މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)ގެ މިހާރުގެ ޗެއާމަން މުހައްމަދު ވަހީދު (މަޑުލު) އާއި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަލީލު އެ އެ ކުންފުނީގެ ބޯޑަށް އައްޔަން ކުރުމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާހެއް ނުވި އެވެ.
މިއަދުގެ ޖަލްސާއި މަޖިލީހުންވަނީ އެމްއެންބީސީގެ ބޯޑަށް އައްޔަން ކުރުމަށް ނުވަ މީހެއްގެ ނަން ފާސްކޮށްފައެވެ. މަޖިލީހުގެ ރައިސް ޢަބްދުﷲ ޝާހިދު ވޮޓަށް އެއްސެވުމުން އެމްއެންބިސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޚަލީލުގެ ނަމަށް ޢައްޔަންކުރަން ފެންނަ ކަމަށް 35 މެމްބަރުން އަދި ނުފެންނަ ކަމަށް ވެސް 35 މެމްބަރުން ވޯޓު ދެއްވިއެވެ. މަޖިލީހުގެ ޤަވަޢިދުގައިވާ ގޮތުގެ މަތިން މިފަދަ ޙާލަތްތަކުގައި ކޮންމެވެސް އެއްކޮޅަކަށް މަޖިލީހުގެ ރައީސް ވޮޓުދޭންޖެހެއެވެ. ރައީސް ޢަބްދުﷲ ޝާހިދު މިއަދު ވޯޓުދެއްވީ ޚަލީލު އެމްއެންބީސީގެ ބޯޑަށް ޢައްޔަންކުރަން ނުފެންނަކަމަށެވެ.
މުޙައްމަދު ވަޙީދު (މަޑުލު) ގެނަންފުޅަށް ވޯޓުދެއްވި މެމްބަރުންގެ ތެރެއިން ބޯޑަށް ޢައްޔަންކުރަން ފެންނަކަމަށް 34 މެމްބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 38 މެމްބަރުން ވަނީ ވޮޓު ދެއްވާފައެވެ.
އެމްއެންބީސީގެ ބޯޑަށް ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަންފުޅު ތަކަކީ މ. ޝެރިފް، އަލީ ޝަރީފް، ހ. ބޮނޑި ކަނދޮޅުގެ ނަހުލާ އަލީ، މ.ޒިޔާރަތް ދޮށުގެ މުހައްމަދު ޝަފްރާޒްހާފިޒް، ހ.ސޯސަންފްލާވާ އިބްރާހީމް އުމަރު މަނިކް، މ.ނިޔަނދުރު އަލީ ޝައްމާން، ސ.ހިތަދޫ ލިލީވިލާ މުސްތަންސިރު މުމްތާޒް، ސ.ހިތަދޫ ސެވެންސްޓާ އާއިޝަތު ދިޔާނާ ތާހިރް، ހ.ތަންބީއާގެ އަބްދުލްހަމީދު އަބްދުއްސަމަދު، އަދި ގ.ވަށަފަރު އިގްބާލް އާދަމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައްޖޭގެ މިއަދުގެ ޖަލްސާއަކީ ސިޔާސީ މަސްރަޙު ހޫނުވެ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވާދަވެރި، ސިޔާސީޕާޓީތަކުގެ ކޯޅުން ބުޑުވުމުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭވަރު ނުވެގެން މަޖިލިސް ހުއްޓިފައި އޮންނަނާ ހަފްތާއެއްއެއްހާ ދުވަސްފަހުން ބޭއްވޭ ފުރަތަމަ ޖަލްސާއެވެ.
މިއަދުގެ ޖަލްސާގައި ފުރަތަމަ ކަމަކަށް ކުރިއަށް ދިޔައީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހުށަހެޅުއްވި މަޖިލިހުގެ އިމްތިޔާޒުގެ މައްސަލައިގެ ބަހުސެވެ. މިއީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ހިންގުމަށް ދަތި ކުރާ ކަމަށް ބުނެ ކުއްލިގޮތަށް ދާދިފަހުން ސަރުކާރުގެ ހުރިހާ ވަޒީރުން އެއްފަރާ އިސްތިއުފާ ދިނުމާއި ގުޅިގެން ސަރުކާރުން ދެއްކެވި ވާހަކަތަކުގެ ސަބަބުން ހުށަހެޅުއްވި މައްސަލައެކެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
Sorry, comments for this entry are closed at this time.