July 18, 2010 / 6:42 pm

ޤާނޫނާޚިފަށް ސަރުކާރުން ހައްޔަރުކޮށްފައިވާ ޢަބްދުﷲ ޔާމިން މިނިވަންކުރުމަށް ގޮވާލައިފި

ޤާނޫނު އަސާސީއާޚިލާފަށް ސަރުކާރުން ހައްޔަރުކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މ.މުލަކު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕަލްއެލަޔަންސް (ޕީއޭ)ގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަގުތުން މިނިވަންކުރުމަށް ގޮވާލައި ރޭވެސް މުޒާހަރާކޮށްފިއެވެ.

ސަރުކާރަށް ތަޢީދުކުރާމީހުން މަގުމައްޗަށް ނުކުމެ މުޖުތަމަޢުގެ މަސްލަޙަތު ނަގާލައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނައި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންގެ ގެދޮރާއި މުދަލަށް ގެއްލުންދީ މާލެތެރޭގައި ހަމަނުޖެހުން އުފައްދަން ފެށުމާއި، ޤާނޫނާއި ޚިލާފަށް ސަރުކާރުން އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކުރަމުންދާތީ ފެށިމުޒާހަރާތަކުގައި ގިނަޢަދަދެއްގެ ޢައްމު ރައްޔިތުންދަނީ ބައިވެރިވަމުންނެވެ.

އެގޮތުން ރޭގެ މުޒާހަރާގައިވެސް ގިނަޢަދަދއެްގެ ބަޔަކު ބައިވެރި ވެފައި ވެއެވެ. އެއްވިމީހުން ގޮވާލާފައިވަނީ ވަގުތުން ޔާމީން މިނިވަންކުރުމަށެވެ. އެއްވެސް ކުށެއްނެތި މީހެއްގެ ނުރުހުމުގައި މީހަކު ހައްޔަރުކޮށްގެން ގެންގުޅެވޭނެ ޤާނޫނީ ހައިސިއްޔަތެއް ނެތްކަމަށާއި، ޔާމީން ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚީލާފަށް ކަމަށް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއްމެމްބަރުން ރޭގެ މުޒާހަރާގައި، ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ހެދިގޮނޑުދޮށު ސަރަޙައްދުގައި ޑީއާރުޕީ އޮފީސްކުރިމަތީގައި މިމުޒާހަރާ ކުރިއަށްދިޔަވަގުތު ލޮނުޒިޔާރަތްކޮޅު ސުނާމީބިނާ ކައިރީގައި ސަރުކާރަށް ތަޢީދުކުރާ ބަޔަކުވެސް ދިޔައީ މުޒާހަރާކުރަމުންނެވެ. އެމީހުން ވަނީ އިދިކޮޅު ޕާޓީތަކުގެ އިސްވެރިންގެ އިސްތަށިފުޅުގައި ކޮރަޕްޝަންގެ ތުހުމަތު އަޅުވައި ވާހަކަ ދައްކާފައެވެ.

މި އެއްވުންތައް ކުރިއަށް ދިޔަވަގުތު ސިފައިންނާއި ފުލުހުން ފުލްގިޔަރުގައި މާލޭގެ މަގުތަކުގައިވަނީ ހަރަކާތްތެރިވެފައެވެ. އަދި އެއްވުންތައް ހިނގަމުން ދިޔަބ ސަރަޙައްދުތަކުވެސް ސިފައިންނާއި ފުލުހުން ގެންދިޔައީ ފޯރިމަރަމުންނެވެ.

ޔާމީން ސަރުކާރުން ހައްޔަރުކުރީ މިދިޔަ ބުދަދުވަހުގެ ރޭ އެމްޑީޕީން ހެދިގޮނޑުދޮށު ސަރަޙައްދުގައި ބެއްވި ޚައްސަ ޖަލްސާއަކަށްފަހު އެވެ. އެޖަލްސާގައި ރައީސްނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަރަށް ހަރުކަށި ޢިބާރާތުން އިންޒާރުތަކެއް ދިން މިޖަލްސާގައި ރައީސް ނަޝީދުވެސް ވަނީ “ޗާޓުން ބޭރުން” ބައެއްކަން ކުރައްވާނެ ކަމަށް ވިދަޅުވެފައެވެ. އަދި އެޖަލްސާގައި ވާހަކަފުޅު ދެއްކެވި އެމްޑީޕީގެ އަދި ސަރުކާރުގެ ބައެއް އިސްވެރިންވަނީ ޔާމީންގެ ގޭދޮށަށް ގޮސް އޭނާ ހައްޔަރުކުރުމަށައި، ފަނޑިޔާރުންގެ ގޭގެދޮށަށް އެއްވުމަށްވެސް ގޮވާލާފައެވެ.

އެޖަލްސާގައި ބައިވެރިވި މީހުން ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެ އެގެކޮޅަށް ގާއުކައި ގެއްލުންދިނެވެ. މާގިނަ އިރުތަކެއް ނުވެ، ރާއްޖޭގެ އަސްކަރީ ސިފައިންވަނީ އަބްދުﷲ ޔާމީނަށް ހިމާޔަތް ދޭން ކަމަށް ބުނެ އޭނާ ހައްޔަރުކޮށްފައެވެ. އޭރު ޔާމީން ހުންނެވީ ޕީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ލިޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައިސް އަޙްމަދު ނާޒިމްގެ ގެކޮޅުގައެވެ. ޙިމާޔަތް ބޭނުންނޫންކަމަށާއި، ސިފައިން، އަދި ފުލުހުންގެ ބެލުމުގެ ދަށަށްވެސް ދާން ބޭނުންނުވާކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވުމުންވެސް ސިފައިންވަނީ ގަދަކަމުން ޔާމީން ހައްޔަރުކުރައްވާފައެވެ.

ސިފައިން ޔާމީންގެންދެވީ ގަދަކަމުން ކަމަށައި، އޭނާއަކީ މިހާރު “އަސީރެއް” ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި ޔާމީންވަނީ މީޑިއާގައި ވިދާލުވެފައެވެ. ޤާނޫނީ ވަކީލުން މެދުވެރި ކުރައްވައި، އަދި ފޯނުގެ ޒަރީއްޔާއިން ޔާމީން ވަނީ އޭނާ ހައްޔަރުކުރުމާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތު ހާމަކުރައްވާފައެވެ.

ޔާމީން ހައްޔަރުކުރީ ނޫންކަމަށާއި އޭނާ ސިފައިންގެ ބެލުމުގެ ދަށުގައި ބަހައްތަން ޖެހުނީ މިހާރު މާލެތެރޭގައި ސަލާމަތީކަންކަން ހުރިގޮތުން އޭނާއަށް ޙިމާޔަތް އެރުވުމަށްކަމަށް ސިފައިން ބުނެއެވެ.

ޔާމީން ހައްޔަރުކޮށްފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ކަމަށްބުނެ އޭނާ ބަންދުން ދޫކޮށްލުމުގެ އަމުރަކަށް އޭނާގެ ޤާނޫނީ ވަކީލުންގެ ޓީމުން ޖިނާއީ ކޯޓުގައި އެދުނެވެ. އެއާގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ޖިނާޢީކޯޓުންވަނީ ދެ ގަޑިއިރުގެ ތެރޭގައި ޔާމީން ކޯޓަށް ހާޒިރު ކޮށްދިނުމަށް އަމުރުނެރެފައެވެ. އެހެންނަމަވެސް އެކޯޓުއަމުރަށް ސިފައިން ކިޔަމަން ނުވިއެވެ. ޔާމީން ކޯޓަށް ގެނެވެން ނެތްކަމަށް ސިފައިންވަނީ ބުނެފައެވެ.

ދެންފެނިގެންދިޔައީ އެރޭ ޔާމީންގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމިތަނެވެ. އެހެންނަމަވެސް ސިފައިން ކޮޓަށް ޖަވާބުދާރީ ނުވުމުގެ ސަބަބުން އެކަންވެސް ކުރެވޭގޮތެއް ނުވިއެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

Sorry, comments for this entry are closed at this time.


Partner Logo Partner Logo Partner Logo Partner Logo Partner Logo