June 10, 2010 / 7:21 pm

ފުވައްމުލަކުގައި،ޑރ. މުސްޠަފާ ލުޠުފީ އާދެކޮޅަށް އަޑުއުފުލައިފި

ފުވައްމުލަކުގައި،ޑރ. މުސްޠަފާ ލުޠުފީ އާދެކޮޅަށް އަޑުއުފުލައިފި

އާފަތިސް

1 ކޮމެންޓް


އެޑިޔުކޭޝަން މިނިސްޓަރ ޑރ. މުސްޠަފާ ލުޠުފީ އާދެކޮޅަށް އިއްޔެ ފުވައްމުލަކުގައި ބަޔަކު ނުކުމެ އަޑުއުފުލައި އޭނާގެ އިސްތިއުފާއަށް ގޮވައިފިއެވެ.

މިކަން ހިނގާފައިވަނީ ފުވައްމުލަކުގައި މިހާރު ކުރިއަށްދާ ސެވަންސީސް އެޓޯލް އިންޓަ ސްކޫލް އެތުލެޓިކްސް މީޓު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ފުވައްމުލަކަށް ވަޑައިގަތުމަށްފަހު އިއްޔެ ޑރ.މުޞްޠަފާ ފުރާވަދައިގަންނަވަން ދިޔަވަގުތުއެވެ. އެވަގުތު ބަނދަރު ސަރަޙައްދަށް ގިނަބަޔަކު އެއްވެ ޑރ.މުޞްތަފާއާ ދެކޮޅަށް އަޑުއުފުލައި އޭނާ، އެޑިއުކޭޝަން މިނިސްޓަރ ކަމުގެ މަޤާމުން ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލާފައި ވެއެވެ.
އަޑުއުފުލަމުން ދިޔަމީހުން މެގަފޯނުން ގޮވަމުން ދިޔައީ ޑރ. މުސްޠަފާ އަކީ  ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނެތިކޮށްލަން އުޅޭ މީހެއް ކަމަށައި، އޭނާ ކިޔަވާ ކުދިންގެ ދީނީ އަގީދާ ފާސިދުކުރަން މަސައްކަތް ކުރާ ކަމުގައެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލައިގައި، ވޯޓުނަގައި ، މިނިސްޓަރުކަމުން ބޭރުކޮށްލުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް އެމީހުން ގޮވަމުން ދިޔައެވެ.

ޑރ. މުސްތޮފާ ލުތުފީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ހޯމަދުވަހު އެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގދ.ފަރެސް މާތޮޑާދާއިރާގެ މެމްބަރު އިބްރާޙީމް މުއްޠަލިބެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅިއިރު، މައްސަލައިގެ ލިއުމުގައި ސޮއިކޮށްފައިވަނީ ، އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީގެ ތިން މެމްބަރަކާއި އެޕާޓީއާއެކު ކޯލިޝަންހަދާފައިވާ ޕީޕަލްސް އެލަޔަންސް (ޕީއޭގެ) ދެ މެމްބަރެއްގެ އިތުރުން މިނިވަން މެމްބަރުންގެ ތެރެއިން ފަސް މެމްބަރެކެވެ.

ޑރ. މުޞްޠަފާ ލުޠުފީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހުނީ ރާއްޖޭގައި، ޢަރަބި އިސްލާމީ ތަޢުލީމް ދެމުން އައި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ އާއި، އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އުވާލެއްވި މައްސަލައާއި މަތީ ސާނަވީ ގްރޭޑް ތަކުގައި އިސްލާމް، އަދި ދިވެހިބަސް މި ދެ މާއްދާ އިޚްތިޔާރީ މާއްދާތަކަކަށް ހެދުމަށް ނިންމެވުމާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

ޑރ.މުޞްޠަފާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޑީއާރުޕީގެ ފަރާތުން ސޮއިކުރީ، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަފީގު ހަސަނެވެ.

ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ފަރާތުން ސޮއި ކުރެއްވީ ލ.މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރާއި ލ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ އެވެ.

މިނިވަން މެމްބަރުންގެ ތެރެއިން ސޮއިކުރެއްވީ ގދ.ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބާއި ކ.ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއީލް އަބްދުލް ހަމީދާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ބ. ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު އަދި ޅ. ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާ އެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.މުޞްޠަފާ ލުޠުފީއަކީ، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޤައުމީ އިއްތިޙާދުގެ މެމްބަރެއްގެ ގޮތުގައި ދާދިފަހަކާ ޖެހެންދެން ހުންނެވި ބޭފުޅެކެވެ. އެހެންނަމަވެސް ދާދިފަހުން އޭނާވަނީ އެޕަޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަދައިގެންފައެވެ.

Tweet this! Share on Facebook

1 ކޮމެންޓް

  1. މުސްތަފާ އިސްލާމްދީނާ ދީނީ އެައްބައިވަންތަ ކަން ނަގާލަން މަސައްކަތް ކުރަނީ ކަމަށްބުނެ ފުއަައްމުލަކު ރައްޔިތުން އަޑުގަޑަކުރުމަށް ވުރެ ތިމާގެ ދަރިން ނާ ރަށުގެ ރައްޔިތުން ނަށް އިސްލާމްދީން އުގަންނައިދިނުމަށް މަސައްކަތްކުރުން ބުއްދިވެރި

    June 12, 2010 / 22:47:07

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo