ކޮރަޕްޝަނާއި މާރާމާރީގެ މައްސަލަތަކެއްގެ ތުހުމަތުގައި ސަރުކާރުން މިހާރުވެސް ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައިސް އަދި ދިއްގަރުދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް އާއި، އެމްޑީޕީއަށް ނިސްބަތް ވެވަޑައިގަންނަވާ އެހެންނަމަވެސް އެއްފަހަރަށްވުރެ ގިނައިން އެމްޑީޕީއާ ދެކޮޅަށް ވޯޓު ދެއްވާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުޞްޠަފާ ހައްޔަރުކޮށްފިއެވެ.
ޕީއޭގެ ނައިބްރައީސް ކަންވެސް ކުރައްވާ ނާޒިމް ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެއެވެ. ފުލުހުންވަނީ ނާޒިމްގެ ގޭގެ ދޮރުހަލާކުކޮށްލައިގެން އެގެއަށްވަދެގަނެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމް މިހާރުވަނީ ދޫނިދޫގައެވެ.
ތިމަރަފުށި މުޞްޠަފާވެސް ގެންދިޔައީ ބަންދުކޮށްގެން ދޫނިދޫއަށެވެ. އޭނާވެސް ހައްޔަރުކުރީ ރޭދަންވަރުގެ ވަގުތެއްގައެވެ. މުޞްޠަފާއަކީ އެމްޑީއަށް ނިސްބަތް ވެވަޑައިގަންނަވާ މެމްބަރެކެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މުހިންމު ވޮޓުތައްނަގާ ބައެއް ދުވަސްދުވަހު މުޞްޔަފާ އެމްޑީޕީއާ ދެކޮޅަށް ވޯޓުދެއްވާކަން ފާހަގަ ކުރެވެއެވެ. މިމައްސަލައިގައި އެމްޑީޕީގެ ޢާއްމު މެމްބަރުންނާއި އެކްޓިވިސްޓުން މުސްޓަފާއަށް ވަރަށްބޮޑަށް ފާޑުކިޔަމުން ދެއެވެ. އެގޮތުން ދާދިފަހުން އެމްޑީޕީގެ ހަރުގޭގައި އޮތް ޢާއްމު ބައްދަލުވުމެއްގައި މުސްޠަފާ ވާހަކަފުޅު ދެއްކެވިއިރު އެއްވެފައިވާ އެމްޑީޕީގެ ޢާއްމު މެމްބަރުން ގެންދިޔައީ މުޞްޠަފާ ސްޓޭޖުންފޭބުމަށާއި، އޭނާގެ އިސްތިއުފާއަށް ގޮވަމުންނެވެ. މީގެ ކުޑަދުވަސްކޮޅެއްކުރިން މުޞްޠަފާ ޕީއޭއާގުޅެން އުޅޭކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. މުޞްޠަފާއަކީ ސަރުކާރުން މިހާތަނަށް ހައްޔަރުކުރި އެމްޑީޕީގެ ފުރަތަމަ މެމްބަރެވެ. އެހެންނަމަވެސް އެމްޑީޕީގެ އެނޫންވެސް ބައެއް މެމްބަރުންނާއި، ސަރުކާރުގެ އިސްސަފުގައި ހިމެނޭ ބައެއް ބޭފުޅުންގެ މައްޗަށްވެސް އިދިކޮޅު ފަރާތްތަކުން ދަނީ ކޮރަޕްޝަމްގެ ތުހުމަތުތައް ކުރަމުންނެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މުޞްޠަފާއާއި، ނާޒިމް ހައްޔަރުކުރީ އެ ދެ ބޭފުޅުންގެ މައްސަލައެއް މަދަނީ ކޯޓުގައި ހިނގަމުން ދަނިކޮށް، ގާޒީއަކަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައެވެ. މިދެބޭފުޅުން ވެސް މިއަދު މެންދު ކޯޓަށް ޙާޒިރުކުރާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.