ޣައްޒާއަށް އެހީގެ ތަކެތި ހިފައިގެން ދިޔަ ބޯޓަކަށް އަރައި އިޒްރޭލުން ހިންގި ޢުދުވާން ދުނިޔޭގެ އެތައް ޤައުމަކުން ވަނީ ކުށްވެރި ކޮށްފައެވެ. އެއީ ލާއިންސާނީ ޢަމަލެއް ކަމަށް އެތައް ޖަމްޢިއްޔާއަކުން ބުނެފިއެވެ. އެކަމަކު މިއިން އެއްވެސް ކަމެއްގެ ސަބަބުން އިޒްރޭލަކަށް ކުރި އަސަރެއް ނެތެވެ.
މުޅި ދުނިޔެ އެއްކޮޅުގައި އޮތަސް އެންމެ ޤައުމެއްގެ ބަސް ލިބުނީމާ އިޒްރޭލަށް ފުދެއެވެ. އެއީ އެމެރިކާގެ ބަހެވެ. އަލިފުދާލުގެ ސަލާމަތީ މަޖިލީހުގައި 14 ވޯޓު އެއްކޮޅަށް އޮވެފައި އަނެއްކޮޅުގައި އެމެރިކާގެ ވޯޓު އެކަނި އޮތަސް އިޒްރޭލަށް ފުދެއެވެ. އެއީ އިޒްރޭލުން ހިތުހުރި ގޮތަކަށް ކަންތައް ކުރަން ލިބޭ ލައިސަންސެކެވެ.
އެމެރިކާގެ މީޑިއާއިންނާއި، ޔަހޫދީ ލޮބީންނާއި، ސެނޭޓަރުން ޚަބަރު ފަތުރަމުން ގެންދަނީ ކަންތައް ހިނގި ގޮތަކަށް ނޫނެވެ. މިސާލަކަށް ސެނޭޓަރަކު ވިދާޅުވެފައިވަނީ އިޒްރޭލުން ކަންތައްކުރީ ރަނގަޅަށް ކަމަށެވެ. އަދި އެއީ އޮމާބާގެ ސަރުކާރުން އިޒްރޭލާ މެދު ގެންގުޅެން ފެށި ވިޔާނުދާ ސިޔާސަތުގެ ސަބަބުން މެދުވެރިވީ ޙާލަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެބޭފުޅަކީ ސެނޭޓަރ ޖޯން މެކޭން އެވެ. އޭނާ ވިދާޅުވާ ގޮތުގައި ޤުދުސަކީ ހިފާފައިވާ ތަނެއް ނޫނެވެ. އެއީ އިޒްރޭލުގެ ވެރިރަށެވެ.
މިއީ ކަންތައްތައް ފެށިގެން އައި ގޮތެވެ. އެހެންނަމަވެސް މަޑުމަޑުން ގޮސް އެމެރިކާގެ މީޑިއާއިންވެސް އިޒްރޭލާ ދެކޮޅަށް ލިޔަން ފަށައިފިއެވެ. އަދި ބައެއް ނޫސްތަކުގައި ތުރުކީން ކަންތައްކުރި ޒިންމާދާރު ގޮތަށް ތަޢުރީފުވެސް ކޮށްފައިވެއެވެ.
އޮބާމާގެ ސަރުކާރަށް އަނެއްކާވެސް ބޮޑު މައްސަލައަކާ ކުރިމަތިލާން ޖެހުނީއެވެ. ފުރަތަމަ ސަރުކާރުން އެއްޗެކޭ ނުބުނެ އޮތް ނަމަވެސް މަޑުމަޑުން ވާހަކަ ދައްކަން ފަށައިފިއެވެ. އިޒްރޭލަކީ “ދަރިއެއް”ކަން ދޭހަވާފަދަ ބަޔާންތައް ސަރުކާރުން ނެރެން ފަށައިފިއެވެ.
ބައެއް ޓީވީ ޗެނަލްތަކުން ބުނާ ގޮތުގައި އޮބާމާގެ ސަރުކާރު މިހާރު ވަނީ ނާކާމިޔާބު ވެފައެވެ. ފޮކްސް ޓީވީން ދެއްކި އެއް ގަޑިއިރުގެ ޕްރޮގްރާމެއްގައި އޮބާމާއަކީ އެމެރިކާގެ ތާރީޚު ދުށް އެންމެ ނާކާމިޔާބު ރައީސް ކަމަށް ބުނެފައި ވެއެވެ.
އޭގެ ހެއްކަކީ ކޮބައި ކަމަށްތޯއެވެ؟
އެންމެ ފުރަތަމަ ހެއްކަކީ ވެރިކަން ލިބިވަޑައިގަތުމާއެކު އެންމެ ފުރަތަމަ އިސްލާމީ ޤައުމެއް ކަމަށްވާ ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމެވެ. އޭގެ ފަހުން ސަޢޫދީ ޢަރަބިއްޔާއަށާއި މިޞްރަށް ވަޑައިގަތުމެވެ. އަދި މިޞްރުގައި ދުނިޔޭގެ ހުރިހައި މުސްލިމުންނާ މުޚާޠަބް ކުރައްވައި ވާހަކަފުޅު ދެއްކެވުމެވެ.
