July 15, 2010 / 10:38 am

ސަރުކާރުން ދޫ ދެންވެއްޖެ

ރައްޔިތުންނަށް އެއްވެސް ކަމެއް ސިއްރުކުރާނެ ކަމެއްނެތެވެ. ސަރުކާރުންވެސް ކުރުމުގެ ބޭނުމެއްނެތެވެ. އިދިކޮޅު ފަރާތްތަކުންވެސް ކުރުމުގެ ބޭނުމެއްނެތެވެ. ދެފަރާތުގައިވެސް ތިބީ ރައްޔިތުންނެވެ. ދިވެހި ދަރިންނެވެ. އެހެންވީމާ ރައްޔިތުންގެ ވެރިކަމެކޭ ކިޔައިގެން ކުރިއަށް ގެންދާ ވެރިކަމެއްގައި ރައްޔިތުންގެ އިހުސާސް ނޫން އިހުސާސެއް ހުރެގެން ނުވާނެއެވެ. ރައްޔިތުންގެ ވިންދުނޫން އެހެންވިންދެއްވެސް ހުރެގެން ނުވާނެއެވެ.

ނަމަވެސް ރައްޔިތުންނަށް މިހާރު އެތިބީ ވާނުވާނޭގިފައެވެ. ވަޢުދތުތަކެއް ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާފައިވާ ކަމެއްނެތް ކަމަށް އިދިކޮޅު ފަރާތްތަކުންދަނީ ބުނަމުންނެވެ. ސަރުކާރުން ބުނަނީ އިދކޮޅު ޕާޓީތަކުގެ އެއްބާރުލުން ނިލިބޭތީ ރައްޔިތުންނަށް ކަމެއްކޮށްނުދެވޭ ކަމަށެވެ. މިހިސާބުން ސަރުކާރުގެ ގާބިލްކަމާމެދު ރައްޔިތުން ސުވާލު އުފައްދާނެއެވެ. ރައްޔިތުން ދެކޭގޮތް ފާޅުކުރަން ފަށާނެއެވެ. ހިތްވަރުހުރި ކެރޭ ސަރުކާރަކަށް ރައްޔިތުން އެދޭނެއެވެ. ރައީސް ނަޝީދާއި، ނާއިބު ރައީސްގެ ހިތްވަރުފުޅު އެބަހުއްޓެވެ. އެދެބޭފުޅުން އަދިވެސް އެތިއްބެވީއެވެ. ގަދަކަނޑެއްގައި އޮޑި ދުއްވަންވީ ވަގިތުން އޮޑީގެއެންމެ އިސް ދެ ބޭފުޅުން އެކަނި ދޫކޮށް ފަޅުވެރިން ހިނގައްޖެއެވެ. އެހެންވީމާ ރައީސާއިމ ނާއިބު ރައީސް ތިއްބެވުމަކީ އެބޭފުޅުންގެ ހިތްވަރުގަދަކަން ދައްކުވައިދޭ ކަމެކެވެ. ރައްޔިތުންނަށް ކަންކަން ކޮށްދެއްވުމުގެ ޝައުގު ހުރިކަން އަންގައިދޭ ކަމެކެވެ.

ސަރުކާރުން ވިސްނަންވީ އެހެން ބާރުތައް އެބައޮތް ކަމެވެ. އެހެން ބާރުތަކުން ވިސްނަންވީވެސް މިހެންނެވެ. އޭރުން މިކަންކަން ކުރަން ފަސޭހަވާނެއެވެ. އިދިކޮޅު ފަރާތުންއެއްވެސް ކަހަލަ މަދަދެއްވެސް ސިޔާސީ ގޮތުން ލިބޭނެކަމަށް ސަރުކާރުންވެސް ވިސްނައިގެން ނުވާނެއެވެ. ސަރުކާރުން ކަންކަން ރާވަންވާނީ އިދިކޮޅު ފަރާތްތަކާވެސް ވާހަކަ ދައްކައިގެން މަޖިޅިހުގެ ތާއިދުވެސް ލިބޭނެ ގޮތަކަށެވެ. މިހާރު ކުރިން ކަންކަން ކުރަމުންދިޔަ ގޮތަށްއެއްވެސް ބަޔަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ.

ޕާޓީ ސިސްޓަމެއް ގެނެސްފައި އެސިސްޓަމް ކަމުނުގޮސްގެން އުޅޭހެންވެސް ބައެއް ފަހަރު ހީވެއެވެ. ޕާޓީސިސްޓަމުގައި މަސައްކަތް ކުރެވޭނެ ގޮތާ މުޅިން ޚިލާފަށް ކަންކަން ކުރުމަށްދިމާ ކުރުމުން އިތުރު މައްސަލަ ނިކުންނާނެއެވެ. އެހެންވީމާ މަޝްވަރާގެ އުސޫލުން ކަންކަން ކުރިއަށް ގެންދާށެވެ.

ރައްޔިތުންގެ މަޖިލީހުން ދަތިތައް ކުރިމަތި ކުރާތީ ވަޒީރުން އިސްތިއުފާ ދޭކަށް ނުޖެހޭނެއެވެ. އެއީ އެމަޖިލީހުން ރުހުން ދީފައިވާ ބައެކެވެ. އެހެންވީމާ ވަޒީރުންނާ ދެކޮޅަށް މަޖިޅިހުން އެއްވެސް ކަމެއް ކުރައްވާނެ ކަމަށް ނުބެލެވެއެވެ.

މިސަރުކާރުން ރައްޔިތުންނަށް ރަނގަޅަށް ކަންކަން ކޮށްދެއްވަން ބޭނުން ކަމަށްވާނަމަ ރައްޔިތުންގެ ރުހުން ހޯދާށެވެ. އެންމެ ބޮޑަށް އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހާ ވާހަކަ ދައްކައިގެންނެވެ. ރައްޔިތުން ބޭނުންވާ ރައްޔިތުން ގަބޫލުކުރާ ގޮތަކަށް ކަންކަން ބައްޓަންކޮށް އެކަންކަން ތަންފީޒު ކޮށްގެންނެވެ.

ސަރުކާރަށް މިވަގުތު އެންމެ ބޮޑަށް ފައިދާވާނީ އިދިކޮޅު ފާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ވާހަކަ ދައްކައިގެން ކަންކަން ޙައްލު ކުރެއްވުމެވެ. އެހެން ނޫނީ ކަންކަންދާނީ ނުބައިން ނުބަޔަށެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

Sorry, comments for this entry are closed at this time.


Partner Logo Partner Logo Partner Logo Partner Logo Partner Logo