June 7, 2010 / 12:25 pm

މަނާ ކުރަންޖެހޭ ކަންކަން މަނާކުރަން ޖެހޭނެ

ޟަމްރަތު އަޙްމަދު

ކޮމެންޓެއް ނެތް


ރާއްޖެއަކީ އިސްލާމީ ގައުމެކެވެ. ވެރިރަށް މާލެއަކީ އެންމެގިނަ ވަސީލަތްތައް ލިބެންހުރި ރަށެވެ. އެންމެ ރަނގަޅަށް ތަޢުލީމު ލިބެންހުރީ މާލެއިންނެވެ. އެކަށީގެންވާ ފެންވަރަށް ސިއްހީ ޚިދުމަތް ލިބެން ހުރީ މާލެއިންނެވެ. މޭލޭގައި މީހުން އިތުރުވުމުގެ އެންމެބޮޑު ސަބަބުތަކަކީ މީއީއެވެ.

މާލެ ތަރައްގީކޮށް ކުރީސަރުކާރުން ރައްރަށުން މީހުން މޭލެ އައުމަށް މަޖުބޫރު ކުރުވި ވާހަކަ މިހާރުގެ ސަރުކާރުގެ އިސްބޭފުޅުން ދައްކަވައެވެ.

ތަރައްގީ ގުޅިފައިވަނީ އާބާދީ އާއެވެ. ބޮޑު އާބާދީ އެއްއޮންނަ ތަންތަން އަވަހަށް ތަރައްގީވާނެއެވެ. މާލެއަށް މީހުން އައިސް މިތަނުގެ އާބާދީ އިތުރުނުވި ނަމަ މިތަން މިވަރަށް ތަރައްގީވާނެކަމަށް ނުބެލެވެއެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު މިހާރުވެސް ބޮޑެތު އާބާދީތަކަށް އިސްކަން ދެނީއެހެން ވެގެންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެރިކަން ކުރާ ސިޓީއަކީ އެންމެ އާބާދީ ބޮޑު އެންމެ ތަރައްގީވެފައިވާ، އެންމެ ފަސޭހައިން ރަނގަޅު ޚިދުމަތްތައް ލިބޭ ސިޓީއެވެ. އެހެންކަމުން އެކަމުން ސިޓީގައި އުޅެން އަންނަ މީހުންގެ ޢަދަދުދަނީ އިތުރުވަމުންނެވެ. މިއީ ހަމައެކަނި ދިވެހިރާއްޖޭގައި ވާކަމެއް ނޫނެވެ.

ރާއްޖޭގެ ވެރިރަށް މާލެ ތަރައްގީ ނުވިޔަސްވަނީ މާލެއަށެވެ. ތަރައްގީވިޔަސްވާނީ މާލެއަށެވެ.  އާބާދީ ބޮޑަސް އަދި ކުޑަޔަސްވަނީ މާލެއަށެވެ. ތަޢުލީމާއި، ސިއްހީ ޚިދުމަތްތަކާއި، ވިޔަފާރިއާއި، ވަޒީފާ ލިބެން ހުއްޓަސް ނެތަސް މާލެވާނޫ މާލެއަށެވެ.

ހޮސްޕިޓަލްތަކާއި، މަދުރަސާތަކާއި، ކުލިނިކްތަކާއި، ފިހާރަތަކާއި، އަދިވެސް މިފަދަ އެހެން ޚިދުމަތް ދޭ ތަންތަން މާލޭގައި ހުރުމަމީ މިތަނުގައި، ހަށިވިއްކާތަންތަން ހުންނަންޖެހޭނެ ކަމެއް ނޫނެވެ. ރާއްވިއްކާ ތަންތަން ހުންނަން ޖެހެންވީ ސަބައެއް ނޫނެވެ. މަސްތުވާތަކެތި ލިބެން ހުންނަންޖެހެންވީ ކަމެއް ނޫނެވެ. މިތަންތަން ހުރުމަށްވުރެ ބޮޑަށް މާލެ މާލެއަކަށްވާނީ މިތަންތަން ނެތުމުންނެވެ. އެއީ ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ގައުމަކަށްވާތީއެވެ.

މޭލެ މާލެއަކަށްވަނީ ހަށިވިއްކާ ތަންތަންވެސް ހުރުމަށް ކަމަށް މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަގު އާދަމް މަނިކުވަނީ ވިދާޅުވެފައެވެ. މިވިދާޅުވުމަށް އެންމެ ބޮޑު އިދިކޮޅުޕާޓީގެ ޑެޕިޔުޓީ ލީޑަރު ޢުމަރު ނަސީރުވަނީ ފާޑުވިދާޅުވެފައެވެ. މިއީ މިސަރުކާރުގެ އިސްބޭފުޅުންގެ ޚިޔާލު ހުންނަ ގޮތްކަށް ވިދާޅުވެ އެކަމަށް އޭނާވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން ސަރަގު އާދަމްމަނިކު ވިދާޅުވެފައިވަނީ އޭނާއަށް ސިގިރެޓް ބޮވުނޫ ސިގިރެޓް މަނާ ކުރައްވަފައިވާތީ ކަމަށެވެ. މިހާރު އެއުޅެނީ އެކަމުން ސަލާމަތް ނުވެގެން ކަމަށެވެ. މިކަން މިހެންވިޔަސް ސިގިރެޓް ބުއިން، ރާބުއިން، ކޮންމެދީނަކަށް އުޅުން، ޑުރަގު ބޭނުން ކުރުން، ނާސިގެ ހިންގުން މިއީ އިސްލާމީ ގައުމެއްގައި ހުއްދަދެވޭނެ ކަންކަމެއް ނޫނެވެ. މަނާ ކުރަންޖެހޭ ކަންކަން މަނާކުރަންވާނެއެވެ.

ކޮންމެ ބަޔަކު ރާއްޖޭގައި ވެރިކަން ކުރިޔަސް މިރާއްޖޭގައި އޮތް އިސްލާމްދީނާ ޚީލާފަށް އެއްވެސް ވާހަކައެއްވެސް ދައްކައިގެން ނުވާނެއެވެ. އިސްލާމްދީނާ ޚިލާފަށް ކަމެއްވެސް ކޮށްގެން ނުވާނެއެވެ. އެހެން ނޫނީ ރާއްޖޭގެ އިސްލާމީ ރައްޔިތުންގެ ހިތަކަށް ކެތެއްނުވާނެއެވެ. އަޅުގަނޑުމެންގެ ދީނާއި، ސަގާފަތާއި ބަހަކީ މިގައުމު ގައުމެއްގެ ގޮތުގައި އޮތުމުގެ މައިގަނޑު ތިން ތަނބެވެ. މިތިން ތަނބަށް ގުޑުން އަރާފަދަ ކަމެއް އަދި ވާހަކައެއްވެސް ދެއްކުމަކީ މިގައުމުގެ އަހުލުވެރިން އެއްގޮތަކަށްވެސް ގަބޫލު ކުރާނެ ކަމެއްނޫނެވެ. އެހެންވީމާ މުސްލިމް ދިވެހިންގެ ވިންދާއި، އިހުސާސްތަކަށް ނުބައި އަސަރުތަކެއް ކުރުވައި، އެމީހުންގެވިންދުތައް އަވަސްކުރުވާ ޒާތުގެ ވާހަކައެއްވެސް އަދި ކަމެއްވެސް ކޮށްގެން ނުވާނެއެވެ. އެފަދަ ކަމެއް ފާޅުގައި ކުރަން ދިމާކޮށްފިއްޔާ އޭގެ ނަތީޖާ ރަނގަޅު ވާނެ ކަމަށް ނުބެލެވެއެވެ. ކަމެއް ދިމާވާއިރު މިގައުމުގައި ތިބޭނީ ހައްތާވެސް އުތީމު ތިން ބަދަވިންނެވެ. ހައްތާވެސް ޢަލީ ރަސްގެފާނުންނެވެ. ދޮންބަންޑާރައިންނެވެ. މިކަން ހަނދާން ބަހައްޓަންވާނެއެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo