June 9, 2010 / 4:58 pm

ޚިޔާލު ތަފާތު ވުމުގެ ތެރެއިން ކުރިއެރުން ހޯދާށެވެ.

ޟަމްރަތު އަޙްމަދު

ކޮމެންޓެއް ނެތް


ތަފާތު ޚިޔާލުތަކާއެކު ދުނިޔޭގައި އުޅެން ދަސްކުރުމަކީ މައްސަލަތަކުން ދުރަށްދެވޭނެ ކަމެކެވެ. އަމިއްލައަށް ކުރެވޭ ކޮންމެ ޚިޔާލެއް ނުވަތަ ހިތަށް އަންނަ ކޮންމެ އެއްޗެއް ދުލުން ބޭރު ކުރުމުގެ އާދައަކީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ކަމެކެވެ. މިސާލަކަށް ތިމަންނަގެ ހިތަށް އަރައޭ މިވެހިކަމެއް މިވެނިހެން ހަދާލަފާނަމޭ، މިހެން ބުނާއިރު އެހެން ހެދުމުން އޭގެ ނަތީޖާއާމެދު ވިސްނާލި ބާއްވައެވެ. އެހެން ބުންޏަސް އެގޮތަށް ޢަމަލުނުކޮށް ދޫކުރިޔަސް އެކަމުގެ ސަބަބުން އެހެން މީހުންނަށް ކުރި ނަފުސާނީ އަސަރާމެދު ވިސްނާލެވުނީ ކިހާ ވަރަކަށްބާވައޭ ހިތަށް އެރީ ކިތައް މީހުންގެ ހެއްޔެވެ؟

ކޮންމެ މީހަކީވެސް އޭނާގެ ޒާތުގައުމުހިންމު މީހެކެވެ. އޭނާ ބުނާ ކޮންމެ ކަމެއްވެސް ކުރާ ކޮންމެ ކަމެއްވެސް އޭނާކުރާނީ އޭނާގެ ވިސްނުމަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށެވެ. އޭހެ ނަތީޖާ ނުބައިކޮށް ނުކުތުމުން އޭނާއަށް މަލާމާތް ކޮށްގެން ނުވާނެއެވެ. އޭނާއަށް ހުތުރު އެއްޗެހި ކިޔާކަށް ނުވާނެއެވެ. އޭގެ ބަދަލުގައި އޭނާގެ މަގުސަދާ މެދުވިސްނާލާށެވެ. އެއަށްފަހު މަޑުމައިތިރި ކަމާއި ސީރިއަސް ކަމާއެކު ރަނގަޅު ގޮތް ބުނެދޭށެވެ. ޙައްލުކުރާނެގޮތް ކިޔައިދޭށެވެ. އޭރުން އެއްވެސް މައްސަލައެއްނެތި އެކަން ނިމުނީއެވެ. ތިމާއަކީ އެންމެ ރަނގަޅަށް ވިސްނޭ އެންމެ ބުއްދިވެރިމީހާ ކަމަށް ހެދިގެން އުޅުމަކުން އަދި އެންމެ މޮޅު މީހާއަށްވެސް ނުވެވޭނެއެވެ. އެއީ އޭނާއަށްވެސް ފާޑުކިޔާނެ މީހުން ތިބީމައެވެ.

ދިރިއުޅުމުގެ މަރުޙަލާތައް ކަޑައްތު ކުރަމުންދާ އިރު ތަފާތު ޚިޔާލުގެ މީހުންނާ ދިމާވާނެއެވެ. އެކަން ދަންނަންވާނީ ތިމާއެވެ. އެކަހަލަ މީހުންނާ ކުރިމަތިލައި ވާހަކަ ދެއްކުމާއި، ވާހަކަ އަޑުއެހުމަށް ނަފުސުހާނުވަންވާނެއެވެ. ދަސްކޮށްދޭން ވާނެއެވެ. ކަންކަމަކީ ބަދަލުވަމުންދާ އެއްޗެކެވެ. އެއީ ވަގުތު ބަދަލުވަމުންދާތީއެވެ. މިހެން ވުމަކީ އަނެއްކާވެސް ޚިޔާލު ބަދަލުވާ ކަމެލެވެ. އެއީ ޚިޔާލު ކުރެވެނީ ސިކުނޑިއަށް އެއްޗެހިތައް ނަގައި ދޭ ގޮތަކުންނެވެ. ނުވަތަ ފެންނަ ގޮތަކުންނެވެ. ދޭއްޗެއް ފެނުމުން ދެގޮތަށް ސިފަވާ އުސޫލުންނެވެ.

ތިމާގެ ވިސްނުން ބަހައްޓަންވާނީ އަބަދުވެސް ވަގުތާއި ޙާލަތުގެ މައްޗަށެވެ. ގޭގައި އުޅޭއިރު ހުންނަ ޖެހޭނީ ތަފާތު މޫޑެއްގައެވެ. ބޭރުގައި އުޅޭއިރު ތަފާތު މޫޑެއްގައެވެ. ކޮންމެ ވަގުތަކަށް ތަފާތު މޫޑެއް އަންނާނެއެވެ. މޫޑު ބަދަލު ކުރަންވެސް ވާނެއެވެ. އެކަމަކު އެހެން އެއްވެސް މީހެއްގެ މަޖުބޫރެއް ނެތިއެވެ.

ދިރިއުޅުމުގައި ޢަމަލުތައް ބަހައްޓަން ޖެހޭނީވެސް ތިމާއަށް ވިސްނުމަށްފަހު އެއީ ރަނގަޅު ކަމެއް ކަމަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކާއެއް ގޮތަށެވެ. އެހެން ނޫނީ ހައްތާވެސް ޝައްކު އުފެދޭތަން އަތުވެދާނެއެވެ.

ދެމީހެއްގެ ޚިޔާލު ތަފާތުވެ ވާހަކަ ދައްކައިގެން ހަލެއް ނުގެނެސްފި ކަމަށްވާނަމަ ވަރަށް ބޮޑު މައްސަލައަކަށް އެކަންވާނެއެވެ. މަގުގައި ހިނގާފައި ދާއިރު އަބަދުވެސް ބަވާނީ ދުއްވާ އެއްޗެއްސަށެވެ. ފައިމަގުގައި ހިނގާ މީހާ، އަނަދުވެސް ދުއްވާ މީހުންނަށް ބަވާނެއެވެ. މިއީ އާދައެވެ. މިފަދަ ކަންކަމަށް އިންސާފު ހޯދޭނެ ގޮތެއް ނޯންނާނެއެވެ. އުޅުން ރީތިކޮށްގެން ކަންކަމުގައި ވަރަށް ރަނގަޅަށް އުޅެން ކެރޭމީހުންނަށް މިފަދަ ޚިޔާލުތަކެއްގެ ސަބަބުން މާޑު އަސަރެއް ނުކުރާނެއެވެ.

މަގުމަތީގައި ހިނގާ މީހުން ދުއްވާ އެއްޗެއްސަށް ނުބަލައި ހިނގާތީ އެކަމުން ވާ އުނދަގުލުގެ ވާހަކަ އެ މީހުން ދައްކައެވެ. ޓްރާންސްޕޯރޓް މިނިސްޓްރީން ގަވައިދު ހަދާފައި އޮންނަނީ ހަމަ އެކަނި ދުއްވާ އެއްޗެއްސަކަށް ނޫން ކަމާއި ހިނގާމީހުންވެސް މަގު މަތީގެ ގަވައިދުތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭކަން އެމީހުންނަށް ނޭނގެނީ ބާވައޭ ބުނެ އެކަމުގެ ޝަކުވާ ވެސް ކުރެއެވެ. މިފަދަ މީހުންނަކަށް ސައިކަލު ދުއްވާ މީހެއްގެ ކުށެއް ނުފެންނާނެއެވެ. މިކަން އަމިއްލައަށް ތަޖްރިބާކޮށްލުމަށް ބައެއް ފަހަރު ސައިކަލުން އަނެއް ބައި ފަހަރު ހިނގާފައި އުޅެލުމުން މި ދެޙާލަތުގެ ސަބަބުން ތިމާގެ ވިސްނުމަށް އަންނަ ބަދަލު އަންދާޒާ ކުރެވޭނެއެވެ. އަދި ހަމަ އެއާ އެކު ކަންކަމުގެ ދެކޮޅަށް ބަލައި ވިސްނާން ދަސްވާނެއެވެ.

ދުނިޔޭގައި އުޅޭއިރު ކަންކަމުގެ ދެކޮޅަށް ވިސްނައި ބަލާ ނަމަ ތިމާގެ ކުށްވެސް ތިމާއަށް ފެންނާނެއެވެ. ތިމާއަކީ އެންމެ ވިސްނޭ މީހާކަމަށް ބަލައިގެން އުޅޭ ކަމަށްވާނަމަ އަބަދުވެސް އުޅެންވާނީ މައްސަލަތަކެއްގެތެރޭގައެވެ. އޭގެ ބަދަލުވުމުގައި ޚިޔާލު ތަފާތުވިޔަސް އެހެން މީހުންނާ މަޝްވަރާކޮށްފައި ކަންކަން ނިންމުމަކީ ވަރަށް ބޮޑަށް ވިސްނަން ވެފައިވާ ކަމެކެވެ. އެހެން ކަމުން ކަންކަމުގައި ޚިޔާލު ތަފާތުވުމުން ރުޅި އައުމުގެ ބަދަލުގައި އެކަންކަމަށް ކުރިމަތި ލުމުގެ ތަރުބިއްޔަތު ނަފުސަށް ދޭށެވެ. އެހެން ނޫނީ  އަތުންފައިން ގޯސް ހެދޭތަންންވެސް އަންނާނެއެވެ. އެހެންވީމާ އެހެން މީހުންގެ އިހުސާސް ދަންނަ މީހަކަށް ވާށެވެ. ކަންކަމަށް ކެތްކުރެވޭ މީހަކަށް ވާށެވެ. ޚިޔަލު ތަފާތުވުމުގެ ތެރެއިން ކާމިޔާބު ހޯދެނީ މިގޮތަށެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo