ޤާނޫނީ އިމުންބޭރުން ސަރުކާރުން ހައްޔަރުކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މުލަކުދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ރައްޔިތުންގެ މަޖިލީހުގެ ޤަވަޢިދުގައި ވާގޮތުގެ މަތިން، އެމަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް ޙާޒިރުކޮށް ނުދެއްވުމުން މިއަދުގެ ޖަލްސާވެސް ހުއްޓާލައިފިއެވެ.
މިއަދުގެ ޖަލްސާ ހުއްޓާލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުވަނީ އިއްޔެ މަޖިލީހުން ނެރުނު ނޫސްބަޔާނުގައިވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައިސް ޢަބްދުﷲ ޝާހިދު ވިދާޅުވީ، “ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމުގައި ބަޔާން ވެގެން ވީހިނދު ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 1 ން ފެށިގެން 7 ގެ ނިއަލަށް ރައްޔިތުންގެ މަޖިލީހުގެ ވާޖިބު ތަކާއި ބާރުތައް ކަނޑައެޅިފައިވީހިނދު މަޖިލީހުގެ މެންބަރަކު ތަޙްގީގަށްޓަކައި ބަންދު ކުރެއްވޭނީ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން މަޖިލީހުގެ މެންބަރަކު އަދާ ކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތާއި ޒިންމާ އަދާ ކުރެވޭގޮތަށް މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ޙާޒިރުވެވަޑައި ގެންނެވޭ ގޮތަށް ކަމަށް މަޖިލީހުގެ ގަވައިދުގައިވަނީ ބަޔާން ކޮށްފަ.
އަދި މިއީ ޑިމޮކްރެޓިކް އެހެންގައުމުތަކުގައިވެސް މިކަން އޮންނަގޮތް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 2 ން ބާރުލިބިގެން ރައްޔިތުންގެ މަޖިލީހުން އެކުލަވާލައްވައި ފާސްކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާއިން ފެށިގެން205 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުން މަޖިލީހުގެ ޖަލްސާ ތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ޙާޒިރުވުމުގެ ޙައްގު މަޖިލީހުގެ ކޮންމެ ޢިއްޒަތްތެރި މެންބަރަކަށްވެސް ލިބިގެންވާ ކަން ވަނީ ކަށަވަރު ކޮށްދީފަ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތާއި ވާޖިބުތަކާއި ޒިއްމާ ތަކާގުޅިގެން ކަށަވަރު ކޮށްދީފައިވާ މިޙައްގުން މަޙްރޫމްވާ ގޮތަށް ދިވެހިރާއްޖޭގެ ދިފާޢީ ބާރުން މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޙާޒިރު ކޮށްދެއްވާފައި ނުވާތީ މިއަދުގެ ޖަލްސާ ކުރިއަށްގެންދަން އަޅުގަނޑު ގަސްތެއް ނުކުރަން.” މިހެންނެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފެށުމާއަކު މެމްބަރުން ގެންދިޔައީ ނިޒާމީ ނުކްތާތައް ނަންގަވައިގެން އަޑުގަދަކުރައްވައި ވާގަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތުގައި ރޭ ފުލުހުން ހައްޔަރުކުރި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުޞްޠަފާ މިއަދުގެ ޖަލްސާގައި އިންނެވިއެވެ. އޭނާ ވަނީ އޭނާ ބަންދުކުރެއްވި މައްސަލަ ކުއްވެރުކޮށް ވަރަށް އަޑުގަދަކޮށް ވާހަކަ ދައްކާފައެވެ.ފުލުހުން ހައްޔަރު ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށްވެސް މުޞްޠަފާ ވިދާޅުވިއެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.