July 18, 2010 / 9:21 am

“ހުންނަވާނީ ޤާނޫނީ އިމުގެތެރޭގައި ރައްޔިތުންގެ ހައްޤުގައި”- ޔާމީން

“ހުންނަވާނީ ޤާނޫނީ އިމުގެތެރޭގައި ރައްޔިތުންގެ ހައްޤުގައި”- ޔާމީން

އަޙްމަދު ޖަދުޢާން

ކޮމެންޓެއް ނެތް


އަބަދުވެސް ހުންނަވާނީ ޤާނޫނީ އިމުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ހައްޤުގައި ކަމަށައި، ރައްޔިތުންގެ ހައްޤުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އެމަޖިލީހުގެ ބޭރުން ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މުލަކުދާއިރާގެ މެމްބަރު އަދި ޕީއޭގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޙިމާޔަތް އެރުވުމަށް ކަމަށްބުނެ ސިފައިން ހައްޔަރު ކޮށްފައިވާ ޔާމީން މިހެން ވިދަޅުވީ އޭނާގެ ޤާނޫނީ ވަކީލާ އަލްއުސްތާޛާ ޢައިޝަތު ޢާޒިމާ ޝަކޫރު މެދުވެރި ކުރައްވައި ދެއްވި ބަޔާނެއްގައެވެ. އެބަޔާނުގައި ޔާމީން ވިދާޅުވެފައިވަނީ ސިފައިން އޭނާ ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި މުލަކުދާއިރާގެ މެމްބަރު އަޙްމަދު ނާޒިމްގެ ގެކޮޅުގައި ހުންނަވަނިކޮށް ގަދަކަމުން ކަމުގައެވެ. ޙިމާޔަތް ދިނުމަށްކަމަށްބުނެ ޔާމީންގެ ނުރުހުމުގައި ސިފައިން އޭނާ އާރަށަށް ގެންދިޔައީ މާލެތެރޭގެ މަސްރަޙު ހަލަބޮލިވެ ޔާމީންގެ ޢާއިލާއަށް ޖިސްމާނީގޮތުން ބޮޑެތި ގެއްލުންތަކެއްގެ ނުރައްކާ ކުރިމަތިވެފައި ވަނިކޮށް ކަމަށައި، އަދި ޔާމީންގެ ޢާއިލާއަށް އޭނާގެ އެހީތެރިކަމާއި ޙިމާތަތް އިންތިހާއަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށްވެސް އެބަޔާނުގައި ވެއެވެ.

ޤާނޫނު އަސާސީގެ ދަށުން މިފަދަ ގޮތަކަށް މީހެއްގެ މިނިވަންކަން އެމީހެއްގެ ނުރުހުމުގައި ނިގުޅައިގަނޭވެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި، ޤާނޫނު އަސާސީން އޭނާއަށް ލިބިދީފައިވާ ހުރިހާ މިނިވަންކަމެއް ސަރުކާރުން ނިގުޅައިގެންފައިވާކަން ޔާމީންގެ ބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ. އަދި ޝަރުޢީދާއިރާއަށް ސަރުކަރުން ބިރުދައްކާ، ގަދަބާރުން ކަންކަން ކުރައްވާކަންވެސް ޔާމީންވަނީ ފާހަގަކުރައްވާފައެވެ.

ސިފައިންގެ ބެލުމުގެ ދަށުގައި އާ ރަށުގައި ހުންނެވި ޔާމީން ޖިނާއީ ކޯޓަށް ދެ ގަޑިއިރުގެ ތެރޭގައި ހާޒިރު ކޮށްދެއްވުމަށް ކޯޓުން އަމުރު ކުރުމުން ވެސް ސަރުކާރުން އެކަން ކޮށްދީފައި ނުވެއެވެ. އަދި ޣައިރުޙާޒިރުގައި އެމައްސަލަ ބަލަން އުޅުމުން ކޮޓަށް ޖަވާބުދާރީ ވެފައިވެސް ނުވެއެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

Sorry, comments for this entry are closed at this time.


Partner Logo Partner Logo Partner Logo Partner Logo Partner Logo