ދައުލަތުގެ ފައިސާ އާއި މުދަލަށް ބޮޑެތި ޚިޔާނާތްތައް ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރެއްވުމުގެ ނަމުގައި ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަކީ ޚިޔާނަތް ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން ސަރުކާރަށް ލެންބެވުމަށް އުފައްދަވާފައި ވާ ކޮމިޝަނެއް ކަމަށް ދިވެހި ޤައުމީ ޕާޓީން ބުނެފިއެވެ.
ޤައުމީ ޕާޓީން ތުހުމަތު ކޮށްފައިވާ ގޮތުގައި ރިޔާސީ ކޮމިޝަނަށް އަހަރުވެގެން ދިޔައިރު ވީއެއްވެސް ކަމެއް ނެތެވެ. އަދި ސަރުކާރަށް ވާގިވެރިވާ އެތައްބަޔަކަށްދަނީ ދައުލަތުގެ ބަޖެޓުން ބޮޑުމުސާރަދެމުންނެވެ. ރިޔާސީކޮމިޝަނަކީ އިދިކޮޅު ސިޔާސީ ފަރާތްތައް ސަރުކާރަށް ލެއްބުމަށްޓަކައި ރައީސް ނަޝީދު ޖެއްސެވި މަޅިއެއްކަން މިހާރު ގިނަބަޔަކު ގަބޫލުކުރާ ކަމަށްވެސް ޤައުމީ ޕާޓީން ވަނީ ހާމަކޮށްފައެވެ.
“މިސަރުކާރުގެ ކުރީގެ ބަންޑާރަ ނާއިބު ރިޔާސީ ކޮމިޝަން ސިފަކުރެއްވީ އެއީ ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބުމުން ސީދާ ސިޔާސީ ދެކޮޅުވެރިންނަށް އަނިޔާވެރިވުމަށް ކޮށި މަގެއްކަމަށެވެ. ރިޔާސީ ކޮމިޝަން އުފެއްދިތާ ކައިރީގައި ހީވީ ދެންމެ ދެންމެ ދައުލަތުގެ ފައިސާއަށާއި މުދަލަށް ޚިޔާނަތްތެރިވި މީހުންނަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށް، އެފައިސާއި މުދާތައް ހޯދައި އޭގެން ބަދަރުތަކާއި ނަރުދަމާތައް ހެދުމަށް ފަށާފާނެހެންނެވެ. އަދި ރައްޔިތުންގެ މަދު ބަޔަކު މިކޮމިޝަނަކީ ރައީސް ނަޝީދު ހެޔޮނިޔަތުގައި އުފެއްދި ތަނެއްކަމަށް ގަބޫލުކުރިނަމަވެސް މިކަމުގައި ފޮރުވިފައިވާ ސިއްރުތަކެއް ވާކަމަށް ގަބޫލުރާ ވަރަށް ގިނަބަޔަކު ތިބިކަމީ މިސަރުކާރުން ކަންކަން ކުރުމުގައި އިޚްލާޞްތެރިކަން ނެތްކަމަށް ރައްޔިތުން ދެކޭ މިންވަރެވެ.” ޤައުމީ ޕާޓީން މިއަދު ހާމަކޮށްފައި ވެއެވެ.
މިއަދު ރިޔާސީކޮމިޝަން ފެންނަމުން މިދަނީ އަޖާއިބު ކުރުވަނިވި ގަބޫލުކުރަންދަތި މެޖިކް ހަދާ މެޝިނެއްކަހަލަ އެއްޗަކަށް ކަމަށާއި، ކުރިން އެކޮމިޝަނުން ދައުލަތުގެ ފައިސާ އާއި މުދަލަށް ބޮޑެތި ޚިޔާނާތްތައް ވެފައިވާ ކަމަށް ތުހުމަތު ކުރި އެތައްބަޔަކު އެމެޝިން ތެރެއަށް ވަނުމުން މިހާރު އެމީހުންނަކީ ސާފު ސީދާ ތާހިރު ބަޔަކަށްވަނީ ވެފައި ކަމަށް ޤައުމީ ޕާޓީން ބުނެއެވެ. މިއަދު ދިވެހި ރައްޔިތުން ވިސްނާ ފިކުރު ހިންގަންވީ މިސަރުކާރުގެ ޢަމަލުތައް ހުންނަގޮތާ ދޭތެރޭގައި، ސަރުކާރަށް ދެއަހަރުވަމުންދާއިރު އެއްވެސްކަމެއް ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ކޮށްދީފައި ނުވާކަން ކަމަށާއި ރިޔާސީ ކޮމިޝަނަކީ ދައުލަތުގެ ފައިސާ ބޭނުން ކޮށްގެން ސަރުކާރުން ނާޖާއިޒު ފައިދާތަކެއް ޙާޞިކުރުމަށް އުފައްދާފައިވާ ކޮމިޝަނެއްކަން ދޭހަވެގެންދަނީ ކޮމިޝަނަށް ޢައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ރައްޔިތުންނަށް އިޚްލާސްތެރި ބޭފުޅުން އެކޮމިޝަނުން ވަކިވެވަޑައިގެންނެވީމާ ކަމަށްވެސް ޤައުމީ ޕާޓީން ބުނެއެވެ.
“ކޮމިޝަން އުފެދިގެން އައިރު ޚިޔާނާތްތެރިންކަމަށް ސިފަކުރެއްވި ގިނަފަރާތްތައް ކުލަ ބަދަލުކޮށް ރާގު ތަފާތުކޮށްލުމާ ގުޅިގެން ކޮމިޝަނުން ކުރިން ބަލަމުންއައި މައްސަލަތައް ނުހިންގާ ހުއްޓާލާފައިވާތީއެވެ. އަދި ބައެއް ފަރާތްތަކުން އެމައްސަލަތައް ނުހިންގުމަށް ޝަރުޠުކޮށް ސަރުކާރާ ގުޅިފައިވާތީއެވެ. މިވަރުންދާކަމުގައި ވަންޏާ ރިޔާސީ ކޮމިޝަން އާޚިރުގައި ވެގެންދާނީ ދައުލަތުގެ ފައިސާއަށާއި މުދަލަށް ޚިޔާނަތްތެރިވި ކަމަށް މިސަރުކާރުން ބުނާ މީހުން ޚިޔާނާތްތެރި ނުވާބައެއްކަމަށް ބަދަލުކުރާ ކޮމިޝަނަކަށެވެ.” ޤައުމީ ޕާޓީން މިއަދު ހާމަކޮށްފައި ވެއެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
ކޮމެންޓެއް ދެއްވާ