June 8, 2010 / 1:24 pm

ބީރައްޓެހި ރަށަކަށް ދެވިއްޖެ ނަމަ ރަށުގެ އަހުލުވެރިންނަށް ތަބާވާންވާނެ!

ބީރައްޓެހި ރަށަކަށް ދެވިއްޖެ ނަމަ ރަށުގެ އަހުލުވެރިންނަށް ތަބާވާންވާނެ!

ޢަބްދުﷲ ނަޢީމް އިބްރާހީމް

2 ކޮމެންޓް


މަނިކުފާނަކީ އޭނާގެ އަސްލު ނަމެއް ކަމެއް ނުވަތަ ނޫން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑު އަހަނީ އޭނާއަށް އެހެން ކިޔާ އަޑެވެ. އަސްލު ނަން އެހެން ގޮތަކަށް އޮވެދާނެއެވެ. މަނިކުފާނު އަމިއްލައަށް ބުނާ ގޮތުގައި ރާއްޖޭގައި ހުރި އެންމެ ބޮޑު ޢިއްޒަތްތެރިޔަކީ އޭނާއެވެ. އެއީ އެހެން މީހުންނަށް ޤަދަރު ކުރުމުގެ ގޮތުން މަނިކުފާނު ކިޔަނީއެވެ. އޭނާގެ ނަމަކީވެސް މަނިކުފާނެވެ!

މަނިކުފާނާ މެދު އެކި މީހުން އެކި ގޮތަށް ވާހަކަ ދައްކާ އަޑު އިވެއެވެ. އޭނާއަކީ ބުއްދި ހަމަ ނޫން މީހެއް ކަމަށް ދެކޭ މީހުންވެސް އުޅެއެވެ. އެކަމަކު އަޅުގަނޑަށް ފާހަގަ ކުރެވުނު ގޮތުގައި އޭނާއަކީ ބުއްދިވެރިއެކެވެ. ތެދު ތެދަށް ދަންނަވާ ނަމަ އާދައިގެ މީހުންނަށް ވުރެ އޭނާގެ ބުއްދިވެރިކަން ބޮޑެވެ. އެކި ކަހަލަ ހެއްވާ ވާހަކަ ދެއްކުމަކީ އޭނާގެ އާދެއެކެވެ. ކޮންމެ ކަހަލަ ވާހަކައެއް ދެއްކިޔަސް އެންމެ ފަހުން ނިމޭނީ ހެއްވާ ވާހަކައަކަށް ވެގެންނެވެ.
އޭނާގެ ބުއްދި ހަމަ ނޫން ކަމަށް ބައެއް މީހުން ބުނާ ސަބަބު ތަކެއް ހުރެއެވެ. މިސާލަކަށް އޭނާ އަޅުގަނޑާ ކުރި ސުވާލެއް ދަންނަވައިލާނަމެވެ.
“ސުވިޗް ޖެއްސީމާ ބޮކި ދިއްލެއެއް ނޫން ހެއްޔެވެ؟ އެއީ ސުވިޗުން ބޮތްކަށް ކަރަންޓު ދިޔައީމާ ވާ ގޮތެއް ނޫން ހެއްޔެވެ؟”

އަޅުގަނޑު އާނއެކޭ ބުނީމާ ބުންޏެވެ. “އެހެން ވެއްޖެއްޔާ ބޮކި ދިއްލާފައި ބެހެއްޓުމަށް ފަހު ސުވިޗާއި ބޮތްކާ ދެމެދު ހުންނަ ނަރުގެ ކޮންމެވެސް ހިސާބެއްގައި ގޮށެއް ޖެހީމާ ސުވިޗް ނިއްވައި ލިޔަސް ބޮކި ނުނިވި ހުންނާނެއެއް ނޫން ހެއްޔެވެ؟”
އޭނާ އަޅުގަނޑާ މި ވާހަކަ ދެއްކި އިރު އަޅުގަނޑު އުޅެނީ އިސްކޫލުގައެވެ. ހަނދާންވާ ގޮތުގައި އޭރު އަޅުގަނޑު އުޅެނީ ފަސް ވަނަ ކުލާހުގައެވެ. އެހެންވީމާ އޭނާއަށް ދޭނޭ ޖަވާބެއް އަޅުގަނޑަކަށް ނޭނގުނެވެ. އަޅުގަނޑު އަނގައިން ނުބުނީމާ ހީނގެންފައި ބުންޏެވެ.
“ކޮބާ- ކަލޭމެން ތިޔަ ކިޔަވާ ސައިންސް އެއްޗަކަށް ނުވިއެއް ނޫން ހެއްޔެވެ؟ މި ވަރުގެ ސުވާލަކަށްވެސް ދޭނޭ ޖަވާބެއް ނޭނގުނެވެ.”

މި ކަހަލަ ސުވާލުތައް ކުރާތީ ބައެއް މީހުން އޭނާގެ ބުއްދި ހަމަ ނޫން ކަމަށް ބަލަނީއެވެ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އޭނާ ކުރާ ސުވާލުގެ ޖަވާބު ގިނަ ފަހަރަށް އޭނާއަށް އެނގެއެވެ. ސަމާސާ ވާހަކައެއް ދައްކައިލުމުގެ ގޮތުން ހަމަ ނުޖެހޭ ސުވާލުތައް ކުރުމަކީ އޭނާގެ އާދައަކަށް ވާތީ ކުރަނީއެވެ.

އެއް ދުވަހަކު އަޅުގަނޑު ބައިސްކަލެއްގައި ދަނިކޮށް ފެނިގެން އަހައިފިއެވެ. “ބައިސްކަލު ފަހަތަށް ދުވާ ގޮތަށް ނަހަދަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟”
އަޅުގަނޑު ނޫނެކޭ ބުނީމާ ބުންޏެވެ. “އެއީ ކަލޭމެން ބައިސްކަލު ފަހަތަށް ދުއްވަފާނެތީއެވެ.”

މަނިކުފާނަކީ މިސްކިތެއްގެ މުދިމެކެވެ. އެއް ދުވަހަކު ދިމާވީ ކަމެއް ދަންނަވަންތޯއެވެ؟
އެ ރަށަށް (މަނިކުފާނުގެ ރަށަށް) އެހެން ރަށެއްގެ ބަޔަކު ހިނގައްޖެއެވެ. އެ މީހުންނަކީ އަނބާއި ނާރިނގާއި މި ފަދަ ބައެއް ތަކެތި ވިއްކަން ދިޔަ ބައެކެވެ. އެހެންދާ ގިނަ މީހުން ނިދަނީ އޮޑީގައެވެ. ކާންވީމާ ރައްޓެއްސެއްގެ ގެއިން ނުވަތަ ހޮޓަލުން ކަނީއެވެ. ބައެއް ފަހަރަށް އެހެން ދާ މީސް މީހުން ހަފްތާއެއް ނުވަތަ ދެ ހަފްތާ ވާންދެންވެސް އެ ރަށުގައި ތިބެއެވެ.

މި ދެންނެވި މީހުން އެ ރަށަށް ގޮސް ތިބީ އޮޑީގައެވެ. ނަމާދު ކުރަން ދަނީ މަނިކުފާނު މުދިމްކަން ކުރާ މިސްކިތަށެވެ.

އެއް ރެއަކު ފަތިސްނަމާދުގައި މަނިކުފާނަށް ޤުނޫތު އަޅާފައި ދެވިގެން ކުށު ސަޖިދަ ޖަހައިފިއެވެ. އެކަމަކު އެއްކަލަ ބީރައްޓެހިން ކުށު ސަޖިދައެއް ނުޖަހައެވެ.
ނަމާދުކޮށް ނިމިގެން ފައިބައި ރަށު މީހުންނާއި ބީރައްޓެހިންނާ ދެމެދު މި ކަމުގެ ޒުވާބު ފެށިއްޖެއެވެ. ރަށު މީހުން ބުނަނީ ކުށު ސަޖިދަ ޖަހަން ޖެހޭނޭ ކަމަށެވެ. ބީރައްޓެހިން ބުނަނީ ޖަހަން ނުޖެހޭނޭ ކަމަށެވެ. އެންމެ ފަހުން ޒުވާބު ގަދަ ވެގެން ގޮސް މަނިކުފާނާ ހަމައަށް ހިނގައްޖެއެވެ.

“އެންމެ ރަނގަޅު މަނިކުފާނު ބުނެބަލަ- އަހަރެމެން ކަންތައް ކުރީ ރަނގަޅަކަށް ނޫންތަ-؟” ބީރައްޓެހިންގެ ތެރެއިން މީހަކު އަހައިފިއެވެ.
މަނިކުފާނު ބުންޏެވެ. “ކަލޭމެން ކަންތައް ކުރީ އެއް ގޮތަކަށްވެސް ރަނގަޅަކަށް ނޫން-”
ސުވާލު ކުރި މީހާ ނުރުހިފައި ބުންޏެވެ. “އަހަރެމެން ކަންތައް ކުރީ ރަނގަޅަށް- ޤުނޫތު ނުކިޔުނަސް ކުށު ސަޖިދަ ޖަހާކަށް ނުޖެހޭނެ-” މިހެން ބުނެފައި އޭނާ ވަރަށް ގިނަ އިރު ވާންދެން ޤުނޫތު ކިޔުމުގެ މައްޗަށް ވާހަކަ ދެއްކިއެވެ. އޭނާ ދެއްކި ވާހަކަތައް އަޑު އަހަން މަނިކުފާނު ހުއްޓެވެ. އިރު އިރުކޮޅާ ބޯ ޖަހައިލައެވެ. ވާހަކަ ދައްކައި ނިމުނީމާ ބުންޏެވެ.

“ބަލަ ޤުނޫތު ކިޔުމުގެ ވާހަކަ އަހަރެން ނުދައްކަމެއްނު-؟ އަހަރެން ބުނީ ކަލޭމެން ކަންތައް ކުރީ ރަނގަޅަކަށް ނޫނޭ- ޤުނޫތޭވެސް އަހަރެން ނުކިޔަން-”
އެ މީހާ ޙައިރާން ވެފައި ބުންޏެވެ. “އަހަރެމެން މި ޒުވާބު ކުރަނީ ޤުނޫތު އަޅާފައި ގޮސް ކުށު ސަޖިދަ ޖެހުމުގެ މައްސަލައިގައި- އެހެން…”
އޭނާގެ ވާހަކަ ނުނިމެނީސް މަނިކުފާނު ބުންޏެވެ.

“ތިޔަކަން އަހަންނަށް އެނގޭ- ކަލޭމެން ކަންތައް ކުރީ ރަނގަޅަކަށް ނޫނޭ އަހަރެން ބުނީ އެހެން ވެގެން- ބަލަ ބީރައްޓެހި ރަށަކަށް އައިސް ތިބެ އެ ރަށުގެ އަހުލުވެރިން ކަންތައް ކުރާ ގޮތާ ޚިލާފަށް ކަންތައް ކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން-!”
(“ހާރުކާމީދާ” މި ފޮތުން ނަގާފައި)

Tweet this! Share on Facebook

2 ކޮމެންޓް

  1. ޝާފީ

    ނައީމުގެ ސަމާސާ އަދަބުގެ ލިއުއްވުންތަކަކީ ވަރަށް ކިޔާހިއްވާ ލިއުންތަކެއް. ވަރަށްފުރިހަމަ ވަރަށް މަޖާ، މިވެސް ހަމަ އެފަދަ ދެވަނައެއްނެތް ލިއުމެއް.

    June 9, 2010 / 12:49:10
  2. ހަސަން

    ހާދަހާ ސަމާސާ މިޒާޖެއްގެ މީހެކޭ އެއީ އެކަމަކު އެއީ ހަމަބުއްދި ވެރި މުދިމެއް

    June 9, 2010 / 15:04:38

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo