ދިވެހި ސިވިލް ސަރވިސް މުއައްޒަފުންގެ މުސާރަ، ކުޑަކަރުމަށްފަހު އަދިވެސް ބޮޑެއް ނުކުރެއެވެ. ސިވިލްސާވިސްކޮމިޝަނުން ސިވިލްސާވިސްމުވައްޒަފުންނަށް މުސާރަ ބޮޑުކުރިކަން އިޢުލާން ކުރިޔަސް ސަރުކާރުން އަދިވެސް އެފައިދާ ދެއްވާ ގޮތަށް އެއްބަހެއް ނުވެއެވެ. ރައީސް ނަޝީދުވެރިކަމާ ހަވާވެ ވަޑައިގެންނެވިތާ ކުރީކޮޅު މުސާރަ ބޮޑު ކުރައްވަމުން ވިދާޅުވީ، ސަރުކާރު މުއައްޒަފުންގެ މުސާރަ ދެއްވުމަށް އެއް ބިލިޔަން ރުފިޔާ އިތުރު ކުރެއްވި ވާހަކައެވެ. އޭރު ދުނިޔޭގެ އިޤްތިޞާދީ ޙާލަތު އޮތީ މިއަދު މި އޮތް ވަރަށް ވުރެ މާ ބޮޑަށް ވެސް ދަށްކޮށެވެ. އެހެން ނަމަވެސް މިއިން އެއްވެސް ކަމަކަށް ނުބައްލަވައި، އޭރު މުސާރަ ބޮޑު ކުރައްވަން ނިންމެވީއެވެ.
ރައީސުލްޖުމްހޫރިއްޔާ ފަހުން ވިދާޅުވެފައިވަނީ، މުއައްޒަފުންގެ މުސާރަ ސަރުކާރުން ބޮޑު ނުކުރައްވާކަމުގައެވެ. މުއައްޒަފުންގެ މުސާރައިގައި ތަފާތުތަކެއް ހުރުމުން، އެ ތަފާތުތައް ހަމަ މިނަށް ގެންނެވީ ކަމުގައެވެ. އެހެން ނަމަވެސް އޭރު ވިދާޅުވީ މުސާރަ ބޮޑު ކުރެއްވި ވާހަކައެވެ. މިއީ އެމަނިކުފާނުގެ އިންތިޚާބީ އުކުޅެއް ކަމަށްވެދާނެއެވެ. ކުރިމަތީގައި އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމް.ޑީ.ޕީގެ މެންބަރުންނަށް ގޮނޑި ހޯއްދަވައި ދެއްވުމަށް ޓަކައި އެމަނިކުފާނު، ރައްޔިތުންނަށް ކޮށްދެއްވި ކަމެކެވެ.
އިޤްތިޞާދީ ޙާލަތަށް ވިސްނަވާފައި، އޭރު ވެސް މުސާރަ ހަމަ މިނަށް ގެނެވެން އޮތެވެ. އެހެން ނަމަވެސް އެ ވަގުތު ބޭނުންވީ މަޖިލީހުގެ ގޮނޑިތައް ހޯއްދެވުމުގައި ސިވިލް ސަރވިސް މުއައްޒަފުންނާއި އެ މުއައްޒަފުންގެ ޢާއިލާތަކުގެ ތާއީދު ހޯއްދެވުމެވެ. އެހެން ނަމަވެސް އެކަމުން މާ ބޮޑު ނަތީޖާއެއް ނުކުމެފައި ނުވާކަން ފާހަގަކުރެވެއެވެ.
ކޮންމެއަކަސް، ކޮންމެ މަޤްޞަދެއްގައި ނަމަވެސް، ކޮންމެ ގޮތަކަށް ނަމަވެސް މުސާރަ ބޮޑުކުރާ ވާހަކަ ދައްކައިފި ނަމަ، ތަކެތީގެ އަގު ބޮޑުވެގެންދާކަމީ އެންމެން ވެސް ދަންނަ ޙަޤީޤަތެކެވެ. މި ފަހަރު ވެސް ކަންތައްވީ ހަމަ އެފަދައިންނެވެ. މުއައްޒަފުންގެ މުސާރަ ބޮޑުކުރާ ވާހަކަ ދެއްކުމާއެކު، ތަކެތީގެ އަގު ބޮޑުވެގެން ދިޔައެވެ.
