެވެ. ނަމާދު ރަނގަޅުވެއްޖެނަމަ ފަހެ އޭނާ ކާމިޔާބުވެއްޖެއެވެ. އަދި ނަމާދު ނުބައިވެއްޖެނަމަ ފަހެ އޭނާ ގެއްލެނިވެއްޖެއެވެ.)
މީގެ އިތުރުން އިތުރު ރަސޫލުﷲ صلى الله عليه وسلم ގެ ޙަދީޘުފުޅުތަކުން އެނގޭ ގޮތުގައި ނަމާދު އަޅާ މީހާއަކީ މުސްލިމުންގެ ތެރެއިން ވާ މީހެއް ނޫނެވެ. މިފަދައިން އައިސްފައިވާ ޙަދީޘުތަކުގެ މާނައިގައި ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭފުޅުން ވިދާޅުވަނީ، މީގެ މާނައަކީ ނަމާދު ވާޖިބުކަމަށް އިންކާރުކޮށް ނަމާދު ނުކުރާ މީހާއެވެ. އަދި މިފަދަ މީހާއީ މުސްލިމެއް ނޫންކަމަށް ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ. ނަމާދު ވާޖިބުކަމަށް ޤަބޫލުކޮށްގެން ހުރެމެ، ފަރުވާކުޑަކަމުން ނަމާދުނުކޮށް ދޫކުރުންމަތީ ދެމިހުންނަ މީހާވެސް ދީނުން ބޭރުވާނެ ކަމަށް ބަޢެއް ޢިލްމުވެރިން ވިދާޅުވިއެވެ.
އެހެންކަމުން، މި ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު، ނަމާދުނުކުރާ މީހާ ނަމާދުނުކޮށް ހުރެ ކިތަންމެ ގިނަ ހެޔޮކަމެއް ކުރިއަސް އެހެޔޮކަމުން އޭނާއަށް ޤިޔާމަތްދުވަހު ފައިދާ ނުކުރުން ގާތްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އޭނާ އެންމެ ފުރަތަމަ ޙިސާބުބެއްލެވޭނެ އަޅުކަމަކީ ނަމާދު ކަމަށް ވާއިރު، އޭނާ ނަމާދު އަދާކޮށްފައި ނުވާނަމަ، އޭނާ މުސްލިމެއްގެ ގޮތުގައި ހުއްޓަސް މިންޖު ނުވާނެތީއެވެ. އަދި ހިމެނިގެން ދާނީ ނަރަކަވެރީންގެ ތެރޭގައެވެ. އޭރުން އެހެން ޢަމަލުތަކުން ލިބުނު ސަވާބުގެ ފައިދާއެއް ނުކޮށް ދިޔައީއެވެ. އަދި އޭނާގެ ޙިސާބުބެއްލެވޭއިރު، ނަމާދަށް އިންކާރުކުރުމުގެ ސަބަބުން އޭނާ ދީނުން ބޭރުވެފައި ހުރެއްޖެ ނަމަ، އެހެން ޢަމަލުތަކުގެ ފައިދާއެއް އަމުދުން ނުކުރާނެއެވެ.
އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރެއިން ވެސް މިއަދު ނަމާދު ނުކޮށް، އެހެން ހެޔޮ ޢަމަލުތައް ކުރާ މީހުން ފެންނަމުން ދެއެވެ. މިފަދަ މީހުން އެބައިމީހުން އެކުރާ ހެޔޮ ޢަމަލުގެ ފައިދާ ޤިޔާމަތް ދުވަހު ލިބިގަންނަން ބޭނުންނަމަ އެބައިމީހުންނަށް ޖެހެނީ އެންމެ ފުރަތަމަ އެންމެ މުހިއްމު އަޅުކަންކަމުގައިވާ ނަމާދަށް އިސްކަން ދޭށެވެ. އެއަށްފަހު އެހެން ހެޔޮ ޢަމަލުތަކަށް އެނބުރޭށެވެ. އެހެންނޫންނަމަ މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބްނު ޢަމްރު ބްނު އަލްޢާޞްގެ އަރިއަހުން އަޙްމަދާއި، އައްޠަބަރާނީއާއި، އިބްނު ޙިއްބާން ރިވާކުރައްވާފައިވާ ޙަދީޘުގައި ވާ ފަދައިން، އެއްވެސް ނޫރެއް، ދިންނެވުމެއް ނެތި ފިރްޢައުނާއި ޤާރޫނު ފަދަ މުޖްރިމުންނާއި އެކު ނަރަކައިގައި އޮންނަން ޖެހުމަކީ ދުރުކަމެއް ނޫނެވެ. އެއީ ނަމާދަށް ރައްކާތެރި ނުވީތީއެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
ކޮމެންޓެއް ދެއްވާ