June 3, 2010 / 12:29 pm

ދިވެހި “ރައްޔިތެއްކަން އަންގައިދޭ ކާޑު” އުވިދިއުން

ދިވެހި “ރައްޔިތެއްކަން އަންގައިދޭ ކާޑު” އުވިދިއުން

1 ކޮމެންޓް

މަތިންދާބޯޓެއްގެ ތެރޭގައި ފަތުރުވެރިޔަކު އާފަތިސްނޫސް ބަލަނީ.


އަޙްމަދު ޖަދުޢާން

އައިޑެންޓީޓީ، (އައި.ޑީ) ކާޑު ނުވަތަ ކާކުކަން އަންގައިދޭ ކަޑަކީ މިހާރު ކޮންމެހެން މުހިންމު އެއްޗެކެވެ. އެއާ ނުލައި އުޅުމަކީ މިޒަމާނުގައި، ދިރިއުޅުމުގައި ދަތިތަކާ ކުރިމަތި ވާނޭ ކަމެކެވެ. ބޭންކް ތަކާއި ސަރުކާރުގެ މުއައްސަސާތައް އަދި ކޮންމެ ދުވަހަކު ޚިދުމަތް ހޯދަންޖެހޭ އިދާރާތަކުންވެސް ޚިދުމަތް ލިބެން އޮންނަނީ މިދެންނެވި، ތިމާއަކީ ކާކުކަން އަންގައިދޭ ކާޑު އޮވެގެންނެވެ. ދުލުން ތިމަންނާ އަކީ “މުޞްޠަފާ” އޭ ޢުމުރަކީ މިވެނި ވަރެކޭ، ދިވެއްސަކީމޭ ބުންޏަސް މިޒަމާނުގައި އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެއެވެ. ޤަބޫލުކުރާނީ އެއްކަލަ ކާޑު ދެއްކުމުންނެވެ.

މިފަދަ މަޢުނަވީ، “ކާކުކަން އަންގައިދޭ ކާޑެއް” ޤުދުރަތުން އަޅުގަނޑުމެން ދިވެހިންނަށް ވަނީ ދެއްވާފައެވެ. އެއީ ދުނިޔޭގެ ނަންމަޝްހުރު ބޮޑެތި ބައެއް ޤައުމުތަކަށްވެސް ލިބިފައިނުވާ ނިޢުމަތެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުން ވާހަކަ ދައްކާ އުޅޭއިރު އެއީ މިވެނި ޤައުމެއްގެ މީހެއް ކަމަށް ބުންޏަސް އޭގެ ހެއްކެއް ފެންނާކަށް ނޯވެއެވެ. ލިއެކިއުންތައް ބަލައި ކުޑަ ދިރާސާއެއް ހަދަން ޖެހެއެވެ. އަމިއްލަ ވަންތަ ކަމުގެ “ފުރާނައެއް” ނުހުރެއެވެ.  މިދެންނެވި މަޢުނަވީ އައިޑީ ކާޑަކީ ނުވަތަ ކާކުކަން އަންގައިދޭ ކާޑަކީ އަޅުގަނޑުމެންގެ ބަހެކެވެ. “ދިވެހި ބަހެވެ.” ދިވެއްސަކު ދިވެހިބަހުން ވާހަކަ ދެއްކުމުން އެއީ ދިވެއްސެއް ކަން އެނގޭނެއެވެ. އެއީ ޤައުމެއްގެ ބަޔަކަށް ނިސްބަތްވާ މީހެއް ނޫންކަމާއި، ވަކިޚާއްސަ ޤައުމަކަށް ނިސްބަތްވާ މުސްތަޤިއްލު މީހެއް ކަން ދޭހަވާނެއެވެ.

މިދިޔަ 2009 ވަނަ އަހަރުގެ ދުނިޔޭގެ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ޔުނެސްކޯގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް ކުއިޝީރޯ މަތުސޫރާ ވިދާޅުވެފައިވަނީ ބަހަކީ ފަރުދަކު، އެއީ ކާކުކަން އަންގައި ދިނުމާ ނުވަތަ “އައިޑެންޓީޓީ” އަންގހައިދިނުމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އެއްޗެއް ކަމުގައެވެ. އަދި ދުނިޔޭގައި މިހާރު މީހުން ވާހަކަދައްކަން ބޭނުންކުރާ، ހަހާސް ބަހުގެ ތެރެއިން ދެބައިކުޅަ އެއްބައި ބަސް އުވިދާނެކަމުގެ ނުރައްކަލާ ކުރިމަތި ވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގައި މިހާރު ވާހަކަ ދައްކަމުންދާ ބަސްބަހުގެ ތެރެއިން ކޮންމެ ދެހަފްތާއަކުން، ބަހެއް ނެތިގެންދާކަމަށާއި އުވިގެންދާ ކޮންމެ ބަހަކާއެކު އެއުވިގެންދަނީ ކޮންމެވެސް ބަޔަކު މިދުނިޔެއާމެދު ކުރާ އިޙްސާސް ކަމުގައި ކުއިޝީރޯ ވިދާޅުވެފައި ވެއެވެ. ޔުނެސްކޯއިން ހާމަކޮށްފައި ވާގޮތުގައި، އިންޓަރުނެޓު ވެބްސައިޓުތަކުގައި ހިމެނޭބައިތަކުގެ72 އިންސައްތަ ހިއްސާކުރަނީ އިނގޭސިބަހެވެ.7 އިންސައްތަ ހިއްސާކުރަނީ ޖަރުމަނުބަހެވެ. ފަރަންސޭސި، ޖަޕާނު، ސްޕޭނު މިބަސްތައް އިންޑަނެޓްގައި ޙިއްސާކުރަނީ އެންމެ 3 އިއްސައްތައެވެ. ދުނިޔޭގެ ބަސްބަހުގެ 90 އިންސައްތަ އިންޓަރނެޓުގައި އެއްގޮތަކަށްވެސް ބޭނުމެއް ނުކުރެއެވެ. މީގެ އިތުރުން ދުނިޔޭގެ ބަސްބަހުގެ ތެރެއިން 20 އިންސައްތަ އަކީ އެބަސްބަހުން ލިޔެ ނޫޅޭ ބަސްބަސް ކަމަށްވެސް ޔުނެސްކޯގެ ތަފާސްހިސާބު ތަކުން ދައްކައެވެ.

އަޅުގަނޑުމެންގެ ޤައުމު ކިތަންމެ ކުޑަނަމަވެސް، އަމިއްލަ ބަހެއް އެބައޮތެވެ. އެބަހުން ވާހަކަ ދައްކާ މީހުން ކިޔަންމެ މަދުނަމަވެސް ނިސްބަތުން، އިންޓަނެޓުގައި އަޅުގަނޑުމެންގެ ބަސް ބޭނުންކުރާލެއް މަދެއް ނޫނެނެ. އަޅުގަނޑުމެންވަނީ ޤައުމުގެ އުފެއްދުންތެރިކަން ކިޔަންމެ ކުޑަނަމަވެސް އަޅުގަނޑުމެންގެ ބަސް ޓެކްނޮލަޖީގެ ތެރެއަށްވެސް ބައްދާފައެވެ. ކޮންޕިއިއުޓރާއި، މޯބައިލް ފޯނުގައިވެސް އަޑުގަނޑުމެންގެ ބަހައި އަކުރު ބޭނުން ކުރެވޭ އެއްޗަކަށް ހަދާފައެވެ. އަދި މިނޫނަސް މިފަދަ އެތައް މަސައްކަތްތަކެއް ބަހައްޓަކައި އަޅުގަނޑުމެން މިވަނީ ވޭތުވެދިޔަ މާޟީގައި ކޮށްފައެވެ. އެއީ އަޅުގަނޑުމެންގެ “އައިޑެންޓިޓީ” ދެމެހެއްޓުމަށްޓަކައެވެ. އަޅުގަނޑުމެންނަކީ ދިވެހިންގެ ގޮތުގައި ދެމިތިބުމަށެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ތަޢުލީމީ ނިޒާމު ބިނާވެފައި އޮންނަނީ އަޅުގަނޑުމެންގެ މާދަރީބަސް، ދިވެހި ބަހުގެ މައްޗަކަށް ނޫނެވެ. އިގިރޭސި ބަހުގެ މައްޗަށެވެ. ތަޢުލީމީ ނިޒާމުގެ ތެރެއިން ދިވެހި ބަސް ދެމެހެއްޓުމަށްޓަކައި، އެބަސް ކިޔަވައި ދިނުމަށް ކުރެވެނީ ވަރަށް ކުޑަކުޑަ މސައްކަތެކެވެ. މަދަރުސާތަކުގައި “ދިވެހިބަސް” ކިޔަވައިދޭ އެންމެ ގަޑިއެއް އޮންނައިރު ދަރިވަރުންނަށް ދިވެހިބަހުގެ ހުނަރުތައް އެނގޭ އެންމެބޮޑު ވަސީލަތަކީ ސްކޫލްތަކުގެ ފެންވަރުގައްތާއި، ބައެއްފަހަރު ޤައުމީ ފެންވަރުގައި އޮންނަ އަދަބީ މުބާރާތްތަކެވެ. ފަހަކަށް އައިސް އެފަދަ ކަންކަން ވަރަށްބޮޑަށް މަދުވެ “ތަދު” ވެފައިވާކަމީ ހިތާމަހުރި ކަމެކެވެ.

ކަންމިހެން ހުރިއިރުވެސް އަޅުގަނޑުމެންނަށް މިހާރު އެންމެ އަޑުހަރުކޮށް އިވޭ، ވާހަކައަކީ ރާއްޖޭގެ ތަޢުލީމީ މަރުޙަލާގައި ދިވެހިބަހަކީ ކޮންމެހެން ކިޔަވަންނުޖެހޭ މާއްދާއެއްގެ ގޮތުގައި ސަރުކާރުން ނިންމެވި ވާހަކައެވެ. ނުވަތަ ނިންމަވަން އުޅޭ ވާހަކައެވެ. ވިސްނާލަންޖެހޭ ކަމަކީ މިހާރުވެސް ބައެއްރަށް ރަށުގެ ޕްރައިމެރީ ގްރޭޑްތަކަށްވެސް ދިވެހި މުދައްރިސުން ނެތިގެން ދިވެހިބަސް ކިޔަވައި ދެއްވުމުގައި ދަތިތައް ކުރިމަތިވަމުން ދާކަމެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދިވެހިބަހަށާއި ބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް ދެއްވާ އަހަމިއްޔަތުކަން ކުޑަވެއްޖެނަމަ، މުދައްރިސުން އެހެން ދިމާއަކަށް އެނބުރުމަކީ ނުވެނުދާނެ ކަމެކެވެ. އޭރުން ދިވެހިބަސް ކިޔަވައިދެއްވާނެ މީހަކު ނެތިގެން ހުރިހާ ގްރޭޑްތަކެއްގައި ބަސް ކޮންމެހެން ކިޔަބަން ނުޖެހޭއެއްޗަކަށް ވާނީބާއެވެ؟ މިވެސް އުފެދޭ ސުވާލެކެވެ.

އަޅުގަނޑުމެންގެ ތުއްތު ކުޑަކުދީންނަށާއި މަދަރުސާތަކުގެ ދަރިވަރުންނަށް ރަނގަޅަށް ދިވެހިބަސް ދަސްކޮށް ނުދެވުމަކީ ބަސް ފަނާވެގެން ހިނގައިދާނެ ކަމެކެވެ. މާދަމާގެ ޒުވާން ޖީލު އެމީހުންގެ އަމިއްލަވަޒަނުގައި ބީރައްޓެހިންނަށް ވެދާނެ ކަމެކެވެ. އެމީހުންގެ “އައިޑެންޓިޓީ” ނެތިދާނެ ކަމެކެވެ.

Tweet this! Share on Facebook

1 ކޮމެންޓް

  1. މިބަހަކީ ވަރަށްތަފާތު ސިފައެއްލިބިގެންވާ ވަރަށް ފަސޭހަ ފަށުވިބަހެއް މިމުއްސަސަދިކޮށްކުރިއެރުވުމަކީ ކޮއްމެދިވެއްސެއްގެ ފަރުދީ ޒިއްމާއަކަށް ވުމުގެއިތުރުން ގައުމީއަދި، ސަލާމަތީ ގޮތުންވެސް އަދިރައްކާތެރިކަމުގެ ގޮތުންވެސް ކުރިއަރުވަންޖެހޭ ބަހެއް. މިކަންފާހަގަކުރެވެނީ އެހެންބަސަބަހުން ވާހަކަދައްކާ އުޅޭ މީހުން ބަސް މޮށުމުގައި މަޚްރަޖަ ކުރަންއުދަގުވެގެން އުޅޭ އުޅުން ދިވެހިދަރިޔަކުގެ ކިބައިން ވަރަށްމަދުންނޫނީ ފެނިފައިނުވާކަން މީގެން ވެސް މިއެނގެނީ އިސްލާމްދީން ދިވެހިން މަތިވެރި ކޮށްދިންފަދައިން ދިވެހިބަސް އަހަރުމެން ފާހަގަކޮށްދީފިކަން މިފާހަގަވުން މިހާރުމިއޮތް ގޮތަށް ނުވަތަމިއަށްވުރެބޮޑަށްވެސް ކުރިއަށްގެންދެވޭނީ ހަމައަހަރުމެނަށް، ބޭރުން ބަޔަކުނާންނާނެ އެކައަހަރުމެނަށްކޮށްދޭކަށް!

    June 4, 2010 / 14:27:13

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo