ނަނާ ހުވަފެނުގެ ރީތި ރާގު ގެ އަޑު މިހާރު މުޅިން ކެނޑިއްޖެއެވެ. މިސަރުކާރުގައި ސިޔާސީ ކުށްވެރިންނެއް ނުތިބޭނެ ކަމަށް ވިދާޅުވީ ވިދާޅުވުންވެސް މާޒީ ވެއްޖެއެވެ. އޯގާތެރި ސަރުކާރުގެ އޯގާތެރި ކަމާމެދު ސުވާލު އުފެދެން ފަށައިފިއެވެ. އަބަދުވެސް މިހާރު ހިތަށް ވަންންނަނީ އެންމެ އެއްޗެކެވެ. މިގައުމުގެ ރައީސުލް ޖުމްހޫރިއްޔާ ގެ ބާރުފުޅު ގަދަކެމެވެ. ގައުމުގެ އެންމެ މަތީވެރިޔާއަށް ވާތީއެވެ. ދައުލަތުގެ އެންމެ މަތީވެރިޔާއަށް ވާތީއެވެ. ފުލުހުންނާއި ސިފައިންގެ އެންމެ މަތީވެރިޔާއަށް ވާތީއެވެ. މިނަން އެންމެވެސް ދަންނާނެއެވެ. ނަމަވެސް ޖޫން 92 ވަނަދުވަހު ކެބިނެޓު އިސްތިއުފާ ދެއްވުމުން ރައީސް ނަޝީދުވަނީ މިބާރުވެރިކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް ހަނދާން ކޮށްދެއްވާފައެވެ.
ވެރިޔަކު ރައްޔިތުންނަށް އިންޒާރު ދެއްވިފަދައެވެ. ރައްޔިތުންގެ ފަރާތުން ލިބިގެން އަންނަ ބާރެއް ކަމަށް އެމްޑީޕީން ބުނަމުންދާއިރު ރައީސް އެވިދާޅުވި ވިދާޅުވުމުގެ ބާރުވެސް އައިސްފައިވަނީ ރައްޔިތުންގެ ފަރާތުންނެވެ. އެހެންވީމާ އެންމެންނަށްވެސް ހަމަހަމަ ގޮތެއްގައި ކަންކަން ކުރެވެންވާނެއެވެ. ހަމަހަމަ ގޮތެއްގައި އިންސާފު ހޯދައިދޭންވާނެއެވެ. ނަމަވެސް މިހާރު މިވަނީ މިހެން ހެއްޔެވެ؟ ރައްޔިތުންގެ ތެރެއިން މިހާރު ބައެއް މީހުން ބުނަމުންދަނީ ރާއްޖޭގައި ވެރިކަން ކުރަމުންދަނީ ގާނޫނުން ބޭރުގައި ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ޗާޓުން ބޭރުގައިވިޔަސް ކުރަން ޖެހުނު ކަމެއް ކުރައްވާނެ ކަމަށެވެ.
މިސަރުކާރު ވެރިކަމަށް އައުމުން މަސައްކަތް ފެށި ހަނދާނާއި މަސައްކަތް ނިމި ވެރިކަމުގެ ތަޚުތުގައި އިށީނދެ ވަޑައިގެންނެވުމަށްފަހު ކަންތައްވަމުންދާ ގޮތް އެބަފެނެއެވެ.
ރާއްޖެއަށް އެންމެ ފުރިހަމަ ޑިމޮކްރަސީއެއް ގެންނެވުމުގެ ނަމުގައި އެމްޑީޕީން މަސައްކަތް ފެށިއެވެ. ރައްޔިތުންނަށް ކުރީގެ ސަރުކާރުގެ ބަލިފައިތައް ދައްކައި އެމްޑީޕީއަށް ވެރިކަން ލިބިއްޖެ ކަމަށްވާނަމަ ކަންތައް ކުރައްވާނެގޮތް ރައްޔިތުންނަށް ބުނެދެމުން ރައްޔިތުންގެ ހިތުގައި ކުރީ ސަރުކާރާމެދު ނުތަނަވަސްކަން އުފެއްދިއެވެ. ކުރީ ސަރުކާރުންވެސް ގޯސްކޮށް ކަންތައް ނުވެޔެކޭ ނޫނެވެ. 30އަހަރުގެ ދިގު ވެރިކަމެއް ކޮށްފައި ދާއިރު އުނިކަންކަން ހުންނާނެއެވެ. ފުރިހަމަ ނުވާކަންކަން ހުންނާނެއެވެ. މިކަންކަން ފުރިހަމަ ކުރުމަށް އެމްޑީޕީ ވެރިކަމަށް އައުމުން ކުރަމުން އައި މަސައްކަތް ކާމިޔާބުވާނެ ކަމަށް ބެލެވެން ފެށީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގާސިމް އިބްރާހީމާއި، ޑޮކްޓަރ ޙަސަން ސަޢީދު އެމްޑީޕީ އިއްތިހާދާ ގުޅުނު ހިސާބުން ފެށިގެންނެވެ.
އޭރު ގާސިމް އިބްރާހީމް ފަދަ ބޭފުޅުން މިހާރުގެ ރައީސް ނަޝީދަށް ތަޢުރީފުގެ ބަސްތައް އޮއްސަމުން ދިޔައެވެ. އެއީ އޭރު ނަޝީދު ދައްކަވަމުން ގެންދެވި ވާހަކަތަކަށް އިތުބާރު ކުރައްވާފައި އެގޮތަށް ކަންތައް ކުރައްވާނެ ކަމަށް އުންމީދު ކުރެވުނީތީ ދެކެވުނު ވާހަކައެކެވެ. ޖުމްހޫރީ ޕާޓީއާއެކު އަނގަބުހުންނާއި ލިޔުމުން އެއްބަސްވުމެއްގައި ސޮއިކޮށް އެޕާޓީއަށް ސަރުކާރުގެ ވަރުގަދަ މގާމްތަކެއްވެސް ހަވާލު ކުރެވުނެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓްރީ، އެޓަރނީޖެނެރަލް އޮފީސް، ޓޫރިޒަމް މިނިސްޓްރީ ފަދަ މަގާމްތައް ހިމެނެއެވެ. ނަމަވެސް މަހެއްހާ ދުވަސް ތެރޭގައި ހޯމް މިނިސްޓަރު ގާސިމް އިބްރާހީމް މިސަރުކާރުން އިސްތިއުފާ ދެއްވިއެވެ. ބަންޑާރަ ނާއިބަށް ވީގޮތެއް ނޭނގުނެވެ. ޑޮކްޓަރ ޙަސަން ސަޢީދު ރައީސްގެ މުޝީރު ކަމުން އިސްތިއުފާ ދެއްވިއެވެ. އެހިސާބުން ފެށިގެން މިސަރުކާރުގައި ރެނދުލާފައިވާ ކަމަށް ބުނަން ފަށައިފިއެވެ.
މިހާރު ގާސިމް އިބްރާހީމަކީ މިސަރުކާރާ އިދިކޮޅު ޚިޔާލުގެ ބޭފުޅެކެވެ. ޑޮކްޓަރ ޙަސަންވެސް އެފަދައެވެ.
އިދިކޮޅު ޕީއޭ ގެ ލީޑަރ ޔާމީން މިހާރުވެސް ހުންނެވީ ސިފައިންގެ ޙިމާޔަތުގައެވެ. ނަމަވެސް އޭނާއަށް ހީމާޔަތް ދީފައިވަނީ އޭނާވެސް ބޭނުން ނުވަނީހެވެ. މިސަރުކާރުން މިހާރު ކަންތައް ކުރަމުންދަނީ ޚުދުމުޚުތާރުކޮށް ކަމަށް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި މިހާރުވެސް ދަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން މިކަމަށް އެއްބަހެއް ނުވެއެވެ. މިހާރު ދިމާވެފައިވާ ހަމަނުޖެހުމަށް އިތުރު ހަމަނުޖެހުން އައީ އެމްޑީޕީން މަގުމައްޗަށް ނިކުތުމުންނެވެ. އަދި ރައްޔިތުންގެ ކޯޓު ހުޅުވުމުންނެވެ. މިހާރު ޑީއާރުޕީންވެސްވަނީ މަގުމަތީ އިޚިތިޔާރު ކޮށްފައެވެ. ސިލްސިލާ އެއްވުންތައް ބޭއްވުމަށް އެޕާޓީންވެސްވަނީ ނިންމާފައެވެ. މިކަންކަން ހުއްޓާލައި ގައުމާއިގެން އަމާން ބަދަރަކަށް ދާންވެއްޖެއެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.