އެންމެފަހުން ރާއްޖޭގައި އޮތްވެރިކަން ބަދަލުވެގެން ދިޔައީ “ބަދަލަކަށް އެންމެން” މިޝިޢާރުގެ ދަށުންނެވެ. ކޮން ބަދަލެއް ބާއެވެ؟ ހެޔޮބަދަލެއް ބާއެވެ؟ ނުވަތަ ނުބައި ބަދަލެއް ބާއެވެ. މިއީ އޭރު (އެންމެފަހުން އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު) އެއްވެސް ދިވެއްސަކު (މަދު މީހަކު މެނުއީ) ވިސްނާފައި އޮތް ކަމެއް … ނޫނެވެ. އެންމެ މުހިންމު ކަމަކަށް އޮތީ “ބަދަލެވެ.”
ދީނީ ޢިލްމުވެރިންނާއި، ސިޔާސީ، ލީޑަރުންނާއި، ވިޔަފާރިވެރިންނާއި، ޢިލްމީ ޤާބިލްމީހުންނާއި، ޒުވާނުންގެ ތެރެއިން އެތައް ބަޔަކު “ބަދަލަކަށް” މަސައްކަތް ފެށިއެވެ. ރެއާދުވާލު ނުނިދައި ތިވެގެންނެވެ. އައްވާއި ވާރޭގައި ދުޢާކޮށްގެންނެވެ. ރައްޔިތުންގެ ކުރިމަތީ އާދޭސް ކޮށްގެންނެވެ. ކޮންމެއަކަސް މާގިނަދުވަހެއް ނުވެ ބަދަލުވެއްޖެއެވެ. އޭރު ބަދަލުވީ ހަމައެކަނި ވެރިކަމެވެ. …. އަދި ތަންކޮޅެއް ކުރިއަށް ޖެހިލަމާ ހިނގާށެވެ. މިދެންނެވި “ބަދަލާ” ދެކޮޅަށް އަޑުއުފުލަމުންވެސް ދިޔަބަޔަކު ތިއްބެވެ. އެއީ ކުރީގެ ސަރުކާރަށް ތާޢީދުކުރިމީހުންނެވެ. އެސަރުކާރުގެ އިސްވެރިންނެވެ. އެމީހުން ގޮވަމުން ދިޔައީ ” ހެޔޮނުވާނޭ މާތްކަލާ ކޮއްޓަކާއޭ! ބަދަލު ކުރަން އެއުޅެނީ ވެރިކަމެއް ނޫނޭ.ދީނޭ، ޘަޤާފަތޭ، މިއްލަތޭ، ބަހޭ، އާދަކާދައޭ، މިނިވަންކަމޭ، …… އަދި މޫންވެސް އެތައް އެއްޗެކޭ.” މިފަދަ ވާހަކަ ތަކެކެވެ. މިދެންނެވި ދެބައިމީހުންގެ ތެރެއިން ރަނގަޅި ކޮންބައެއްތޯ ގޯހީ ކޮންބައެއްތޯ އެއީ އަޅުގަނޑުގެ މިފަހަރުގެ މަޢުޟޫއެއް ނޫނެވެ.
މަޢުޟޫއަކީ “ބަދަލެވެ.” ކޮންމެއކަސް ބަދަލު ވެއްޖެއެވެ. ވެރިކަންވެސް ބަދަލު ވެއްޖެއެވެ. އެހެންނަމަވެސް އެބަދަލުގެ ސަބަބުން ރައްޔިތުންނަށް ލިބުނީ ކޮން ހެޔޮބަދަލެއް ބައެވެ؟ ކާބޯތަކެތީގެ އަގު ހެޔޮވިތޯއެވެ. ތެލުގެ އަގު ހެޔޮވިތޯއެވެ؟ ބޯހިޔާވަހިކަމުގެ އަގު ހެޔޮވިތޯއެވެ؟ ކަރަންޓުގެ އަގު ހެޔޮވިތޯއެވެ؟ ދަތުރުފަތުރުގެ އަގު ހެޔޮވިތޯއެވެ؟ ޖުމުލަކޮށް ދަންނަވާނަމަ ރައްޔިތުންނަށް ލިބެންޖެހޭ އެއްވެސް އަސާސި ޚިދުމަތެއްގެ އަގު ހެޔޮވިތޯއެވެ؟
ޖަވާބަކީ ނޫނެކެވެ. ނުވެއެވެ. ވިއްޔާ ޚަރަދުވީ ބޮޑެވެ.
ޢާމްދަނީ ހޯދުމަށް ސަރުކާރުގެ ވަޒީފާގައި އުޅެންޖެހޭ ވަގުތު ވީއިތުރެވެ. ލިބޭ ޢާމްދަނީ ވީމަދެވެ. އެހީއެއް ހޯދުމަށް ކަމާބެހޭ މުއައްސަސާތަކަށް ކުރަންޖެހޭ އާދޭސްވީ އިތުރެވެ. އެހީލިބުންވީ ދައްޗެވެ. މިދަންނަވަނީ ރައްޔިތުންނަށްޓަކައި ސަތރުކާރުން އެއްވެސް މަސައްކަތެއް ނުކުރައްވާ ވާހަކައެއް ނޫނެވެ. ލައްކަ މަސައްކަތް ކުރައްވައެވެ.
ކޮންމެ މަހަކު، ރާއްޖެއިން ބޭރުގެ ދޭއް ނުވަތަ ތިން ޤައުމަކަށް ޚުދު ރައިސުލް ޖުމްހޫރިއްޔާ ވަޑައިގަންނަވައެވެ. ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންވެސް ކޮންމެ މަހަކުހެން އެތައް ދަތުރެއް ކުރައްވައެވެ. މިބޭބޭފުޅުން ބޭރުދުނިޔޭގެ އެތަން މިތަނުގައި އެތައް ވަގުތުތަކެއް ހޭދަކުރައްވައެވެ. ބޭނުމަކީ ރައްޔިތުންނަށް، ޤައުމަށް ތަރައްޤީ ހޯދުމަށް ފައިސާ ހޯއްދެވުމަށް މަސައްކަތް ކުރެއްވުމެވެ. “ނާށިގަނޑު ހިފައިގެން” ބޭރު ޤައުމުތަކުގެ އެހިއަށް އެދުމެވެ.
ޤައުމުގެ އިޤްތިސާދީ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމެވެ. ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމެވެ. އެހެންނަމަވެސް ނަތީޖާއަކީ، “އެމްއޯޔޫ” އެވެ. މިހާތަނަށް ސަރުކާރުން ކުރެއްވި އެއްވެސް ކަމަކުން އެމްއޯޔޫއެއްގައި ސޮއިކުރުން ފިޔަފައި އިތުރު ކަމެއް ނުވެއެވެ. ބިންގާ އެޅުނު ފްލެޓެއް ނެތެވެ. ކޮންނަން ފެށުނު ބަނދަރެއް ނެތެވެ. ވަޅުލެވެން ފެށުނު ނަރުދަމާ ހޮޅިއެއްނެތެވެ.
ތެދުފުޅެކެވެ. މިސަރުކާރަށް އަދި ދެ އަހަރުވެސް ނުވެއެވެ. އެހެންކަމުން ކަނޑައެޅިފައި މަޝްރޫޢުތައް ނުވެގެން އުޅެން އަދިމާއަވަހެވެ. އެހެންނަމަވެސް އެއްއަހަރުދުވަހުންވެސް ކުރެވޭނެ ކަންކަންކަން ހުންނާނެއެވެ. ވެރިކަން ފެށުނުއިރު ކަންކަން ހުރި މިންވަރަށްވުރެ ދަށަށް ދިއުމަކީ ގޯހެކެވެ. ޤާބިލްކަން ނެތްކަމުގެ ހެއްކެކެވެ.
ނިމިގެން ދިޔަ 30އަހަރުގެ ވެރިކަމުގައި ޤައުމަށް ކޮށްފައިވާ ޚިދުމަތްތަކުގެ ތެރެއިން އެންމެ ކަމަކަށް ބަލާލާނަމެވެ. ތަޢުލީމީ ދާއިރާގެ ތެރެއިން ހަމަ އެކަނި ސްކޫލް ޢިމާރާތް ކުރުމަށް ބެލިއަސް އަހަރެއްގެ މައްޗަށް ހަ (6) ސްކޫލަށްވުރެ ގިނައިން ޢިމާރާތް ކުރެވިފައި ވެއެވެ.
އެހެންނެމެވެސް “ބަދަލު” ވެއްޖެއެވެ. ރަމަޟާން މަހުދުވާލު ރާއްޖޭގެ މީހުން ދިރިއުޅޭ ރައްރަށުގައި ސައިހޮޓާ ރެސްޓޯރަންޓް ހުޅުވާފައި ހުންނަ ގޮތަށް ބަދަލު ވެއްޖެއެވެ. ރާއްޖޭގެ ސްކޫލްތަކުގެ ސާނަވީ މަރުހަލާގައި އިސްލާމް، އަދި ދިވެހިބަސް، މިއީ ކޮންމެހެން ކިޔަވަން ނުޖެހޭ ދެމާއްދާއަށް ބަދަލު ވެއްޖެއެވެ. ރާއްޖޭގެ އަންހެނުންގެ މިސްކިތް ތަކަކީ އުވާލަން ޖެހޭ ތަންތަން ކަމަށް ބަދަލުވެއްޖެއެވެ. ރާއްޖޭގައި އިސްލާމީ ޢަރަބި ތަޢުލީމް ދެމުން ގެންދިޔަ ދެ އުމުއައްސަސާ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއާއި ޢަރަބިއްޔާ ސްކޫލް އުވާލުމަށް ބަދަލު ވެއްޖެއެވެ.
މިނޫނަސް، އެތައް ކަމެއް ވަނީ ބަދަލުވުމުގެ މަގުމަތީގައެވެ. ސުވާލަކީ ދެން ބަދަލުވެގެން ދާނީ ކޮންކަމެއްބާއެވެ؟






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
ކޮމެންޓެއް ދެއްވާ