July 15, 2010 / 10:33 am

އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް ހީނުކުރާށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ދީފައިމިވަނީ އިދިކޮޅު ފަރާތަށެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީ ކޯލިޝަނަށެވެ. ކެންޕޭން ދުވަސްވަރުވެސް ސަރުކާރުން ބުނަމުން އައީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބި ސަރުކާރުން ބޭނުންވާ ކަންތައްތައް އެންމެ އެދެވޭ ގޮތުގައި ނުކުރެވޭނެ ކަމަށެވެ. އެހެންވީމާ  ސަރުކާރުން ރައްޔިތުންނަށް އަންގަމުން ދިޔައީ ސަރުކާރަށް މެޖޯރިޓީ ދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވީވެސް އާ ސަރުކާރު އައުމަށްފަހު ހައެއްކަ މަސްފަހުންނެވެ. އޭރު ސަރުކާރުގެ މިސްރާބު ހުރި ދިމާ ރައްޔިތުން ދިޔައީ ބަލަމުންނެވެ. ސަރުކާރުގެ ވިސްނުން ހުރި ގޮތް ރައްޔިތުން ދިޔައީ ދިރާސާ ކުރަމުންނެވެ. ރައްޔިތުން ސަރުކާރަށް މެޖޯރިޓީ ނުދިނީ ކީއްވެކަން އެންމެ ރަނގަޅަށް މިހާރު އެނގޭނީވެސް ސަރުކާރަށެވެ. ރައްޔިތުންނަށް ސަރުކާރުން ކަންކަން ކުރަމުންދާ ގޮތް ރަނގަޅު ކަމަށް ފެނުނުނަމަ ސަރުކާރަށް މެޖޯރިޓީ ހޯދައިދޭނެއެވެ.

ކޮންމެ ގޮތެއްވިޔަސް މިހާރު މަޖިލީހުގެ މެޖޯރިޓީއޮތީ އިދިކޮޅު ފަރާތްތަކުގައި ކަމަށް ސަރުކާރުންވެސް ގަބޫލު ކުރައްވަން އެބަޖެހެއެވެ. އެކަން ސަރުކާރަށް ގަބޫލު ނުކުރެވޭ ހެއްކަނީ ކެބިނެޓުގެ ވަޒީރުން އިސްތިއުފާ ދެއްވުމެވެ. އެބޭފުޅުންގެ މަސައްކަތަށް ރައްޔިތުންގެ މަޖިޅިހުގެ މެންބަރުންގެ އެއްބާރުލެއްވުން ނުދޭ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އިދިކޮޅަށް އޮންނަ ޕާޓީއަކުން ސަރުކާރު ބޭނުންވާހާ ގޮތަކަށް ކަންކަންކަރުމަށް ދޫދެއްވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވާނަމަ އިދިކޮޅު ފަރާތްތައް ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ސަރުކާރުންވެސް ފުރުސަތު ދޭންޖެހޭނެއެވެ. އާންމު އުސޫލުން ބަލާއިރު އިދިކޮޅު ޕާޓީއަކުން ދުވަހަކުންވެސް ސަރުކާރު ހިންގާ ޕާޓީ ބޭނުންވާ ގޮތަށް ކަންތައް ކުރުމަށް ފުރުސަތު ނުދޭނެއެވެ. އިދިކޮޅަށް ކުޅޭ މީހުން އަބަދުވެސް ބަލާނީ ބައިކޮޅަށް ގޯލެއް ވަނަނުދީ ގޯލު ޖަހާށެވެ. ވަރަށް މަދުޙާލަތެއްގައި މެނުވީ ސަރުކާރު ހިންގާ ޕާޓީއާއި، އިދިކޮޅު ޕާޓީގެ މެންބަރުންގެ ޚިޔާލު އެއްގޮތް ނުވާނެއެވެ. ޑީއާރުޕީން މިހާރުވެސް ބުނަމުންދަނީ އެޕާޓީއަށްވެސް ތާއިދުކުރެވޭ ކަހަލަ ކަމެއް ފާސްކުރުމަށް މަޖިލީހަށް ހުށަހަޅާއިރަށް އެކަމަށް ތާއިދު ދޭނެކަމަށެވެ.

އިދިކޮޅު ފަރާތުގެ ތާއިދު ހޯދައިގެން ސަރުކާރު ހިންގަން އުޅެގެން ދުވަހަކުވެސް އަކަމެއް ނުކުރެވޭނެއެވެ. އެހެންވީމާ ސަރުކާރު ހިންގާ ފަރާތްތަކުން އެކަން ވަރަށް ރަނގަޅަށް ދަންނަން ޖެހޭނެއެވެ. މިކަން ނުދަނެ ތިބެ އިދިކޮޅު މީހުންނާ ހެދިޔޭ ބުނެ ވަޒީރުން އިސްތިއުފާ ދެއްވުމުން އަސްލުގައިވެސް އިދިކޮޅު ޕާޓީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކަށް ނޫނީ ނުވާނެއެވެ. ރައްޔިތުންގެ ތާއީދު ހޯދުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށްވާނަމަ ސިޔާސީ ސިނކުޑިއަކުން ވިސްނާ މީހުންނަށް މިކަންވާނީ ޖޯކު ކަމަކަށެވެ. މިކަންވާނީ ފިނޑި ޢަމަލަކަށެވެ. އިދިކޮޅު ޕާޓީގެ ޕްރެޝަރާ ކުރިމަތިލައިގެންވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް ތިއްބެވިނަމަ ހާދަހާވާ ރަނގަޅެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

Sorry, comments for this entry are closed at this time.


Partner Logo Partner Logo Partner Logo Partner Logo Partner Logo