ނުބަލައި ޚުޠުބާ ވިދަލުވުމުގެ ހުއްދަ ސަރުކާރުން ދެއްވާފައިވާ އެންމެހާ ޢިލްމުވެރިންގެ ހުއްދަތައް ވަގުތީ ގޮތުން ބާޠިލްކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ނުބަލާޚުޠުބާ ދެއްވުމުގެހުއްދަ އަލުންދޫކުރެވޭނީ، ދީނީއެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫންގެ ދަށުން ހެދޭ ޤަވާޢިދުނިމި، އޭގެދަށުން އެކުލަވާލެވޭ ބޯޑުން ކަނޑައަޅާ އުޞޫލެއްގެ ދަށުން ކަމުގައެވެ.
ނުބަލައި ޚުޠުބާ ދެއްވާ ބޭފުޅުންގެ ހުއްދަ ބާޠިލްވީ ނަމަވެސް، ޢިލްމުވެރި ބޭފުޅަކު، އެބޭފުޅަކު ދެއްވަން ބޭނުންފުޅުވާ ޚާއްޞަ ޚުޠުބާއެއް ވާނަމަ، އެޚުޠުބާއެއް ލިޔުއްވައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒަށް ހުށައަޅުއްވައި ފާސްކުރައްވައިގެން އެޚުޠުބާއެއް ވިދާޅުވުމުގެ ފުރްޞަތު އެބޭފުޅަކަށް އޮންނާނެކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ. މި ފިޔަވަޅަކީ ކަންކަން ހަރުދަނާ މަގުން ގެންދިނުމުގެ މަޤްޞަދުގައި އެޅި ފިޔަވަޅެއްކަމުގައި އެމިނިސްޓްރީން ބުނެއެވެ.
ޚުޠުބާ ނުބަލާ ކިޔާ ގޮތަށް ބައެއް ފާރާތްތަކަށް ދީފައިވާ ހުއްދަ ބާޠިލްކޮށް، ނުބަލާ ޚުޓުބާ ކިޔުން ވަގުތީ ގޮތުން އިސްލާމިކް މިނިސްޓްރީން މެދުކަނޑާލިއިރު އިއްޔެގެ ހުކުރު ޚުޠުބާގައި ޚަޠީބުވަނީ، ޤައުމުގެ މިހާރު މަޝްރަހް އޮތް ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައި ނަޞޭޙަތް ދެއްވާފައެވެ.
ނުބަލައި ޚުޠުބާ ވިދާޅުވުމަށް ދޫކުރައްވާފައިވާ ހުއްދަ ބަޠިލް ކުރުމާ މިހާރުގެ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އުފެދިފައިވާ މައްސަލަތަކާ ގުޅުވައިގެން ބައެއްފަރާތްތަކުން ވާހަކަދައްކައެވެ. އެހެންނަމަވެސް މިއީ މިހާރު ރާއްޖެ އަށް އައިސްފައިވާ ސިޔާސީ ހަލަބޮލިކަމާ އެއްވެސް ގުޅުމެއް ހުރިކަމެއް ނޫންކަމަށް އިސްލާމިކް މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.