ސަމީރަކީ މިއަދު ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ. އޭނާއަށް އެހީތެރިވާނެ އެކަކުވެސް ނެތެވެ. އެކަނިމާއެކަނި ހަޔާތުގެ ދުވަސްތައް ގުނަމުން އެދަނީ ވަރަށް ހިތްދަތިކަމާއެކުގައެވެ. މިއަދު އޭނާއަށް ވިސްނެއެވެ. މިއީ އޭނާގެ އަމިއްލަ ކުށެވެ. ކިތަންމެ ދެރަވިޔަސް ކިތަންމެ ހިތްދަތި ހާލެއްގައި އުޅެން ޖެހުނަސް މިއަދު ސަމީރަށް ކެތްކުރުން ނޫން އެހެން ގޮތެއް ނެތެވެ.
މީގެ ދެ އަހަރު ކުރިން ސަމީރަކީ އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ މީހެކެވެ. ސަމީރު ދެކެ އިންތިހާއަށް ލޯބިވާ އަނތްބަކު އޭރު ހުއްޓެވެ. ޝެހެނާޒް ސަމީރަށް ވަރަށް ރަނގަޅެވެ. ވަރަށް ހެވެވެ. ސަމީރުގެ ހިތަށް ބައެއްފަހަރު އަރައެވެ. ޝެހެނާޒް ކަހަލ ރަނގަޅު އަނތްބެއް އެހެން މީހަކަށް ނުލިބޭނެއެވެ. އެކަމަކު ސަމީރު ޝެހެނާޒް ދެކެ ލޯތްބެއް ނުވެއެވެ. އެކަން ޝެހެނާޒަކަށް ނޭނގެއެވެ. ސަމީރު ޝެހެނާޒާ ކައިވެނި ކުރީ ޝެހެނާޒަކީ މާލޭގައި ގެދޮރު ހުރި އަންހެންކުއްޖަކަށްވާތީއެވެ. ސަމީރަކީ ރާއްޖެތެރޭގެ ރަށެއްގެ މީހަކަށްވެފަ، އޭނާ އެ ކައިވެނި ކުރީ މާލޭގައި އުޅެން ފަސޭހައަކަށެވެ. ސަމީރު ދެކެވާ ލޯބީގެ ސަބަބުން އަދި އޭނާއަށް ކުރާ އިތުބާރުގެ ސަބަބުން ބައްޕަގެ ގެއިން ޝެހެނާޒަށް ލިބުނު ބައި ޝެހެނާޒް ސަމީރަށް ރަޖިސްޓްރީ ކޮށްދިނެވެ. ސަމީރު ވަރަށް އުފާވިއެވެ. ސަމީރުގެ ދެއްކުންތެރި ލޯބީގައި ޖެހި ފަރުދާގެ ފުރަގަހުގައި ހިނގަމުންދިޔަ ކަންތައްތަކެއް ޝެހެނާޒަކަށް ނޭނގެއެވެ. ޝެހެނާޒް ހީކުރީ ސަމީރު ދުވަހަކުވެސް އޭނާއަށް ދެރަ ގޮތެއް ނުހަދާނެ ކަމަށެވެ. ސަމީރަކީ ޝެހެނާޒަށް “ވަފާތެރި” މީހެއް ކަމަށް ޝެހެނާޒްގެ ހިތުގެ އަޑިން ގަބޫލު ކުރިއެވެ.
ސަމީރާއި ޝެހެނާޒްގެ ކައިވެންޏަށް އެއްއަހަރު ފުރުނު ދުވަހު ސަމީރު ޝެހެނާޒް ގޮވައިގެން ފަޅު ރަށަކަށް ދަތުރުދިޔައެވެ. އެ ދަތުރުގައި ސަމީރުގެ ރަހުމަތްތެރި އަލީއާއި ރީނާ ކިޔާ ކުއްޖަކު ބައިވެރިވިއެވެ. ޝެހެނާޒަށް އަލީ އެނގެއެވެ. އެކަމަކު ރީނާއަކީ ކާކުކަމެއް ޝެހެނާޒަކަށް ނޭނގެއެވެ.
“ޝެހެނާޒް! މިއީ ރީނާ… އަލީގެ ގާލް ފްރެންޑް” ސަމީރު ޝެހެނާޒަށް އޮޅުންފިލުވައިދިނެވެ.
ޝެހެނާޒަކީ ހިތްހެޔޮ އަންހެން ކުއްޖެކެވެ. އެހެންކަމުން ޝެހެނާޒް ރީނާއަށް ހިނިތުންވެލިއެވެ. އެވަގުތު ރީނާ އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. ޝެހެނާޒް އެކަން ބޮޑު ކަމަކަށް ނުހަދައެވެ. ޝެހެނާޒް ސަމީރުގެ ކޮނޑުގައި ބޯ ޖައްސައިލިއެވެ. އެ މަންޒަރު ބަލަން އޒިން އިނީ ކިހާ ހިތްހަމަ ނުޖެހިފަކަމެއް ޝެހެނާޒަކަށް ނޭނގެއެވެ. ސަމީރު ބޭނުންވީ ފަޅު ރަށުގައި ދެ ދުވަސްކޮށްފަ މާލެ ދާށެވެ. ޝެހެނާޒާއި ރީނާގެ އިތުރުން އަލީވެސް ސަމީރުގެ އެ ނިންމުމަށް އެއްބަސްވިއެވެ.
މެންދުރުގެ ކެއުމަށްފަހު ޝެހެނާޒަށް ކުއްލިއަކަށް ސަމީރު ގެއްލުނެވެ. ރީނާވެސް ފެންނަ ހިސާބަކު ނެތެވެ. ޝެހެނާޒް ކައިރީގައި ހުރީ އަލީއެވެ.
“ކޮބާ ސަމީރާ ރީނާ؟”ޝެހެނާޒް އެހިއެވެ.
“އެމީހުން ވެއްޖެ ކުރުނބާ އަޅަން ގޮސް… ވަރަށް އަވަހަށް އަންނާނެ…”އަލީ ބުނެލިއެވެ.
“އެހެންތަ! ކީއްވެ ސަމީރު އަހަރެން ނުގެންދިޔައީ؟” ޝެހެނާޒް ހިތްހަމަ ނުޖެހިފައި އެހިއެވެ.
“ނޭނގެ. ވެދާނެއްނު ސަމީރަށް ޝެހެނާޒް މުހިއްމު ނޫނީ ކަމަށް…” އަލީ އެހެން ބުނުމުން ޝެހެނާޒްގެ ހިތް ނުތަނަވަސްވާގޮތްވިއެވެ.
“ކީއްވެ ތިހެން ތި ބުނީ؟”ޝެހަނާޒް އެހިއެވެ.
“ޝެހެނާޒް ހާދަ ސުވާލު ގިނައޭ. ހިނގާބަލަ ހިނގާލަން ދާން! ސަމީރު ނެތަސް ކަންބޮޑުވާންވީ ކިއްވެ؟ އަހަރެން މިހުރީނު”
އަލި ޝެހެނާޒްގެ އަތުގައި ހިފަހައްޓައިލިއެވެ. ޝެހެނާޒް އަވަހަށް އަލީގައި އަތް ފޮޅުވައިލިއެވެ. ޝެހެނާޒް ހުރީ ބިރުންނެވެ.
“ހާދަ ބިރުން ތި އުޅެނީ؟ އަހަރެން ޝެހެނާޒަށް އެއްވެސް ކަމެއް ނުކުރާނަމޭ…” އަލީ އެހެން ބުނަމުން ޝެހެނާޒްގެ މޫނުގައި ފިރުމައިލިއެވެ.
ޝެހެނާޒް ވަރަށް ބާރަށް އަލީގެ މޫނުމަތީގައި ޖެހިއެވެ. އަލީ ސިހުނެވެ. ޝެހެނާޒް ހުރީ ވަރަށް ރުޅި އައިސްފައެވެ.
“ކީއްކުރާނަމޭ ހިތާ ތިއުޅެނީ؟ މަށަށް އެބަ ހާދަ ހީވޭ ކޮންމެވެސް ނުބައެއް އުޅޭހެން…” ޝެހެނާޒް ބުނެލިއެވެ.
“ރަނގަޅަށް ތި ހީވީ… ދޭބަލަ މިރަށުގެ ދެކުނު ފަރާތަށް. އެތަނުން ކަލެއަށް ވަރަށް އުފާވެރި މަންޒަރެއް ފެންނާނެ…” އަލީ ރުޅި އައިސްފައި ބުނެލިއެވެ.
ޝެހެނާޒް ރޮވިފައި ހުރެ ދުއްވައިގަތެވެ. އެ މަންޒަރު ބަލަން ވަރަށް ހިނިއައިސްފައި އަލީ ހުއްޓެވެ. ކުއްލިއަކަށް ޝެހެނާޒަށް ފެނުނީ ސަމީރު ރީނާގެ ގައިގައި ބައްދާލައިގެން ހުރެ ހިނގަމުން އަންނަތަނެވެ. ޝެހެނާޒްގެ ހިތް ހުއްޓުނު ކަހަލައެވެ. ޝެހެނާޒަށް ރޮވެންފެށިއެވެ. ސަމީރުގެ ފަރާތުން އެފަދަ މަންޒަރެއް ދުވަހަކުވެސް ފެންނާނޭ ޝެހެނާޒްގެ ހިތަކަށް ނާރައެވެ. ޝެހެނާޒް އަވަހަށް ކައިރީގައި ހުރި ގަސްތަކުގެ ތެރެއަށް ވަދެ ނިވާވިއެވެ.
އެއްވެސް ކަމެއް އެނގުނު ކަމަކަށް ޝެހެނާޒް ނުހަދައެވެ. ސަމީރު އައުމުން ޝެހެނާޒް އެދުނީ އަވަހަށް މާލެ ދާން ބޭނުންވާ ކަމަށެވެ. ބޭނުންވި ގޮތަށް ކަންތައްތައް ނުކުރެވިދާނެތީ ސަމީރު ވަރަށް ކަންބޮޑުވިއެވެ.
“ކީއްވެ ކުއްލިއަކަށް މާލެ ދާން ބޭނުންވީ؟” ސަމީރު އެހިއެވެ.
އެ ސުވާލަށް ޝެހެނާޒް ޖަވާބެއް ނުދެއެވެ.
“މިރޭ މިރަށުގައި މަޑުކޮށްފަ މާދަމާ ހެނދުނު މާލެ ދާން ފުރާނީ…”ސަމީރު ބުންޏެވެ.
އެރޭ ވެގެން ދިޔައީ ޝެހެނާޒްގެ ހަޔާތުގެ އެންމެ ފަހު ރެއަށެވެ. ޝެހެނާޒް ނިދާފައި އޮއްވާ ސަމީރު ޝެހެނާޒް މަރައިލިއެވެ. ހަމައެކަނި އެންމެ ބޭނުމަކަށްޓަކައެވެ. ޝެހެނާޒް ސަމީރަށް ރަޖިސްޓްރީ ކޮށްދިން ގޭގައި ސަމީރު އެންމެ ލޯބިވާ ރީނާއާ ކައިވެނިކޮށްގެން ރީނާއާއެކު ދިރިއުޅުމަށްޓަކައެވެ.
ނަމަވެސް މިއަދު ސަމީރަށް ފެންނަން ހުރީ ޖަލުގެ ހަތަރު ފާރުގެ އެތެރެއެވެ. އޭނާގެ އުމުރުގެ ބާކީ އޮތް ދުވަސްތައް ވޭތު ކުރަން ހުރި ތަނަކީ އެއީއެވެ.
(ނިމުނީ)






2 ކޮމެންޓް
ވާހަކަ ވަރަށް ރީތި. އާފަތިސް ވެބްސައިޓް މިހާރު ވަރަށް ސަޅި. ގިނައިން މިފަދަ ވާހަކަތައް ގެނެސްދޭނެ ކަމަށް އުންމީދުކުރަން. އެންމެ ކުރީގެ އާފަތިސް ވެބްސައިޓް ފަދަ އަޕްޑޭޓް ސައިޓަކަށް މިސައިޓުވެސް ވުން އެދެން.
June 7, 2010 / 15:05:38ވަރަށްރިތި ވާހަކައެއް.
June 9, 2010 / 18:19:22ކޮމެންޓެއް ދެއްވާ