June 9, 2010 / 3:14 pm

ނޫސްވެރިންނަށް ރާއްޖޭގައި މިނިވަންކަން ރަނގަޅަށް އެބައޮތް

މިސަރުކާރުގައި ނޫސްވެރިއަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނޫހުގައި، ލިޔުނު އެއްޗަކުން މީހާތަނަށް މީހަކު ކުށްވެރިވެފައެއް ނުވެއެވެ. ޓީވީއަކުން ރޭޑިއޯއަކުން ދެއްކި، ފޮނުވި އެއްޗެއްގެ ސަބަބުން ނޫސްވެރިއަކަށް ނުވަތަ މީޑިއާގައި މަސައްކަތްކުރާ މީހަކަށް އަދަބެއް ދެވިފައެއް ނުވެއެވެ. އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރެއް ބަދަލުވެގެން އަންނަ ދުވަސްވަރުގައި ނޫސްވެރިން ހިފެހެއްޓުން އެއީ ބައެއް ގައުމުތަކުގައި ހިނގާކަމެއް ކަމަށް ވިޔަސް އެކަން މިގައުމުގައި ހިނގާފައެއް ނުވެއެވެ. ކުރިއަށްއޮތްތަނުގައިވެސް އެކަން އެގޮތަށް ނުވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ މާނައަކީ އެއްވެސް ހުދޫދެއްނެތި ބޭނުންހާ އެއްޗެއް ލިޔުމެއްވެސް ނޫނެވެ. ކަންކަމަށް ފާޑުކިޔަންވީ ރަނގަޅަށެވެ. އެއްވެސް މީހެއްގެ އަބުރާ ބެހޭކަށް ނުޖެހޭނެއެވެ. އެއީ ދީނީގޮތުންނާއި ގާނޫނީ ގޮތުންވެސް ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަމެކެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ބަލާއިރު ނޫސްވެރިންނަށް މިނިވަންކަން ނެތެކޭ ބުނާކަށް ބޭނުމެއް ނޫންނެވެ. ނަމަވެސް ނޫސްވެރިިކަމަށް މިސަރުކާރުގައި ހުރުތަކެއް އެބަދިމާވެއެވެ. އެއީ ނޫސްވެރިކަން އާލާ ކުރުމަށް މަސައްކަތް ކުރައްވާތަނެއް ނުފެނުމެވެ. ސަރުކާރު ހިންގާ ޕާޓީގެ އިސްބޭފުޅުން ނޫސްވެރިންނަށް ބަހުގެ ހަމަލާ ދެއްވާތަން ފެންނާތީއެވެ. އަޑު އިވޭތީއެވެ. ނޫސްތަކަށް ދެއްވަމުން ގެންދެވި އިޢުލާން، އިސްތިހާރު ހުއްޓުވާ ލެއްވީތީއެވެ. އެންމެފަހުން މީޑިއާއަށް ސަބުސިޑީއެއް ދެއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ނިންމެވިއެވެ. އަދި އެބނަހާނެއް ގޮތްވެސް ނިންމެވިއެވެ. އެކަމަކު މިހާތަނަށް އައިއިރުވެސް ސަރުކާރުން އެއަށް ޢަމަލީ ފިޔަވަޅެއް އަޅުއްވާފައެއް ނެތެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެން ކަމުން ސަރުކާރުން ނޫސްވެރިންނަށް ހުރަސް ނޭޅުއްވި ކަމަށްވިޔަސް ނޫސްވެރިކަމަށް ގަސްތުގައި ނޫނަސް ހުރަސް އެޅުއްވެމުން ގެންދެވާ ކަމަށް ގަބޫލު ކުރަން ޖެހެއެވެ.

ނޫސްވެރިއާގެ މިނިވަންކަމަށް ކޮންމެ ފަރާތަކުން އަރައިގެން ކަމަށްވިޔަސް އޭނާއަށް އެނގޭނެއެވެ. ނޫސްވެރިޔާ ދާން ޖެހޭ ދިމާއިން ގޮސް މަޢުލޫމާތު ހޯދުމަށް މަސައްކަތްކޮށް މަޢުލޫމާތު ނުލިބޭ ކަމަށްވާނަމަ އޭނާގެ މިނިވަންކަމަށް އަރައިގަނެވުނީއެވެ. އޭނާގެ މަސައްކަތްތަކަށް އެޅެން އޮތް އެންމެ ބޮޑު ހުރަސް އެޅުނީއެވެ.

ނޫސްވެރިޔާ ގެންގުޅޭ މިންގަނޑުގެ ތެރޭގައި އޭނާއަށް ނޫސްވެރިކަމުގެ މިނިވަންކަން އެބައޮތް ކަމަށް އޭނާއަށް އިހުސާސް ކުރެވޭ ކަމަށްވާނަމަ އޭނާ އަކީ މިނިވަނެކެވެ. މިއިހުސާސް ނުކުރެވޭ ކަމަށްވާނަމަ އޭނާއަށް އެޅިފައިވަނީ ކޮންހުރަހެއްތޯ އަމިއްލައަށް ބަލައި ރަނގަޅު ކުރަން މަސައްކަތްކުރަންވާނެއެވެ. ކަމާނެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެންވެސް އެކަމެއް ހައްލުކުރަން ވާނެއެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް އެބައޮތް ކަމަށް ބުނާއިރު މައުމޫންގެ އެންމެ ފަހުދައުރުގައި މިނިވަންކަންއޮތް ވަރަށް ނެތްކަމަށް ބުނާ މީހުންވެސް އެބައުޅެއެވެ. ގަބޫލު ކުރަންވީ އެއްވެސް އިރެއްގައި ނޫސްވެރިންވެސް ބޭނުންވާހާ ގޮތަކަށް މިނިވަންކަމެއް ނުދެވޭނެކަމެވެ. އެއީ އެއްވެސް ގައުމެއްގައި ކުރާނެ ކަމެއްނޫނެވެ. މިނިވަންކަން ނެތިގެން ވާހަކަ ދައްކާމީހުން ބޭނުންވާ ވަރަކަށް މިިނިވަންކަން ދެވޭކަށްވެސް ނޯންނާނެއެވެ. ނޫސްވެރިކަމުގެ މިނިވަންކަންވެސް ދެވޭނީ ވަކިވަރަކަށެވެ. ނޫސްވެރިން އެމީހުންގެ ގޮތުގައި ބޭނުންނުވާނެ އެއްވެސް މަޢުލޫމާތެއް ނޯންނާނެއެވެ. އެންމެ ކުޑަމިނުން އެއްގޮތަކަށްވެސް ނުލިބޭނެކަން ޔަގީންވާ ކަހަލަ މަޢުލޫމާތު ހޯދަންވެސް ނޫސްވެރިން ޝައުގުވެރިވާނެއެވެ. އެމަޢުލޫމާތު ނުލިބުމުން  އެއީ މިނިވަންކަން ނެތުން ކަމަށް ދަޢުވާ ކޮށްގެން ނުވާނެއެވެ.

ނޫސްވެރިންނަކީވެސް ވަކި ހަމަތަކެއް ހިފަހައްޓަންޖެހޭ ބައެކެވެ. އެހަމަތަކުން އެމީހުން ނެއްޓިގެން ނުވާނެވެ. ނޫސްވެރިންނަށް ވީތީއެވެ. ނޫސްވެރިން މިނިވަން ކަމަށް މަސައްކަތްކުރާއިރުވެސް ގަބޫލު ކުރަންޖެހޭ އަދި ޢަމަލު ކުރަންޖެހޭ ކަންކަންވެސް ހުންނާނެއެވެ. އެއްޗެއް ލިޔެ އާންމު ކުރާއިރު އިސްލާމްދީނާ ޚިލާފު އެއްޗަކަށް ވެގެންނުވާނެއެވެ. ޤާނޫނާއި ގަވާޢިދާ ޚިލާފު އެއްޗަކަށް ވެގެންނުވާނެވެ. އެއްވެސް މީހެއްގެ އަބުރާ ބެހިފައިވާ އެއްޗަކަށް ވެގެން ނުވާނެއެވެ. އޭގެ ސަބަބުން އެއްވެސް ބައެއްގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ އެއްޗަކަށް ވެގެން ނުވާނެއެވެ. މިހަމަތަކުގައި ހިފަހައްޓާ ނޫސްވެރިއަކަށް އެއްވެސް މައްސަލައެއް ދިމާނުވާނެއެވެ. އެއީ ޔަގީންކަމެކެވެ. ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ކަމަށްވާނަމަ އެކަން ހޯދައިދިނީ ކާކުތޯ ބެލުމަށްވުރެ މުހިންމުވާނީ އެކަން ދެމެހެއްޓުމެވެ. ނެތްނަމަ ކަމާބެހޭ ފަރާތްތަކުން އެމިނިވަންކަން ހޯދައިދޭން ޖެހޭނެއެވެ. ނޫސްވެރިކަމުގެ ޤާނޫނުތައް ހަދައި ތަންފީޒު ކުރެވެން ވާނެއެވެ. ޤަވާޢިދުތައް ހަދައި އެގަވާޢިދުތައްވެސް ތަންފީޒު ކުރެވެން ވާނެއެވެ. އޭރުން ނޫސްވެރިންނަށްވެސް ފަސޭހަވާނެއެވެ. އެމީހުންގެ ދާއިރާ ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ.

ނޫސްވެރިޔާއަށް މިނިވަންކަން އޮތްކަން އޭނާ އަމިއްލައަށް ދެނެގަންނާނީ ކިހިނެއްތޯ އަމިއްލައަށް ބެލިދާނެ ގޮތްވެސް އޮންނާނެއެވެ. މައުޟޫއެއް ނަގަންވީއެވެ. އެއާ ބެހޭ މަޢުލޫމާތު ހޯދަންވީއެވެ. މަޢުލޫމާތު ހޯދުމުގައި ދަތިކަމެއް ހުއްޓަސް މަޢުލޫމާތު ލިބިއްޖެ ކަމަށްވާނަމަ އޭނާ އުފާ ކުރަންޖެހޭނެއެވެ. އެއީ މަޢުލޫމާތު ލިބުނު ކަމުގެ އުފަލެވެ. މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ހޯދަން އެކަށީގެންވާ މަސައްކަތެއްކޮށް އެކަން ނުވެއްޖެ ކަމަށް ވާނަމަ އެއީ މިނިވަންކަން ނެތީ ކަމަށް ކަނޑައެޅިދާނެއެވެ. މަޢުމާތު ހޯދާނެ ގާނޫނެއް ނުވަތަ ގަވާއިދެއް އޮތްކަމަށްވާނަމަ ނޫސްވެރިޔާ މަސައްކަތްކުރަންވާނީ އެލައިނުންނެވެ. އެއީ އެއްވެސް ފަރާތަކަށް ގާނޫނާއި ގަވާއިދުން ބޭރުގައި ކަމެއް ނުކުރެވޭނެ ތީއެވެ. ދެން ބަލަންވީ އެއެއްޗެއް ލިޔުމުގައި އެއްވެސް ގާނޫނީ ހުރަހެއް އޮތްތޯއެވެ. އިޖުތިމާޢީ މައްސަލައެއް އޮތްތޯއެވެ. މިކަންކަމަށް ރިޢާޔަތްކޮށް ލިޔާ އެއްޗެއްގެ ނޭދެވޭ އަސަރަށްވުރެ ކުރާނީ ފައިދާއެވެ. ކޮންމެ ގޮތަކަށް ލިޔުނަސް އޯޑިއަންސްގެ ޚިޔާލު ތަފާތުވާނެއެވެ. ނުރުހޭ މީހުންނާއި ރުހޭ މީހުންވެސް ތިބޭނެއެވެ. ގަބޫލުކުރެވޭ އޮޕީނިއަން ނުވަތަ ފީޑޔބެކް އަންނަ ގޮތަށް ގަބޫލުކުރަން ބޭނުންނުވާ ފީޑުބެކްވެސް އަންނާނެއެވެ. ނެގެޓިވް ފީޑުބެކް ލިބުނަސް އެކަމަށް ހާސްވުމުގެ ބަދަލުގައި އުފާކުރުން ރަނގަޅެވެ. އެއީ އޭނާގެ ލިޔުން ބަޔަކު ކިޔައިފިކަން އެނގުނީމައެވެ. ބަޔަކު ކިޔާނީ އެއީ ރަނގަޅު އެއްްޗަކަށް ވުމުންނެވެ. ރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންވަނީ ކިހާވަރަކަށްތޯ ނޫސްވެރިއެއްގެ ގާތު އަހައިފިނަމަ އޭނާއަށްވެސް ދޭނެ ޖަވާބެއް ނޭނގިދާނެއެވެ. ޖަވާބަކަށް ވިޔަސްވާނީ އެންމެ ބޮޑަށެވެ. ހައްދެއްނެތް މިންވަރަށެވެ. އެހެންވީމާ މިކަމުގައި ނޫސްވެރިއެއްގެ ވިސްނުމުން ވިސްނާ ކަމަށްވާނަމަ ހައްދެއްނެތެވެ. ނަމަވެސް ރެގިޔުލޭޓު ކުރާފަރާތްތަކުން ވަކި ހަމައެއް ހިފަހައްޓާނެއެވެ. އެހަމަތަކަށް ނޫސްވެރިން ޖެހޭނީ ތަބާވާށެވެ. އެހަމަތަކަކީ ނޫސްވެރިންނަށް ގަބޫލު ނުކުރެވޭ ހަމަތަކަށްވާނަމަ އެމީހުން ބޭނުންވާ ހަމަތަކަށް އެކަން ބަދަލު ކުރުމަށްވެސް ކެތްތެރިކަމާއެކު މަސައްކަތް ކުރެވިދާނެއެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo