June 10, 2010 / 7:48 pm

ބަދަލުހިފުން

ބަދަލުހިފުން

ޢަބްދުﷲ ނަޢީމް އިބްރާހީމް

ކޮމެންޓެއް ނެތް


އިރު އޮއްސެނީ އެވެ. ދޫނި ތައް އެ ސޮރުމެންގެ ހާލިތަކަށް އެނބުރި އަންނާން ފަށައިފި އެވެ. އަވަށުގެ ހަނި މަގުތައް އޮތީ ފަޅު ވެފަ އެވެ. މަގުމަތީން ފެންނަނީ ހަމައެކަނި އަޝްރަފެވެ. އޭނާ ބަރުހެލި ފިޔަވަޅުތަކެއް އަޅަމުން ހިނގަމުން ދަނީ އެވެ. އޭނާ ލައިގެން ހުރީ ވަރަށް ބޮޑު ކޯޓެކެވެ. ބޮލުގައި ތޮތްޕެއް އޮތެވެ. ލޮލުގައި އޮތީ ކަޅު އަވި އައިނެކެވެ. ހަމަ ހިމޭން މަގު މަތީގައި އޭނާ ހިނގަމުން ދާއިރު ފިޔަވަޅުގެ އަޑުން ޢަޖާއިބެއް ފަދަ މިއުޒިކެއް އުފައްދައެވެ.

އަޝްރަފް އޭނާގެ އަވަށަށް އެނބުރި އެ އައީ ގާތްގަނޑަކަށް ބާރަ ވަރަކަށް އަހަރު ފަހުންނެވެ. އެ މުއްދަތުގެ ތެތޭގައި އަވަށުގެ ހުރިހައި އެއްޗެއް މިހާރު ވަނީ ބަދަލު ވެފަ އެވެ. އޭނާ ހިނގަމުން އެ ދާ ކަހަލަ ހަނި މަގު ތަކަކީ މީހުން ހިނގުމުގެ ސަބަބުން އުފެދިފައިވާ މަގު ތަކެކެވެ. އެހެން ނަމަވެސް މިހާރު އޭގެ ތެރެއިން ބައެއް މަގު ވަނީ ފެންވަރު ރަނގަޅު މަގު ތަކަކަށް ބަދަލު ވެފަ އެވެ. އޭނާ ދިޔަ އިރު ކުދި ކުދި ގަސްތަކެއްގެ ގޮތުގައި ހުރި ގަސްތައް މިހާރު ވަނީ ވިލާތަކާ ހަމައަށް އުފުލިފަ އެވެ. އަވަށުގައި ހުހަށް އޮތް ބިންތަކުގައި މީހުން ވަނީ ގެ އަޅައިފަ އެވެ. މީގެ ކުރީން ދަނޑު ހައްދާފައި އޮތް ބިންތަކުގައި މިހާރު ގިނައިން ހުރީ މީހުން ދިރިއުޅޭ ގެއެވެ.

ކުއްލިއަކަށް އަޝްރަފްގެ ހިތަށް ވަނީ ކޮން ޚިޔާލެއް ކަމެއް ނޭނގެ އެވެ. އޭނާ ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގެޔާ ދިމާއަށް ހިނގައިގެންފި އެވެ. ދިޔަ މަގުމަތީގައި ވެވަކާ އަރައި ހަމަ ވުމާއެކު ކުއްލިއަކަށް އޭނާގެ ފައިތިލަ ބިންމަތީގައި ތަތްލީ ކަހަލަ އެވެ. އޭނާ ވެވުގެ ކައިރީގައި، ގަހެއްގެ ހިޔަލުގައި، ވިނަގަނޑުގެ މަތީގައި އިށީނދެއްޖެ އެވެ. އަދި ހުއި ކޮޅެއް ނަގައިގެން ބިންމަތީގައި ކޮންމެވެސް އެއްޗެކޭ ލިޔެވޭތޯ މަސައްކަތް ކުރާން ފަށައިފި އެވެ. އެހެން އިނދެފައި މާޒީގެ ހަނދާންތަކުގެ ތެރެއަށް އޭނާ ގެއްލިގެން ދިޔައީ ކޮން އިރަކު ކަމެއް ނޭނގުނެވެ.

އެއީ އެ ވެވެއްގެ ކައިރީގައި އޭނާ ކުޅެން އުޅުނު ވެވެވެ. އޭނާ އަކީ އޭނާގެ މައިން ބަފައިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ވުމާއެކު އޭނާގެ އުފަލަށްޓަކައި އެ މީހުން ކޮށް ނުދޭ އެއްވެސް ކަމެއް ނޯވެ އެވެ. ޒޭބާ އަކީ އޭނާޔާ އެއް އުމުރުގެ ކުއްޖެކެވެ. އެއް އަވަށުގެ ދެ ކުދިން ކަމަށް ވާތީ ދެ ކުދީން ކިޔަވަން އުޅެނީ އެކީގަ އެވެ. އަދި ކުޅެން އުޅެނީ ވެސް އެކީގަ އެވެ. ވުމާއެކު ދެ ކުދިންގެ މެދުގައި އުފެދިފައި ވަނީ ވަރަށް ގާތް ރަޙްމަތްތެރި ކަމެކެވެ. ދެ ކުދިން ކޮންމެ ދުވަހަކު ހަވީރު އެ ވެވުގެ ކައިރިއަށް ކުޅެން އާދެ އެވެ.

އެއް ދުވަހަކު ކުއްލިއަކަށް އަޝްރަފުގެ ބައްޕަ އަށް ވާ ބަލި ޖެހި، ތެދުވެ ނޫޅެވޭ ވަރު ވެއްޖެ އެވެ. އެތައް ބަޔަކު ލައްވައި ބޭސް ކުރުވުމާ އެކުވެސް ފަސޭހަ ވާ ގޮތެއް ނުވި އެވެ. އެންމެ ފަހުން ގޮސް އެ ބަލީގައި މަރު ވީ އެވެ. އޭނާގެ ބައްޕަ މަރު ވުމުގެ ސަބަބުން އަޝްރަފަށް ވަރަށް ހިތި އަސަރު ތަކެއް ކުރި އެވެ. އެ ދުވަހުގެ ފަހުން ގިނަ ވަގުތު އޭނާ ހުންނަނީ ހިމޭނުންނެވެ. އޭނާގެ މި ބަދަލުގެ ސަބަބުން އެންމެ ބޮޑަށް ހިތާމަ ކުރަނީ އޭނާގެ މަންމަ އެވެ. މަންމަ މަސައްކަތް ކުރަނީ އުފަލުން ހުރެވޭތޯ އެވެ. އަދި އަޝްރަފްގެ ހިތް ހަމަ ޖައްސައި ދެވޭތޯވެސް މަންމަ ވަރަށް ބޮޑަށް މަސައްކަތް ކުރެ އެވެ.

ދުވަސްތައް ފާއިތު ވަމުން އޮވެގެން ދެއެވެ. އަޝްރަފް ދަނީ ބޮޑު ވަމުންނެވެ. ޒޭބާ އާއި އޭނާޔާ ދެމެދު އޮތް ގުޅުން މަޑު މަޑުން ގޮސް ލޯތްބަށް ބަދަލު ވެއްޖެ އެވެ. މިހާރު ކަންތައްތައް ގޮސްފައިވާ ހިސާބުން ދެ މީހުން ވަކީން އެންމެ ސިކުންތަކުވެސް އުޅުމަކީ ދަތި ކަމަކަށް ވެއްޖެ އެވެ.

ޒޭބާ އަކީ ވަރަށް ރީތި ކުއްޖެކެވެ. އޭނާ ފެންނަ ކޮންމެ މީހަކު އޭނާޔާ ހެދި މޮޔަ ވާހައި އަސަރު ގަދަ ކުއްޖެކެވެ. އަޝްރަފްގެ މަންމަ ޒޭބާޔާ ވަރަށް ރުހެ އެވެ. އަޝްރަފާއި ޒޭބާގެ ކާވެނި ކޮށް ދިނުމަކީ މަންމަގެ އެދުމެކެވެ.
އެއް ދުވަހަކު އަޝްރަފް ވެވުގެ ކައިރީގައި ޒޭބާގެ އިންތިޒާރުގައި ހުއްޓައި، ޒޭބާ ރޮމުން ރޮމުން އަންނަތަން ފެނިއްޖެ އެވެ. އޭނާ ކައިރިއަށް އައީމާ އަޝްރަފް އަހައިލި އެވެ.

“ކިހިނެއްވީ-؟ ރޮނީ ކީއްވެގެން-؟”
“އަޝްރަފް- އެ އުޅޭ ޔައުޤޫބް ދަންނަމެއްނު-؟ އޭނާ މިއަދު އަހަރެންގެ އަތުގައި ހިފީ- އޭނާ އުޅުނީ ގަދަ ކަމުން އަހަރެންގެ… އަހަރެން މި އައީ އޭނާގެ އަތުން ވީއްލިގަނެގެން-” ޒޭބާ ރޮމުން ރޮމުން ބުނެލިއެވެ.

އެ ވާހަތައް އިވުމާއެކު އަޝްރަފްގެ ގާތަށް ވަރަށް ބޮޑަށް ރުޅި އަތުވެއްޖެ އެވެ. “އަހަރެންނާ އެކު ހިނގާ-”

މިހެން ބުނެފައި އަޝްރަފް ޒޭބާގެ އަތުގައި ހިފައިގެން ހިނގައިގެންފި އެވެ. ދިޔަ މަގު މަތީގައި ޔައުޤޫބާ ބައްދަލު ވެއްޖެ އެވެ. ޔައުޤޫބަކީ އަޝްރަފްގެ އެންމެ ގާތް އެކުވެރިޔާ، ޙަނީފް ގެ ކޮއްކޮ އެވެ. އެކަމަކު އެ ވަގުތަކު އަޝްރަފުގެ ހަނދާނުން ވަނީ އެ ކަން ކެހިގެން ގޮސްފަ އެވެ. އޭނާ ކުއްލިއަކަށް ޔައުޤޫބާ ޙަމަލާ ދީފި އެވެ. އަޝްރަފްގެ ރުޅިގަނޑު މައިތިރިވީ ޔައުޤޫބް މަރުވީ ފަހުންނެވެ.

ރުޅިގަނޑު މައިތިރި ވީމާ ކުރެވުނު ކަންތަކާ މެދު ފިކުރު ބޮޑުވެ، ބިރު ގެންފިއެވެ. ޒޭބާ އެއް ފަރާތުގައި ހިމޭނުން ބަލަން ހުރީ އެވެ. އެ ހިސާބަށް ކަންތައް ދިޔަ އިރު ކޮންމެވެސް މީހަކު ފުލުހުންނަށް ޚަބަރު ކޮށްފި އެވެ. ފުލުހުން އައިސް އަޝްރަފް ހައްޔަރު ކޮށްގެން ގެންގޮސްފި އެވެ. މި ޚަބަރު ލިބުމާ އެކު އަޝްރަފްގެ މަންމަގެ ހިތް ހުއްޓިއްޖެ އެވެ. ހަސްފަތާލަށް ގެންދިޔަ މަގު މަތީގައި އޭނާ މަރު ވީއެވެ.

ޔައުޤޫބަކީ މުޅި އަވަށަށް މަޝްހޫރު ވަކަރުގޭ ކުއްޖެކެވެ. ގިނަ ވަގުތު އުޅެނީ ކޮންމެވެސް ކަހަލަ މަސްތުވާ އެއްޗެއްގެ ބޭނުން ކޮށްގެންނެވެ. މަގުމަތީގައި ހުރެގެން، ހިނގާފައި ދާހައި އަންހެން ކުއްޖަކާ ފޮށުމަކީ އޭނާގެ އާދަ އެކެވެ. އަވަށުގެ އެންމެން ތިބެނީ އޭނާޔާ ހެދި ނުފޮރުއްޕާން ވެފައެވެ. ބައެއް މީހުން އޭނާ މަރުވީމާ އުފާ ފާޅުކޮށްވެސް އުޅުނެވެ.

“ޢިއްޒަތްތެރި ފަނޑިޔާރު- ޔައުޤޫބު މަރައިލީ އަޝްރަފްކަން ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުވޭ- އެހެންވީމާ އަޅުގަނޑު އެދެނީ އޭނާއަށް ޤާނޫނުގައި އޮތް އެންމެ ހަރުކަށި އަދަބެއް ދެއްވުން- އޭނާޔާ އެންމެ އެކަށީގެންވާ ކަމަށް އަޅުގަނޑަށް ފެންނަ އަދަބަކީ ދަން ޖައްސައި މެރުން-” ދައުލަތުގެ ވަކީލު ކޯޓުގައި ވާހަކަ ދައްކަމުން ބުންޏެވެ.

“ނޫން- ޢިއްޒަތްތެރި ފަނޑިޔާރު- އަޝްރަފަކީ ހަމައެކަނި އަޅުގަނޑުގެ ރަޙްމަތްތެރިއެއް ނޫން- އެއީ އަޅުގަނޑުގެ އަޚެއް- އަޅުގަނޑުގެ ކޮއްކޮ ޔައުޤޫބަކީ ވަރަށް ވިޔާ ނުދާ މީހެއް- ކޮންމެވެސް މީހެއްގެ އަތުން އޭނާ މަރު ވުމަކީ ނުވެ ނުދާނޭ ކަމެއް- އޭނާ އަށް އެވީ ވާންވީ ގޮތް- އޭނާ މަރުވެ ދިޔައީ- ދެން ހުރީ އަޝްރަފް- އަޝްރަފްވެސް މަރު ވުމަކީ އަޅުގަނޑު އެދޭ ގޮތެއް ނޫން-” ދައުލަތުގެ ވަކީލުގެ ވާހަކަ އިވިފައި ޙަނީފް އަސަރުން ފުރިފައިވާ ރާގަކަށް ބުންޏެވެ.

ދެ ފަރާތުގެ ވާހަކަ ވަރަށް ރަނގަޅަށް އަޑު އެއްސެވުމަށް ފަހު ފަނޑިޔާރު ޙުކުމް އިއްވެވީ އަޝްރަފް އުމުރަށް ޖަލަށް ލާށެވެ.

“ޙަނީފް- އަހަރެން ސަލާމަތް ކުރަން މަސައްކަތް ކުރީ ކީއް ކުރަން-؟ އަހަރެން މިއީ ޙަނީފްގެ ކޮއްކޮ މަރައިލީ މީހާ- އެކަމަކު…”

“ތިޔަހެން ނުބުނޭ- އަޝްރަފް ވެސް ތިޔައީ އަހަރެންގެ އަޚެއް-” ޙަނީފް އޭނާގެ ވާހަކަ މެދު ކަނޑައިލި އެވެ.

“ޙަނީފް ތިޔައީ ވަރަށް ރަނގަޅު ރަޙްމަތްތެރިއެއް- ތިޔަ ކަހަލަ ރަޙްމަތްތެރިން ލިބޭނީ ނަސީބުވެރިންނަށް-” މިހެން ބުނެފައި އަޝްރަފް އޭނާގެ ގައިގައި އޮޅު ލައިގަތެވެ.
ޖަލަށް ލީތާ ކުރީ ކޮޅު ޙަނީފް އޭނާޔާ ބައްދަލު ކުރަން ވަރަށް ގިނައިން އާދެ އެވެ. އެކަމަކު ފަހަކަށް އައިސް އޭނާ އެއް ގޮތަކަށްވެސް ނާދެ އެވެ.

ޒޭބާގެ ގޭ މީހުން އޭނާ އަޝްރަފާ ބައްދަލު ކުރުން މުޅީން މަނާ ކުރީ އެވެ.
ޖަލުގައި އޭނާގެ އުޅުން ރަނގަޅު ކަމުން ސަރުކާރުން އޭނާގެ އަދަބުގެ މުއްދަތު ހަމަ ނުވަނީސް މަޢާފް ކޮށް، ދޫ ކޮށްލީއެވެ. މިއަދަކީ އޭނާ ޖަލުން މިނިވަންވީ ދުވަހެވެ.
އަޝްރަފް ވެވުގެ ކައިރީގައި އިނދެގެން މާޒީގެ ހަނދާންތައް ކުރަމުން ދަނިކޮށް ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގައި ޖަހައިލީމައެވެ. އޭނާ އިސް އުފުލައި ބަލައިލިއެވެ. ކުރިމަތީގައި ހުރީ އޭނާގެ އެކުވެރި ޙަނީފެވެ.

“ޙަނީފް-؟” އަޝްރަފްގެ ލޮލުން ކުއްލިއަކަށް ކަރުނަ އަތުވެއްޖެ އެވެ. އެއީ އުފާވެރިކަމުގެ ކަރުނަ އެވެ.

“އާނ- އަހަރެން މަސައްކަތުން އަވަދިވެގެން ގެއަށް ދިޔަ މަގުމަތީގައި ވެވުގެ ކައިރީގައި މީހަކު ހުއްޓާ ފެނުނީމާ ބަލައިލާން އައީ- އަޝްރަފް ކަން އެނގުނީ ކައިރިއަށް އާދެވުނީމާ-” ޙަނީފް ޖަވާބު ދިނެވެ.

“ސަރުކާރުން އަހަރެންގެ ކުށަށް މަޢާފް ދެއްވީ- އަވަހަށް ސަލާމަތްވީ އެހެން ވެގެން- ޙަނީފް އަހަރެންނާ ބައްދަލު ކުރާން ޖަލަށް އައުން ހުއްޓައިލީ ކީއް ވެގެން-؟” އަޝްރަފް އަހައިލި އެވެ.

“މަސައްކަތް ބުރަ ކަމުން ފަހަކަށް އައިސް އެއް ގޮތަކަށްވެސް ވަގުތެއް ނުވަނީ- ތިޔަ ހުރިހައި ވާހަކައެއް ދައްކާނީ ގެއަށް ގޮސް- އަވަހަށް ގެއަށް ދަމާ ހިނގާ-”
އަޝްރަފް ތެދުވެއްޖެ އެވެ.

“ޒޭބާގެ ހާލު ކިހިނެއް-؟” އަޝްރަފް ގެއާ ދިމާއަށް ދަމުން އަހައިލި އެވެ.

“ގެއަށް ހިނގާ- ހުރިހައި ވާހަކައެއް ކިޔައި ދޭނަން- އަޝްރަފްގެ ފަހަރިއާ ވެސް ބައްދަލު ކޮށްލަން ވާނެއެއްނު-؟”

“އަހާނ- ކާވެނިވެސް ކުރީތަ-؟” އަޝްރަފް ހީނލިއެވެ.
ދެ މީހުން ވާހަކަ ދައްކަމުން ޙަނީފްގެ ގެއަށް އަތުވެއްޖެ އެވެ. އޭނާގެ ގޭގެ ދޮރާށީގެ ކައިރީގައި ވަކި ކޮޓަރިއެއް ހަދާފައި ހުރެއެވެ. އެއީ ގެއަށް އަންނަ މެހްމާނުންނަށްޓަކައި ހަދާފައި ހުންނަ ކޮޓަރިއެކެވެ. އޭނާ އަޝްރަފް ގެންގޮސް ވެއްދީ އެ ކޮޓަރި އަށެވެ.

“މި ތާނގައި ކުޑަ އިރުކޮޅަކު މަޑު ކޮށްލާ- އަހަރެން ގޮސް ސައި ހަދަން ބުނެފައި އަންނާނަން-” މިހެން ބުނެފައި އޭނާ އެ ކޮޓަރިން ނުކުމެގެން ގޮސް ގެއަށް ވަދެއްޖެ އެވެ.

ކުޑަ އިރުކޮޅެއް ފަހުން އެނބުރި އައިސް އަޝްރަފާ ވާހަކަ ދައްކާން ފަށައިފި އެވެ. މާ ގިނަ އިރެއް ނުވެ ކޮޓަރީގެ ދޮރު ހުޅުވިއްޖެ އެވެ. އެ ވަގުތު ޙަނީފް ބުނެލިއެވެ.

“އަޝްރަފް- މިހިރީ އަޝްރަފްގެ ފަހަރި- އަހަރެންގެ އަނބިމީހާ-”
އަޝްރަފް ދޮރާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. އޭނާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. ކުރިމަތީގައި ޙަނީފްގެ އަނތްބެއްގެ ގޮތުގައި އެހެރީ އޭނާގެ ޒޭބާ އެވެ. އެހެރަ ރީތި ކުއްޖާއަށް ޖެހިފައިވާ ނިކަމެތި ހާލު ފެނިފައި އަޝްރަފަށް ވަރަށް އަސަރު ކުރިއެވެ. އޭނާ އުޅެނީ ވަރަށް ބޮޑު ހިތާމައެއްގައިކަން ދެނެގަންނާކަށް އަޝްރަފަކަށް އުނދަގުލެއް ނުވިއެވެ.
ޒޭބާ އަށް އަޝްރަފަކީ ކާކުކަން އެނގިއްޖެއެވެ. “އަޝްރަފް- އަޝްރަފް މަރު…”
އެ ވަގުތު ކޮޓަރި ތެރެއަށް ވެރިވެގެން ދިޔައީ ޙަނީފްގެ ފަތަޙައިގެ ހުނުމުގެ އަޑެވެ.
(ނިމުނީ)

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo