ގުޅިފައިވާ އިއްތިހާދުން ހޮނިހިރުދުވަހުގެރޭ ބާއްވަން އޮތް އެއްވުން މޫސުން ތަންނުދުނުމުގެ ސަބަބުން ފަސްކުރުމަށްފަހު މިރޭ ހެދިގޮނޑުދޮށް ސަރަޙައްދުގއި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެންމެބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީ އާއި ޕީއޭ، އަދި ޖުމްހޫރީޕާޓީ އާއި ޤައުމީޕާޓީ ގުޅިގެން ބޭއްވުމަށް ހަމަޖެއްސި މި އެއްވުމަކީ ސަރުކާރުން ގޭބަންދުކުރި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޫމްހޫރީ ޕާޓީގެ ރައީސް ގާސިމު އިބްރާހިމާއި، މުލަކު ދާއިރާގެ މެންބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީނާއި، ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމު ދޫކޮށްލުމަށް ގޮވާލުމުގެ ގޮތުން އިންތިޒާމްކުރި މުޒާހަރާއެކެވެ. އެހެންނަމަވެސް މުލަކުދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީނާއި، މާމިގިލީ ދައިރާގެ މެމްބަރު ޤާސިމް އިބްރާހީމް ދޫކުރުމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރުމާގުޅިގެން މިހާރު އެދެބޭފުޅުންވަނީ މިނިވަން ވެފައެވެ. މިރޭ ހެދި ގޮނޑުދޮށުގައި އޮންނަ އެއްވުމުގައި އެދެބޭފުޅުން ވާހަކަފުޅު ދައްކަވާނެ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
މިރޭ ބާއްވާ އެއްވުން މިހާރު އަމާޒުކުރެވިފައި ވަނީ ސަރުކާރުގެ އަމަލުތައް ރައްޔިތުންނަށް ހާމަކޮށް ދިނުމަށެވެ. މި އެއްވުމުގައި، ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އާއި، ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން، ގައުމީ ޕާޓީގެ ލީޑަރު ޑރ.ހަސަން ސައީދު ވާހަކަފުޅު ދައްކަވާނެ ކަމަށް ޑީއާރުޕީން މަޢުލޫމާތު ދެއެވެ.
ކޮރަޕްޝަނާއި، ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ގޭބަންދުކޮށްފައިވާ އިދިކޮޅު ލީޑަރުން ދޫކޮށްލަންދެން މިއެއްވުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމުގައި އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. އިދިކޮޅު ޑީއާރުޕީއާއެކު ކޯލިޝަން ހަދާފައިވާ ޕީއޭގެ ނައިބުރައިސް އަދި ރައްޔިތުންގެ މަޖިލީހުގެވެސް ނައިބުރައީސް، މުލަކުދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް އަދިވެސްވަނީ ސަރުކާރުން ބަންދު ކުރައްވާފައެވެ. އޭނާ ބަންދު ކުރެއްވީ މާރާމާރީއާއި ރިޝްވަތުގެ މައްސަލަ ތަކެއްގެ ތުހުމަތުގައެވެ.
ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދޫކުރުމަށް ގޮވާލައި، މިދިޔަ ހުކުރުދުވަހު ފުވައްމުލަކުގައި ވެސް ވަނީ މުޒާހަރާކޮށްފައެވެ. ކޮރަޕްޝަނާއި، މާރާމާރީ، އަދި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމްތުގައި ސަރުކާރުން ހައްޔަރުކޮށް ބަންދުކުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަގުތުން ދޫކޮށްލުމަށް ގޮވާލައި ފުވައްމުލަކުގައި ބޭއްވި މުޒާހަރާގައި ގިނަޢަދަދެއްގެ ބަޔަކު ބައިވެރި ވިއެވެ.
ޑީއާރުޕީން އިންތިޒާމު ކޮށްގެން ބޭއްވި މިމުޒާހަރާގައި ގޮވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މ.މުލަކުދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އދ.މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމާއި، މ.ދިއްގަރު ދާއިރާގެ މެމްބަރި އަޙްމަދު ނާޒިމް ވަގުތުން ދޫކޮށްލުމަށެވެ. އަދި އެމީހުން ބަންދުކޮށްފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމުގައެވެ.
މިމުޒާހަރާގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެންބަރު އަހްމަދު މަހްލޫފެވެ. އޭނާގެ ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކުރި ކުޑަކުޑަ ކަމަކުން މިސަރުކާރު ބިރުގެންފައިވާކަމަށާއި، އެކަންތައްތަކުން އެނގިގެން ދިޔައީ މިސަރުކާރުގެ އިތުބާރެއްނެތް ކަމާއި ފެއިލް ވެފައިވާ މިންވަރު ކަމުގައެވެ. މަޙްލޫފް ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު މަޖިލިސްކުރާގޭގެ ބޭރުގައި ކިތައްމެ ހަޅޭކެއް ލެވިއަށް ޖެހިލުންވެވަޑައި ނުގްނަވާކަމުގައެވެ. “ދަނގަޑު ކެޑޭނީ ދަނގަޑުން” ކަމަށާއި އެގޮތުގައި ދެމިހުންނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ހުކުރުދުވަހުގެ މުޒާހަރާގައި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވަނީ ފޯނުން ގުޅުއްވައިގެން ބައިވެރިވެފައެވެ. ފޯނާއި އަޑުގަދަކުރާގެ ޒަރިއްޔާއިން މުޒާހަރާގެ ބައިވެރިންނާ މުޚާތަބު ކުރައްވާ މިދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. ދެބޭފުޅުންގެ ވާހަކަފުޅުގައި އެބޭފުޅުން ހައްޔަރު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބިރު ދެއްކުމުގެ ގޮތުން ކަމަށާއި ސަރުކާރުން ކުރަމުންދާ މިފަދަ ކަންތައްތަކަށް ކުޑަވެސް ފަސްޖެހިލުމެއް ނުވާނެކަމުގައި ވިދާޅުވިއެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.