ފޮކްސް ޓީވީން ބުނެފައިވާ ގޮތުގައި އޮބާމާ އަދި އިޒްރޭލަށް ރަސްމީ ދަތުރުފުޅެއް ނުކުރައްވައެވެ. އޭނާ ގެންދަވަނީ ދުނިޔޭގެ މުސްލިމުންނާ ގުޅުން ބަދަހި ކުރައްވައި، ޔަހޫދީން އެކަހެރި ކުރައްވަމުންނެވެ.
ޕްރޮގްރާމްގައި ވީޑިއޯ ދެއްކުމަށްފަހު ބުނެފައިވަނީ ފަލަސްޠީނުގައި އިޒްރޭލާ ކުރިމަތިލާ ފަލަސްޠީނުގެ ރައްޔިތުންނަކީ ޓެރަރިސްޓުން ކަމުގައެވެ. އަދި އިޒްރޭލަކީ ސަލާމަތްވާން މަސައްކަތްކުރާ ޑިމޮކްރެޓިކް ޤައުމެއް ކަމުގައެވެ.
އަޅުގަނޑާ ބައްދަލުވީ ފަލަސްޠީނުގެ މީހަކު އެއް ދުވަހަކު ބުންޏެވެ. “އިޒްރޭލާއި ފަލަސްޠީނާ ދެމެދު އޮތް މައްސަލައިގެ ވާހަކަ ދައްކާ އެއްވެސް މީހަކަށް ދެބަސް ނުވެވޭނެ ޙަޤީޤަތެއްގެ ވާހަކަ ބުނަން ހެއްޔެވެ؟ މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން މެދުއިރުމަތީގައި އިޒްރޭލޭ ކިޔާ ޤައުމެއް ނެތެވެ. އެކަމަކު އޭރު ފަލަސްޠީނޭ ކިޔާ ޤައުމެއް އޮތެވެ. މިހާރު އިޒްރޭލޭ ކިޔާ ޤައުމެއް އެބައޮތެވެ. އެކަމަކު ފަލަސްޠީނު އެއީ ޤައުމެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިއީ ހެއްވާ ކަމެއް ނޫން ހެއްޔެވެ؟”
އެއީ ތެދު ވާހަކައެކެވެ. ޔޫރަޕުން އައި ޔަހޫދީން އިޒްރޭލުގައި އާބާދުވެ ޤައުމެއް ހެދީ ފަލަސްޠީނުގައެވެ. އެމެރިކާއިން ނުވަތަ ޔަހޫދީން ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް ޙަޤީޤަތަކީ މިއީއެވެ. އިޒްރޭލުގެ ނަމުގައި ކުޑަކުޑަ ޤައުމެއް އުފެއްދުމަށްފަހު މަޑުމަޑުން ބޮޑު ކުރަމުން އައިސް އެތާނގައި އޮތް އަސްލު ޤައުމު މިހާރު ވަނީ ކުޑަ ޤައުމަކަށް ވެފައެވެ. އިޒްރޭލު ބިޔަ ޤައުމަކަށް ވެއްޖެއެވެ.
އެކަމަކު މިހާރުވެސް ނުބައީ ފަލަސްޠީނުގެ ރައްޔިތުންނެވެ. އެމީހުން ތިބީ ޔޫރަޕުން އުފެއްދި އިޒްރޭލޭ ކިޔާ ޤައުމު ގަބޫލުކުރަން ތައްޔާރަށެވެ. ޝަރުޠަކީ އިޒްރޭލުން ހިފާފައިވާ ބިންތައް އެމީހުންނަށް ދޫކޮށްލުމެވެ. އެކަމަކު އެއީ އިޒްރޭލުން އެއްބަސްވާ ކަމެއް ނޫނެވެ. އެމެރިކާއާއި އިޒްރޭލުން ބުނަނީ އެއީ އިޒްރޭލު ކަމަށެވެ.
އެހެންވީމާ މިހާރުގެ މައްސަލައިގައިވެސް ދުނިޔޭގެ ޤައުމުތަކުން ދެތިން ދުވަހު ބާރަށް ހަޅޭއް ލަވާފައި ހުއްޓާލާނެއެވެ. އިޒްރޭލުން އެމީހުންގެ ބައިވެރިޔާ އެމެރިކާއާއެކު އަނެއްކާވެސް ޢުދުވާނީ ޙަރަކާތްތަކަށް އެނބުރިގަންނާނެއެވެ. މިއީ މިހައިތަނަށް ކަންތައްވީ ގޮތެވެ. އަދިވެސް ވާނެ ގޮތެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
ކޮމެންޓެއް ދެއްވާ