July 13, 2010 / 4:45 pm

މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެވުނީތީ ޤާސިމް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިއްޖެ

މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެވުނީތީ ޤާސިމް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިއްޖެ

އަޙްމަދު ޖަދުޢާން

ކޮމެންޓެއް ނެތް


މިހާރުގެ ސަރުކާރު ގެނައުމަށް އެންމެފުޅާދާއިރާގައި މަސައްކަތްކުރެއްވި، މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އދ.މާމިގިލީ ދާއިރާގެ މެމްބަރު މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލިޑަރ ޤާސިމްއިބްރާހީމް، މިސަރުކާރު ގެނައުމަށް މަސައްކަތް ކުރެވުނީތީ ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދެފިއެވެ.
އިދިކޮޅު ޑީއާރުޕީ، ޕީއޭ، އަދި ޤައުމީޕާޓީއާއި ޖުމްހޫރި ޕާޓީ ގުޅިގެން ރޭ ހެދިގޮޑުދޮށު ސަރަޙައްދުގައި ބޭއްވި ޢާއްމު ބައްދަލުވުމުގައި ޤާސިމް ވިދާޅުވީ، މިސަރުކާރުކާރުގެނައުމަށް މަސައްކަތް ކުރެއްވިއިރު، މިހާރު ސަރުކާރުން ކަންތައްތައް ކުރައްވާގޮތަށް ކަންތައްތައްދާނެ ކަމަށް ހީފުޅު ނުކުރައްވާ ކަމުގައެވެ.

ރޭގެ ޖަލްސާގައި ގާސިމްވަނީ ރައީސް ނަޝީދުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ވަރަށް ބޮޑަށް ޤުރުބާންވެ ވެވަޑައިގެން ރައްޔިތުންނަށް ސަލާންޖެއްސެވި ކަމަށް އަމިއްލަފުޅަށް ވިދަލުވެފައެވެ. އެމަނިކުފާނާއި ޑރ. ހަސަން ސަޢީދު މަސައްކަތް ނުކުރެއްވި ނަމަ ރައީސްނަޝީދުގެ ސަރުކާރު ރައްޖޭގެ ވެރިކަމުގައި ނުއޮތީސްކަމުގައި ޤާސިމް ވިދާޅުވިއެވެ. އެހެންނަމަވެސް ވެރިކަން ލިބިވަޑައިގަތުމުން ރައީސްނަޝީދުވަނީ ކުރިން ކުރެއްވި ވަޢުދުތަކާއި އަޙްދުތައް އުވާލައްވައި އަމިއްލަފުޅު އެދުން ކުރިއަށް ނެރުއްވާފައި ކަމަށް ޤާސިމް ތުހުމަތުކުރެއްވި އެވެ.

ޤާސިމް ވިދާޅުވީ ރައީސް ނަޝީދަކީ އިޚުލާސްތެރިއަކަށް ވާނެ ކަމަށް ހީކުރެއްވި ނަމަވެސް އެކަންވީ ހިތި ޒަހަރަކަށް ކަމުގައެވެ.

ރޭގެ ޖަލްސާގައި ޤާސިމްވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމަށް ވަރަށްބޮޑަށް ތަޢުރީފްކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީ ހެދިއިރު ރައްޔިތުންގެ ޚައްސަމަޖިލީހުގެ ރައިސްކަންވެސް ކުރައްވާފައިވާ ޤާސިމް ވިދާޅުވީ ރައީސް މައުމޫނުގެ ފުރިހަމަ ބާރައި އަޣްލަބިއްޔަތު އޮތް މަޖިލީހަކުން މިފަދަ ފުރިހަމަ ޤާނޫނު އަސާސީއެއް ހަދައި ރައްޔިތުންނާހަމަށް ގެނެސްދިނީ އެމަނިކުފާނު އެކަން ބޭނުންފުޅު ވެގެން ކަމުގައެވެ. އެއީ އެމަނިކުފާން ކުރެއްވި އިސްލާޙީ މަސައްކަތެއް ކަމަށާއި، އެކަމުގެ “ކްރެޑިޓް” ނަގަން އެހެންމީހަކު މަސައްކަތް ކުރިޔަސް އެކަންނުވާނެ ކަމުގައެވެ.

އެންމެފަހުން ބެއްވި ރިޔާސީ އިންތިޚާބުގައި ރައީސްކަމަށް ކުރިމަތި ލެއްވި ޤާސިމް ރޭވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޤަސްތުނުކުރައްވާ ކަމުގައެވެ. ނަމަވެސް އަބަދުވެސް ހުންނަވާނީ އިސްލާޙުގެ މަގުގައި އިސްލާހަށް މަސައްކަތް ކުރެއްވުންމަތީކަމަށް ޤާސިމް ވިދާޅުވިއެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

Sorry, comments for this entry are closed at this time.


Partner Logo Partner Logo Partner Logo Partner Logo Partner Logo