ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ސިއްރުގައި މަސައްކަތް ކުރިކަމަށް ދިވެހި ޤައުމީ ޕާޓީން ތުހުމަތު ކޮށްފިއެވެ. މިގޮތަށް ތުހުމަތު ކޮށްފައިވަނީ އެޕާޓީގެ ރަސްމީ ވެބްސައިޓުގައެވެ.
ސަރުކާރު ވައްޓާލުމަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ކޮޅެއް މަސައްކަތްކުރައްވާ ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައި ކަމަށާއި މިކަމަކީ އިދިކޮޅު މެންބަރުން ކުރައްވާ ކަމެއްކަމަށް ތުހުމަތުކޮށް ރައީސް ނަޝީދުވަނީ ތިންބޭފުޅަކު ބައްދުކޮށް އެބޭފުޅަށް ބިރުދައްކާ އެކަމަކީ އެބޭފުޅުން ކުރެއްވި ކަމެއްކަމަށް ދޭހަވާގޮތަށް ޚަބަރު ފަތުރާފައި ކަމަށް ޤައުމީޕާޓީން ތުހުމަތު ކޮށްފައި ވެއެވެ. އެހެންނަމަވެސް އެއީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ރައީސް ނަޝީދު ކުރެއްވި ކަމެއް ކަމަށާއި، ރައީސްނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓުނަގަން އެންމެއަޑީގައި ސިއްރުން މަސައްކަތްކުރަނީ ސީދާ އެމްޑީޕީގެ މެންބަރުން ކޮޅެއްކަމުގައި ޤައުމީ ޕާޓީން ބުނެއެވެ. އެމެމްބަރުން ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ފެށީ ސަރުކާރު ހިގަމުންދާގޮތާމެދު ހިތްހަމަނުޖެހިގެން ކަމަށާއި އެމްޑީޕީގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ގަބޫލުކުރާ ގޮތުގައި ނަޝީދުގެ ސަރުކާރު ހިގަމުން މިދަނީ ރައްޔިތުންގެ ޙައްޤާ މަސްލަޙަތު ހިމާޔަތްކުރުމުގެ ބަދަލުގައި ބައެއް އެކްޓިވިސްޓުން އެދޭގޮތަށް އެފަރާތްތަކުގެ މަސްލަޙަތު ހިމާޔަތްކުރުމުގައިވެސް ޤައުމީ ޕާޓީން ބުނެއެވެ.
“މިފަދަ ސަރުކާރެއް އޮތުމަކުން ރައްޔިތުންނަކަށް ލިބޭނެ އެއްވެސް ފައިދާއެއް މަންފާއެއް އޮންނާނެކަމަކަށް ގަބޫލު ނުކުރެވޭތީ ވީހާވެސް އަވަހަކަށް މިސަރުކާރު ވައްޓާލަންވީކަމަށް މިމެންބަރުން އެއްބަސްވިއެވެ. މިމެންބަރުންގެ ތެރޭގައި ރާއްޖޭގެ އެންމެ އުތުރަށް ނިސްބަތްވާ ދެމެންބަރަކާއި މާލެއަށް ނިސްބަތްވާ މެންބަރަކާއި ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ މެންބަރަކު ހިމެނެއެވެ. މިމެންބަރުން މިކަމުގައި ވަރަށް ފުންކޮށްވިސްނާފައި އިދިކޮޅުފަރާތްތަކުގެ އެއްބާރުލުން ހޯދުމަށްވަނީ ވަރަށް ގިނަމަސައްކަތް ކޮށްފައެވެ. އަދި މިގޮތުން އެކިފަހަރުމަތިން އިދިކޮޅުފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވައި ސިއްރިއްޔާތުގައި މިކަންކުރިއަށް ގެންގޮސްފައިވަނިކޮށް ދާދިފަހުން ރައީސް އަލްފާޟިލް ނަޝީދަށް ހެޔޮއެދޭ ފަރާތަކަށް މިޚަބަރުލިބިގެން ރައީސްއަރިހުގައިވަނީ ދަންނަވާފައެވެ.” ޤައުމީ ޕާޓީގެ ރަސްމީ ވެބްސައިޓުގައި ހާމަކޮށްފައި ވެއެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.