ޙަޤީޤަތުގައި އެ ފަހަރު މުސާރަ ބޮޑުވެގެން ދިޔަތޯ ބެލުމަކީ އެންމެ ރަނގަޅު ކަމެކެވެ. މި ގޮތުން ބަލާއިރު މުއައްޒަފުން ގެޔަށް ގެންދާ ފައިސާއިން މާ ބޮޑުތަނެއް އިތުރުވެފައެއް ނުވެއެވެ. މިކަން މިހެން ދިމާވީ މުއައްޒަފުންގެ މަސައްކަތަށް ގެނައި ބަދަލުގެ ސަބަބުންނެވެ. ކުރިން 7:30 އިން 14:30 އަށް މަސައްކަތް ކުރަމުން އައި މުއައްޒަފުންގެ މަސައްކަތުގެ ގަޑި 8:00 އިން 16:00 އަށް ބަދަލުކުރިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އޮފީސް ނިންމާފައި ގެޔަށް އައިސް، ހަވީރު ވަގުތު އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތްތައް ހުއްޓިގެންދިޔައީއެވެ. ހަމަ މިއާއެކު އިތުރު ގަޑިޔާއި ބަންދު ދުވަހުގެ ފައިސާ ލިބުމުގެ މަގު ވެސް ދަތިކުރީއެވެ. އެހެން ކަމުން ޙަޤީޤަތުގައި މުއައްޒަފުން ގެޔަށް ގެންދާން އަތަށް ލިބުނު ފައިސާ އިތުރުވުމުގެ ބަދަލުގައި މަދުވެގެން ދިޔައީއެވެ.
އެހެން ނަމަވެސް ސަރުކާރުން މުސާރަ ބޮޑުކުރާ ވާހަކަ ދެއްކުމުގެ ނުބައި ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު ބޮޑުވެގެން ދިޔަ ދިއުމަކަށް ބަދަލެއް ނާދެއެވެ. މުއައްޒަފުންގެ މުސާރައިން %15 ކަނޑާލުމުން ކުރިން ތަކެތީގެ އަގު ބޮޑުވި މިންވަރުން %15 އަގު ދަށެއް ނުވެއެވެ.
ސަރުކާރުން މިފަދަ ގޮތަކަށް މުސާރައަށް ބަދަލު ގެންނަން ކުރީން ނިންމާފައިވާ ކަމުގައިވާނަމަ މުސާރަ ބޮޑުކުރާ ވާހަކަ ދެއްކީ ކީއްކުރަންތޯއެވެ. ހުރިހާ ވެސް މައްސަލައަކީ މުސާރަ ބޮޑުކުރާ ވާހަކަ ދެއްކިކަމެވެ. ތަކެތީގެ އަގު ބޮޑުވެގެން ދިޔައީ އެހެން ވެގެން ކަމުގައިވާތީއެވެ.
ދެން ވެސް މުއައްޒަފުންނަށް ކަމެއް ކޮށްދެއްވާނެންޏާ، މަސައްކަތްކުރާ ގަޑި އިހު ހުރި ގޮތަށް ބަދަލު ކުރައްވާށެވެ. އޭގެ ފަހުގައި، ޑޮލަރަށް ދިމާވެފައިވާ ދަތިކަން ޙައްލުކޮށްދެއްވާށެވެ. އޭރުން ވެސް މުއައްޒަފުންނަށް އިތުރު ފައިސާ ހޯދުމުގެ މަގު ތަނަވަސް ވެގެން ދާނެއެވެ. އަދި ޑޮލަރަށް ދިމާވެފައިވާ ދަތިކަން ޙައްލުކުރުމުން، ތަކެތީގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.
އެންމެ ފުރަތަމަ މުސާރަ ކުޑަކުރައްވަން ނިންމެވިއިރު، ސަރުކާރުން ބުނަމުން ދިޔައީ، މިއީ އެންމެ ތިން މަސް ދުވަހުގެ ކަމެއް ކަމުގައެވެ. އެފަހުން ކިހާދުވަހެއް ވެއްޖެހެއްޔެވެ؟ އަދިވެސް މުސާރައެއް ބޮޑެއް ނުވެއެވެ. ކުރިން ސިވިލްސާވިސް މުވައްޒަފުން މުސާރަ ބޮޑުކޮށްދިނުމަށް އެދި ވަރަށް ބިޑަށް މުޒާހަރާކުރިއެވެ. މަގުމައްޗަށް ނިކުމެ ތަކެތީގެ އަގު ހެޔޮކުރުމަށްފަހު މުސާރަ ކުރިން ހުރިވަރަށް ބަދަލުގެނައުމަށް ގިވަމުން ދިޔައެވެ. ވަރަށް ފޯރީގައެވެ. ދިޔަގޮތަށް ނުޅޭށޭ ބުނެ ސަރުކާރުން އެންގުމުން ހުއްޓާލިއެވެ. ބަސްއަހާ ރައްޔިތުން ތަކެކެވެ. ސަރުކާރުގެ ބަސް އެހުމަށްޓަކައި މުވައްޒަފުންގެ ބަސް މިހާރުވަނީ ހުއްޓިފައެވެ.






އަދި ކޮމެންޓެއް ނެތް
މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!
ކޮމެންޓެއް ދެއްވާ