ޗާޓުން ބޭރުން ކަންކުރުމަކީ ޤާނޫނުއަސާސީން ބޭރުން ކަންކުރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެންވިދާޅުވެފައި ވަނީ އަމިއްލަ ބްލޮގު ގައި މިއަދު ލިއުއްވާފައިވާ ލިއުމެއްގައެވެ. ނަޝީދު ވިދާޅުވެފައިވަނީ ޗާޓުން ބޭރުން ކަންކުރުންކަމަށް އޭނާއަށް މާނަކުރެވެނީ ޤާނޫނުއަސާސީން ބޭރުން ކަންކުރުން ކަމަށެވެ. އަދި، ޤާނޫނުއަސާސީން ބޭރުން ކަންކުރުމުން މައިގަނޑު ދެތިންކަމެއް ދިމާވާ ކަމުގައި ނަޝީދު ވިދާޅުވެފައި ވެއެވެ.
އެގޮތުން ފުރަތަމަ ކަމަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ނިޒާމާއި އެ ނިޒާމުގެ ޔަޤީންކަން ރޫޅިގެން ދިޔުން ކަމަށައި ދެވަނަކަމަކީ، ޤާނޫނުއަސާސީން ކަށަވަރު ކޮށްދޭ ޙައްޤުތަކާއި ބާރުތައް ނިމުމަކަށް އައުން ކަމުގައި ނަޝީދު ވިދާޅު ވިއެވެ. އަދި ތިންވަނަކަމަކީ، ވެރިކަން ކުރަންވާނީ ޤާނޫނުއަސާސީއާ އެއްގޮތަށްކަމަށް ޝަރުޠުކޮށް، ހުވާކުރުވައި، ޙަވާލުކުރެވުނު ވެރިކަމެއް ކުރުމުގައި، ކަނޑައެޅިގެން ގަސްދުގައި، ދުރާލާ އަންގައި، ކުރާ ކަމަކުން، ޤާނޫނުއަސާސީއާ ގަސްދުގައި ޚިލާފުވުން ކަމަށްވެސް ނަޝީދު އޭނާގެ ބްލޮގުގައި ލިއުއްވާފައި ވެއެވެ.
ދިވެހި ދައުލަތް މިއަދު ބިނާވެފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުމަތީގައި، ދައުލަތުގެ ހުރިހާ ބާރުތައް ޖަމާވެފައި އޮންނަގޮތަކަށް ނޫން ކަމަށާއި، ރައީސުލްޖެމްހޫރިއްޔާއަށްވެސް ކަނޑައެޅި ބަޔާންވެގެންވާ ގިނަ ބާރުތަކެއް ލިބިދިނުމާއެކު، ރައްޔިތުންގެ މަޖިލީހަށާއި ޝަރުޢީ ކޯޓުތަކަށްވެސް ގިނަ ބާރުތަކެއް ލިބިދޭ ގޮތަށް ކަމަށް ނަޝީދުވިދާޅުވިއެވެ. އަދި ، ދައުލަތުގެ މައިގަނޑު ތިން ބާރުގެ އިތުރަށް، ވެރިކަން ހިންގުމުގެ ކޮންޓްރޯލާއި ނުފޫޒުން ބޭރުން ހިނގާ، މިނިވަން މުއައްސަސާތަކަކަށްވެސް ބާރުތަކެއް ލިބިދޭ ގޮތަށް ކަމުގައެވެ.
އެހެންކަމުން، މިއަދުގެ ދިވެހި ރައީސަކަށް ދައުލަތް ހިންގުމަށް ލިބިދޭ މަގަކީ، ދައުލަތުގެ ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ ތެރެއިން، އެއިން ބާރެއް ނުވަތަ މުއައްސަސާއެއްގެ ޙުރުމަތާއި ބާރުވެރިކަން ނުކެނޑޭގޮތަށް، ދައުލަތުގެ ކަންކަން ހިންގަމުން ދިޔުމަށް ލިބިދޭ މަގެއް ކަމުގައި އޭނާ ލިއުއްވާފައި ވެއެވެ. އަދި އެ މަގުން ކައްސާލާ ކޮންމެ ފަހަރަކު، ވަދެވިގެންދާނީ، ކޮންމެވެސް އެހެން ބާރެއްގެ ނުވަތަ މުއައްސަސާއެއްގެ ގޯތީގެ ތެރެއަށް ކަމަށައި އެއީ، ޤާނޫނުއަސާސީން ކަނޑައަޅައިދީ، ތަރުތީބުކޮށްދީފައިވާ ދައުލަތުގެ ނިޒާމު ނޫންކަމަށްވެސް ނަޝީދު ލިއުއްވާފައި ވެއެވެ.
ސަރުކާރުން ހައްޔަރު ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މުލަކުދައިރާގެ މެމްބަރު ޢަބްދުﷲ ޔާމީންއާ ބެހޭގޮތުންވެސް ނަޝީދުވަނީ އަލި އަޅުވާލާފައެވެ. އެގޮތުން މިއަދު އެންމެ ޚިޔާލު ތަފާތު އެއް މައްސަލައަކަށް ވެފައިވަނީ، ޤާނޫނުއަސާސީއާއި ޤާނޫނުން ކަނޑައަޅައިދީފައިވާ މިންތަކާއި އިންތަކުގެ ބޭރުން، ސިޔާސީ ދާއިރާގެ ބޭފުޅަކު އެކަހެރިކުރެވިފައިވާ މައްސަލަ ކަމަށާއި މި ލިޔުން ލިޔާއިރު، އެފަދަ އެކަހެރި ކުރުމަކުން، ޚުދު ނަޝީދުވެސް އެކަހެރިކުރެވިގެން ދިޔުމަކީ، ނުވާނެކަމަކަށް ނުބައްލަވާ ކަމުގައި ނަޝީދުގެ ލިއުމުގައި ވެއެވެ.
އެހެންނަމަވެސް، އެއީ ޤާނޫނުއަސާސީ އޮތްގޮތުން، ނުވަތަ، ޤާނޫނުތައް ހުރިގޮތުން، ކުރެވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯ، އަދި އެއީ އެހެން ސުވާލެއް ކަމަށައި، ކޮންމެގޮތަކަށް މިއަދު ކަންވަމުން ދިޔަނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތްތަކީ ދިވެހި ދައުލަތް ބިނާވެފައިވަނީ ޤާނޫނު އަސާސީއެއްގެ މައްޗަށް ކަމަށާއި މީހެއްގެ މައްޗަކަށް، ނުވަތަ ބައެއްގެ މައްޗަކަށް ނޫން ކަމުގައި ވިދަލުވެފައި ވެއެވެ.
ޤާނޫނުއަސާސީއަކީ، ދިވެހިން އެބައިމީހުންގެ ދައުލަތުގެ ކަންކަން ހިންގުމަށް އެއްބަސްވެ އަހުދުވެފައިވާ ގޮތެވެ. އެމީހުންގެ މައްޗަށް ކަންކަން ހިންގާނެ ބަޔަކީ ކޮބައިކަމާއި، އެބައިމީހުން އެކަށައެޅިގެންދާނެ ގޮތަކީ ކޮބައިކަމާއި، އެބައިމީހުން ކަންކަން ހިންގުމުގައި ތަބާވާންޖެހޭ އިންތަކަކީ ކޮބައިކަމާއި، އެމީހުން ކަންކުރަނީ ރަނގަޅަށްތޯ ބަލާނެ މިންތަކަކީ ކޮބައިކަން ކަނޑައަޅައިދޭ ފޮތް ކަމުގައި އޭނާ ލިއުއްވާފައި ވެއެވެ.
“ދިވެހިންގެ މައްޗަށް ކަންކަން ހިންގަން ޙަވާލުކުރެވޭ ތަފާތު މީހުންގެ ޒިންމާތައް ތަފާތުކޮށްދީ، އެކި މީހުންނާ އެކި ކަންކަން ޙަވާލުކޮށްދީ، އެއް ބަޔަކު ކުރާ ކަންކަން އަނެއް ބަޔަކަށް ބަލައި ކޮންޓްރޯލްކުރެވޭނެ، އެއް ބައެއްގެ ބާރުގެ ވަޒަން އަނެއް ބަޔަކަށް ހަމަކުރެވޭނެގޮތަށް، ތަރުތީބުކޮށްދީފައިވާ އެންމެ އަސާސީ ބާރެވެ.
ދައުލަތުގެ ކަންކަމާ އުޅޭ ހަމަކޮންމެ ފަރާތެއްމެ އުފެދެނީވެސް، އަދި ހަމައެއިން ކޮންމެ ފަރާތަކަށްމެ، ލިބިގެންވާ ބާރެއް ލިބިގެންދަނީވެސް، އެ ޤާނޫނު އަސާސީންނެވެ.
ހަމަކޮންމެ މީހަކާމެ ޙަވާލުވެގެންވާ މަސްއޫލިއްޔަތު އަދާކުރަން ޖެހެނީވެސް، ހަމަ އެ ޤާނޫނުއަސާސީގެ އިމުގެ ތެރޭގައެވެ. އަދި، ހަމައެހެންމެ، ހަމަ ކޮންމެ މީހަކުމެ ބޯލަބަންޖެހެނީވެސް، އެ ޤާނޫނުއަސާސީގައިވާ އުސޫލުތަކަށެވެ.
ޑިމޮކްރަސީގައި ތަބާވަނީ މީހުންނަކަށް ނޫނެވެ. ޤާނޫނަށެވެ. ޤާނޫނުގެ އުސޫލަށެވެ. ޤާނޫނުގެ ޙުކުމަށެވެ.
އެ ޤާނޫނު އޮތްގޮތުން ތިމާއަށް ކިތަންމެ ދައްޗެއް ކުރިމަތިވި ނަމަވެހެވެ. އެ ޤާނޫނު އޮތްގޮތަކީ، ތިމާ ކިތަންމެ ހިތްހަމަނުޖެހޭ ގޮތަކަށްވީ ނަމަވެހެވެ. ނުވަތަ ތިމާ ކުރަން ބޭނުން ކަންތައް ތިމާ ބޭނުންގޮތަށް ކުރުމަށް އެ ޤާނޫނު ހުރަސްތައް ކުރިމަތިކުރުވި ނަމަވެހެވެ.
މީހުންގެ ކުރިއަށް ޤާނޫނު ނެރެންޖެހޭ ސަބަބެއްވެސް އެބައޮތެވެ. އެއީ، ކަންކަން ކުރަން ތިބި މީހުންގެ ނަޒަރުން ބަލާއިރު، އެމީހުން ކަންކުރަން ޖެހެނީ ކިހިނެއްކަން ދުރާލާ ބަޔާން ކޮށްދެވިފައި އޮތުމަށެވެ. އަދި، ކަންކަމުގެ ޝިކާރައަކަށްވާ މީހުންގެ ނަޒަރުން ބަލާއިރު، އެމީހުންނާމެދު ކަންވަމުންދާނީ ކިހިނެއްކަން ދުރާލާ ބަޔާންކޮށްދެވިފައިވެސް އޮތުމަށެވެ.
އެއްގޮތް ޙާލަތުގައިވާ މީހުންނާމެދު އެއްގޮތް އުސޫލުން ކަންވަމުންދާނެކަން ކަށަވަރުކޮށްދެވިފައިވެސް އޮތުމަށެވެ.” މުޙައްމަދު ނަޝީދު އޭނާގެ ބްލޮގުގައި ލިއުއްވާފައި ވެއެވެ.
މިއަދު މި ޤާނޫނުއަސާސީ އޮތްގޮތުން ދައުލަތް ހިންގަން ރައީސަށް ދަތިވާކަމަށް ބަޔަކު ބުނާތީ އަޑުއިވޭ ކަމަށައި، މިއަދުގެ ޤާނޫނުއަސާސީއަކީ، ވެރިކަން ހިންގާ ފަރާތަށް ފަސޭހަކަމާއެކު ކަންކަން ކުރެވޭގޮތަށް އެކުލަވާލެވިފައިވާ ޤާނޫނުއަސާސީއެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިއަދުގެ ޤާނޫނުއަސާސީ އެކުލަވާލެވިފައިވަނީ، އެގޮތަށް ދައުލަތުގެ ބާރުތައް، ރައީސްގެ މަގާމުގައި ޖަމާވެފައިއޮތް އަހަރުތަކެއްގައި ތަޖުރިބާކުރެވުނު ކަންކަން، ދެން މި ޤައުމުގައި ތަޖުރިބާކުރަން ނުޖެހޭނެގޮތް ހެދުމަށް އިސްކަންދީގެން ކަމަށާއި، ވެރިކަން ހިންގަން ފަސޭހަ ކޮށްދިނުމަށްވުރެ ބޮޑަށް، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އިސްކަން ދީގެން ކަމުގައި ނަޝިދު ވިދާޅުވިއެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.