June 2, 2010 / 5:47 pm

އަލްމަރްޙޫމް އިބްރާހީމް ނާޞިރު 1926 – 2008

އަލްމަރްޙޫމް އިބްރާހީމް ނާޞިރު 1926 – 2008

ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނަކީ ވެލާނާ މަނިކުފާނުގެ (މަލިންގޭ ޙަސަންދީދީގެ) މުޙައްމަދުދީދީގެ އަޙްމަދުދީދީ (ވެލާނާގޭ އަހައްމައިދީ) ގެ އިބްރާހީމް ނާޞިރެވެ. މަންމައަކީ ފުވައްމުލަކު ޢާއިޝަތުދީދީއެވެ.

އިބްރާހީމް ނާޞިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1926 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު، މާލޭގައެވެ. އެމަނިކުފާނު ތަޢުލީމު ޙާޞިލު ކުރެއްވީ ސިލޯނު (ޝްރީލަންކާ) އިންނެވެ. ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަން އެމަނިކުފާނު 11 ވަރަކަށް އަހަރު ކުރެއްވިއެވެ. އަދި ދެވަނަ ފަހަރަށް ޖުމްހޫރިއްޔާއެއް ޤާއިމުވުމަށްފަހު އެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކު ކަމުގައި އެމަނިކުފާނު ހޮވިވަޑައިގަތެވެ.

ދިވެހިރާއްޖޭގެ ވެރިކަމުގެ ދާއިރާއަށް އެމަނިކުފާނު ވެދެވަޑަިގެންނެވި ދުވަސްވަރަކީ ރާއްޖޭގެ މަސްރަޙު އެވަގުތު އޮތް ގޮތުން އެހިނދަށް އެފަދަ ވެރިއަކަށް ރާއްޖޭގެ ރައްޔިތުން އެދިއެދި ތިބި ދުވަސްވަރެކެވެ.

ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ވަޒީރުންގެ މަޖިލީހުގައި ފުރަތަމަ ބައިވެރިވެވަޑައިގަތީ ވަޒީރުލްމާލިއްޔާގެ ގޮތުގައެވެ. އެމަނިކުފާނުގެ ޢުމުރުފުޅުން 28 އަހަރުފުޅުގައި 1954މ. ވަނަ އަހަރުގައެވެ. އަދި އެކި ފަހަރުމަތިން ދާޚިލީ ވަޒީރުކަމާއި، އަމަންޢާއްމުގެ ވެރިކަމާއި، ޓްރޭޑް މިނިސްޓަރުކަމާއި، އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރުކަން އަދާކުރައްވާފައި ވެއެވެ.

އެމަނިކުފާނަކީ ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރިއާއި ދަތުރުފަތުރާއި މުވާޞަލާތުގެ ރޮނގުން ދިވެހި ޤައުމަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައި ދެއްވާފައިވާ ބޭފުޅެކެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް ކަންތައްތަކަކީ:

  1. ދިވެހީންގެ ފުރަތަމަ އެއަރޕޯރޓު ބިނާ ކުރެއްވުން.
  2. ބްރޯޑްކާސްޓް އަދި ޓެލެކާސްޓް ކުރަން ފެށުން.
  3. ޓޫރިޒަމް ތަޢާރަފް ކުރެއްވުން.
  4. މަސް ބަންދުކުރާ ކާރުޚާނާއެއް ޅ. ފެލިވަރުގައި ހެއްދެވުން.
  5. އިނގިރޭސިބަހުން ދިވެހިރާއްޖޭގެ ނަމަކީ “މޯލްޑިވްސް” ކަމުގައި ހަމަޖެއްސެވުން.
  6. ކީރިތި ޤުރްއާން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުން.
  7. ރާއްޖޭގެ ތަޢުލީމު ކުރިއެރުވުމާބެހޭ ދިރާސާ ކުރެއްވުން.
  8. ދިވެހިރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވަން ފެށްޓެވުން.
  9. ރާއްޖޭގައި މުދައްރިސުން ތަމްރީނު ކުރައްވަން ފެށްޓެވުން.
  10. އެކި މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކާއި އޮފީސްތައް އުފެއްދެވުން. މީގެ އިތުރުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަތޮޅު ކޯޓު އުފައްދަވައި، ރާއްޖޭގައި ޕޮލިސް (ފުލުހުން) އުފައްދަވައި އެއަރ މޯލްޑިވްސް އުފެއްދެވުން ހިމެނެއެވެ.
  11. ދިވެހި ޑިޕްލޮމެޓިކް ޕާސްޕޯޓު އުފެއްދެވުން.

ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުގައާއި ރައީސްކަމުގެ ދުވަސްވަރުގައި ހިނގި އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކަކީ ދިވެހިރާއްޖެއަށް ސިޔާސީގޮތުން ފުރިހަމަ މިނިވަންކަން ލިބުމާއި، ޒަމާނުއްސުރެ ރާއްޖޭގައި ވިޔަފާރި ކުރަމުން އައި ވޯރާއިން ރާއްޖެއިން ފޮނުވާލެއްވުމެވެ. މީގެ އިތުރުން އައްޑޫ މައްސަލައާއި 1974މ. ޖޫން މަހުގެ ތެރޭގައި ކުރިމަތިކުރި ބޮޑު ބުރާސްފައްޗާއި 1975މ. މާޗް ކުޑަ ބުރާސްފައްޗަކީވެސް އެމަނިކުފާނު ދައުލަތް ހިންގެވި ދުވަސްވަރު އެމަނިކުފާނަށް ކުރިމަތިވި ކަންތައްތަކެވެ.

ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރަށް ލިބިވަޑައިގެންނެވި ލަގަބުތަކުގެ ތެރޭގައި ނިޝާން ޣާޒީގެ ޢިއްޒަތްތެރިވެރިކަމުގެ މެޑެއްޔާއި، އިނގިރޭސި ރާނީ އެލިޒަބަތު (2) ރާއްޖެ ވަޑައިގެން ކޭސީއެމްޖީގެ މެޑެލް ދެއްވުން ހިމެނެއެވެ.

އެމަނިކުފާނުގެ އަމިއްލަ ޙަޔާތްޕުޅަށް ބަލާއިރު ތިން ބޭފުޅުންނާ ކައިވެނި ބައްލަވައިގަތެވެ. އެއީ 1950މ. ވަނަ އަހަރު މާކިލާފާނު ގަނޑުވަރު ގޮމާގެ ޢާއިޝަތު ޒުބައިރު، 1953މ. ގައި އައްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ މަރިޔަމް ސަޢީދު، 1969މ. ގައި ކެރަފާ މުޙައްމަދު ކަލޭފާނުގެ ނަސީމާ މުޙައްމަދުއެވެ. މިތިން ބޭފުޅުންނަށްވެސް ބޭފުޅުން ލިބިވަޑައިގަތެވެ.

އެމަނިކުފާނުގެ ޚާއްޞަ ޝައުޤެއްކަމުގައި ވެވަޑައިގެންފައިވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި ކެޔޮޅުކަމު ވަޑައިގަތުމާއި، ރިޔާނެގި ދޯނިފަހަރު ދުއްވުމާއި، ބަގީޗާ ހެއްދުން ހިމެނެއެވެ.

1978 ނޮވެމްބަރު 10 ގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އަމިއްލަފުޅަށް ވަކިވެ ވަޑައިގެންނެވުމަށްފަހު އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ރާއްޖެ ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެން ދިރިއުޅުއްވަމުން ގެންދެވީ އެ ޤައުމުގައެވެ. އެމަނިކުފާނު އަވަހާރަވީ 22 ނޮވެމްބަރ 2008 ގައި ސިންގަޕޫރުގައެވެ. އޭރު ޢުމުރުފުޅަކީ 82 އަހަރެވެ. ވަޅުފުޅުލާފައިވަނީ ފުރަމާލޭގެ ހުކުރު މިސްކިތު ގޯތިތެރޭގައެވެ. މާތް ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ނިޢުމަތް ދާއިމަށް ލައްވާށިއެވެ. އާމީން.

Tweet this! Share on Facebook

1 ކޮމެންޓް

  1. ެއެމަނިކްފާނަކީ މިގައުމުގެ ދީނާ ވަތަނުގެއެއްބައިވަން ތަކަމަށްޓަކައި ހިތާއިރޫހުން މަސައްކަތް ކުރެއްވި ދުރުވިސްނޭ ޖެހިލުންކުޑަ ހިއްވަރުގަދަފަހުލަވާނެއް ކާމިޔާބް ލީޑަރެއް ދިވެހިލެއާއި ހޫނުކަން ބަހާއިއަމަލުން ދައްކުވައިދިންމިނިވަންކަމުގެ ބަނީ،ދިވެހިދިދަ ވައިގެތެރޭ ވިހުރުވޭ ކޮންމެ ވިހުރުމަކުން އެމަނިކްފާނަށް ހެޔޮދުއާތަކުން ރުއްސެވުމާއި ފުއްސެވުމަށް އެދި ދަންނަވާ މިނިވަންކަމުގެ ބަތަލް..

    June 4, 2010 / 14:05:55

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo