May 31, 2010 / 11:27 am

ދޮންބަންޑާރައިން: ހުރަވީދުވަހުގެ ބަޠަލް

ޤައުމީ ގޮތުން ފާހަގަ ކޮށްލެވޭ މުހިންމު ދުވަސްތައް ފާހަގަ ކުރުމަކީ ކޮންމެ ޤައުމެއްގެ ޙަޔާތުގައިވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެގޮތުން ރާއްޖޭގައި ފާހަގަ ކުރަމުންދާ މުހިންމު ދުވަސް ދުވަހުގެ ތެރެއިން ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ފަޚުރުވެރި ހުރަވީދުވަހެވެ.

ހުރަވީދުވަހުގެ ގޮތުގައި މިދުވަސް ފާހަގަ ކުރަންފެށީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލް އާޚިރާ މަހުގެ ތިންވަނަދުވަހު އެވެ. މިއަދަކީ މިގޮތުން އަޅުގަނޑުމެން ފާހަގަ ކުރާ 31 ވަނަ ހުރަވީދުވަހެވެ. މި ދުވަސް ނިސްބަތްވަނީ ހުރާ ދޮންހަސަންމަނިކުފާނެވެ. އެއީ ހިޖުރީ ގޮތުން 1166 ވަނަ އަހަރު ގެ ޖުމާދިލްއާޚިރާ މަހުގެ ތިންވަނަ ދުވަހު، ދޮންބަންޑާރައިން އިސްވެހުންނަވައިގެން މާލާބާރީން ނުވަތަ ހޮޅީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވިހާދިސާ އަށެވެ. އެޙާދިސާ ހިނގީ ރޭގަނޑެއްގައި ކަމަށް ތާރީޚީ ފޮތްތަކުގައި ވެއެވެ.

ހުރާ ދޮން ހަސަންމަނިކުފާނު (ދޮންބަންޑާރައިން) ގެ ކޮލީ ނަންފުޅަކީ، އައްސުލްތާނުލް ޣާޒީ ހަސަންއިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ނެވެ.

ތާރީޚީގޮތުން އެނގެން އޮތް ގޮތުގައި ރާއްޖޭގެ މިނިވަންކަން ގެއްލި ޤައުމު ބޭރުބައެއްގެ އަތްދަށަށް ދިޔަ ކޮންމެ ޙާދިސާއެއްގައިވެސް އެކަމުގެ އަޑީގައި ދިވެހި ޚާއިނުންގެ މަދުބަޔަކު ތިބެއެވެ. އެގޮތުން މަލާބާރީންގެ އަތް ދަށަށް ރާއްޖެ ދިޔަ ހާދިސާއަށް ބަލާއިރުވެސް ޤައުމުގެ އިއްޒަތްތެރި ދެ ބޭފުޅަކު ވަނީ ޤައުމަށް ޚިޔާނާތްތެރި ވެފައެވެ. އާޚިރުގައި މިދެ ބޭފުޅުންނަށް ލިބިވަޑައިގަތީ ހިތްދަތި ކަމާ ހިތާމައެވެ. ގެއްލުމާއި ހަލާކެވެ. ތާރީޚީ ގޮތުން ފެންނަން އޮތް އަނެއް ހަޤީގަތަކީ ދިވެހިންގެ ކެރޭކަމާއި ހިތްވަރުގަދަ ކަމެވެ. ކިތަންމެ ވަރުގަދަ ބާރަކަށް ވިޔަސް، އެބާރަކުން މިޤައުމުގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމާ ކުޅެލައިފިނަމަ، އެބައެއްގެ ވަސް މިފަސްގަނޑުން ފިލުވައި ކލުމުގައި ދިވެހި ބަޠަލުން ދައްކުވައިދީފައިވަނީ ޝުކުރާއި ތަޢުރީފް ގައްޤު މިޘާލު ތަކެކެވެ. ކޮށްފައިވަނީ ވަރުގަދަ ޖިހާދު ތަކެކެވެ. އެގޮތުން ދޮންބަންޑާރައިންގެ ޖިހާދަކީވެސް ދިވެހިން ނަސްރާއި ކާމިޔާބު ހޯދި މަތުވެރި ޖިހާދެކެވެ.

ދޮންބަންޑާރައިންގެ ޖިހާދުގެ ޙާދިސާއަށް ބަލާއިރު، ހޮޅީން ރާއްޖޭގެ ވެރިކަމަށް ވެރިވެގަނެ، މާލޭގައި ވެރިކަން ކުރަމުން ގެންދިޔައީ ވެޔޮދޮށުގަނޑުވަރުގައެވެ. ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލް އާޚިރާމަހުގެ ތިނެއްވީ ރޭ މެންދަމު ދޮންބަންޑާރައިން ދިވެހީންގެ ހިތްވަރުގަދަ ބަޔަކު ގޮވައިގެން، ވަޑައިގެން މަލާބާރީންނަށް ކުއްލި ޙަމަލާއެއް ދެއްވައި އެމީހުން ބަލިކޮށް ލެއްވިއެވެ. މިކަމުގައި ދޮންބަންޑާރައިން ދައްކަވާފައި ވަނީ އާދަޔާޚިލާފު މޮޅުރޭއްވުންތެރި ކަމަކާއި ހިއްވަރެކެވެ. ޙިކުމަތްތެރިކަމާއި ސާބިތު ކަމެކެވެ. މަލާބާރީން ނުވަތަ ހޮޅީންގެ އަޅުވެތިކަމުގައި ރާއްޖެ އޮތީ ޖުމުލަ ހަތަރު މަސްދުވަހަށް ވުރެވެސް ކުޑަ މުއްދަތަކު ކަމަށް ބައެއް ތާރީޚީ ފޮތްތަކުގައި ވެއެވެ.

ދޮންބަންޑާރައިންގެ ޖިހާދަށްފަހުވެސް އެމަނިކުފާނުގެ ސިޔާސީ ހަރުދަނާ މަސައްކަތް ޕުޅުތަކެއް ތާރީޚުން ފެންނަން އެބައޮތެވެ. އޭގެތެރެއިން އެދުވަސްވަރު، ދޭތެރެދޭތެރެއިން ރާއްޖެއާ ތޮޅެމުންދިޔަ ހޮޅީންގެ އުނދަގުލުން ރާއްޖެ ދިފާޢުކުރުމަށްޓަކައި ފަރަންސޭސި ވިލާތުގެ ސިފައިންގެ އެހީތެރިކަން ހޯއްދަވާފައި ވެއެވެ. މިއީ އެ ބަންޑާރައިންގެ ހަރުދަނާ ޚާރިޖީ ސިޔާސަތު ދައްކުވައިދޭ ތާރީޚީ ހެއްކެކެވެ. މީގެ އިތުރުން ވެސް ދޮންބަންޑާރައިން ވަނީ އަގުހުރި ޤައުމީ ޚިދުމަތްތަކެއް ކުރައްވާފައެވެ. އޭގެތެރޭގައި ސިޔާސީ، އިޖްތިމާއީ، އިގްތިސާދީ، އަދިއަސްކަރީ ޚިދުމަތްތައް ފާހަގަ ކޮށްލެވެއެވެ.

ދޮންބަންޑަރައިންނަށްފަހު އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްވާ ބައެއް ބޭބޭފުޅުންވެސް ރަސްކަން ކުރައްވާފައި ވެއެވެ. އޭގެތެރޭގައި ފާހަގަ ކޮށްލެވޭ ބައެއް ބޭފުޅުންނަކީ ދޮންބަންޑާރައިންނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ކަމަށްވާ އައްސުލްތާން މުހައްމަދު ޝަމްސުއްދީނު (2) ، އަދި ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން، ޣިޔާސުއްދީނު ރަދުންނެވެ.

ދޮންބަންޑާރައިންނަކީ ވަރަށް އަޚުލާގު ރަނގަޅު ހިތްޕުޅު ހެޔޮ ރައްޔިތުންނަށް ކަމޭހިއްތެވި ވެރިއެއްކަން ތާރިޚުން އެނގެން އެބައޮތެވެ. އެގޮތުން އެމަނިކުފާނު ރަސްކަމަށް އިސްވެ ވަޑައިގަތުމުގައި އަމަލުކުރެއްވި ގޮތް އެއީ މީގެ އެއްމިސާލެވެ. ހޮޅީންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔައިރު ރައްޖޭގެ ތަޚުތުގައި އިންނެވީ އައްސުލްޠާނު މުކައްރަމް މުހައްމަދު އިމާދުއްދީނެވެ. އެހެންނަމަވެސް ހޮޅީންވަނީ އެރަދުންނާއި ދައުލަތުގެ ބައެއް އިސް ބޭފުޅުންރާއްޖެއިން ގެންގޮސްފަ އެވެ. ދޮންބަންޑާރައިން ހޮޅީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތް ކުރައްވައި ދިވެހިގައުމު މިނިވަން ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް ރާއްޖޭގެ ވަލީ ނުވަތަ ރަސްކަން ހައްޤުވެއްޖެކަމަށް ދިވެހިން ޤަބޫލުކުރިއެވެ. އަދި ވެރިކަން ޤަބޫލުފުޅު ކުރެއްވުމަށް ދިވެހިން އެމަނިކުފާނުގެ ކިބައިން އެދުމުން އެކަން ގަބޫލުފުޅު ނުކުރައްވައި ޤައުމު ހިންގެވުމާ (ވަގުތީގޮތުން) ޙަވާލުވެ ހުންނެވި އެވެ.  މިއީ އެމަނިކުފާނަކީ ވެރިކަމުގެ އެދުންފުޅުން އެއްކިބާވެ ހަމައެކަނި ޤައުމީ ލޯބީގައި ޖިހާދުކުރެއްވި ބަޠަލެއްކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ.

ދޮންބަންޑާރައިން ރާއްޖޭގެ ރަސްކަން ޤަބޫލުފުޅު ކުރެއްވީ ހޮޅިން ރައްޖެއަށް ވެރިވެގަތް ދުވަސްވަރު ހުންނެވި ރަދުން  އައްޞުލްޠާން މުކައްރަމް މުހައްމަދު އިމާދުއްދީނު، މަލިކުގައި ހުންނަވައި އަވަހާރަވުމަށް ފަހުގަ އެވެ. ދޮން ބަންޑާރައިން ރާއްޖޭގެ ރަސްކަންކުރެއްވީ ހިޖުރައިން 1173، ވަނައަހަރުގެ ރަބީއުލްއާޚިރާ މަހުގެ 15 އިން ފެށިގެން، ހިޖުރައިން 1180 ވަނައަހަރުގެ ރަމަޞާން މަހުގެ 2 ވަނަ ދުވަހާ ހަމައަށެވެ

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo