މިހާރު ރާއްޖޭގައި އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ރާއްޖޭގެ ޒުވާނަކު އިސްލާމްދީން ދޫކުރި ވާހަކައެވެ. މިވާހަކަ ވަރަށް ހޫނުވެފައި ވަނިކޮށް އޭނާ އަނެއްކާވެސް އިސްލާމްދީން ގަބޫލުކޮށް ރުޖޫޢަވީ ވާހަކަ މިއަދު އިވިއްޖެއެވެ. އަޅުގަނޑަށް އެންމެ ފުރަތަމަ މިވާހަކަ އިވުނީ ހޮޓަލެއްގެ ތެރެއިންނެވެ. އަޅުގަނޑު އިނީ ރައްޓެހި ބަޔަކާއެކު ސައިބޯށެވެ. އެތާނގައި ދެކެވުނު ވާހަކައަކީ މިވާހަކައާއި މިހާރަކަށް އައިސް ދިވެހި ސަރުކާރުން ކުރާ ބައެއް ކަންތައްތަކުގެ ވާހަކައެވެ.
އަޅުގަނޑާއެކު ސައިބޯން ތިބި މީހުންގެ ތެރޭގައި އަޅުގަނޑާ ވަރަށް ކުރީއްސުރެ ރަޙްމަތްތެރި މީހަކު އިނެވެ. އޭނާގެ ނަމަކީ ރަޝީދެވެ. އޭނާ ބުނި ގޮތުގައި މިފަހަކަށް އައިސް ސަރުކާރުން ކުރަމުން މިގެންދާ ކަންތައްތަކަކީ އަޖުމަބެލުމުގެ ގޮތުން ކުރާ ކަންތައްތަކެކެވެ. މިސާލު ދައްކަމުން އޭނާ ބުންޏެވެ.
“ނިކަން ހަނދާން ކޮށްބަލާށެވެ. ރާއްޖޭގައި ދީނީ ތަޤްރީރުކުރާ މީހުންނާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކީކޭހެއްޔެވެ؟ އަންހެނުންނަށް ދެރަބަހެއް ބުނާ ކަހަލަ ގޮތަކަށް ދީނީ މީސްމީހުން ވާހަކަ ނުދައްކަން އެދިވަޑައިގަތެވެ. އަދި އެމަނިކުފާނަށް ވަރަށް ގިނަ ފަރާތްފަރާތުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.”
ރަޝީދު ބުނި ގޮތުގައި އެވިދާޅުވާ ޝަކުވާއެއް އަންނަނީ ރާއްޖެއިން ބޭރުންނެވެ. ރައީސް މަސައްކަތްޕުޅު ކުރައްވަނީ ބޭރުގެ ބަޔަކު ރުއްސާށެވެ. އެފަހަރު އެ ވާހަކަފުޅު އެހެން ދެއްކެވީ ރައްޔިތުންގެ ޚިޔާލުހުރީ ކިހިނެއްތޯ ބައްލަވަން ވެގެންނެވެ.
ރަޝީދު ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ދެން އިވުނީ ރާއްޖޭގައި ފައްޅިއެއް ނޭޅެންވީ ކީއްވެގެންތޯ އޮޅުންފިލުއްވަން ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް ހުށަހެޅުއްވި ވާހަކައެވެ. އެވާހަކަފުޅުގެ ބޭނުންފުޅަކީވެސް ރައްޔިތުންގެ ޝުޢޫރު ހުރި ގޮތެއް ބެއްލެވުމެވެ. ފައްޅި އަޅައިފިނަމަ ނުވަތަ ފައްޅި އަޅަން ހުއްދަ ދެއްވައިފިނަމަ އުފެދޭނެ މައްސަލަތަކަކީ ކޮބައިތޯ ބެއްލެވުމެވެ.”
ރަޝީދު ބުނި ގޮތުގައި އެފަހަރުވެސް ރައްޔިތުންގެ ފަރާތުން ފެނުނީ ނުރުހުމުގެ ޝުޢޫރެވެ. ފައްޅި އެޅުމަކީ އެއްވެސް ބަޔަކު ރުހޭ ކަމަކަށް ނުވިއެވެ. އެހެންވީމާ އެވާހަކަ އެހައިތަނުން ހިންދާލީއެވެ.”
ވާހަކަ ހިންދާލިޔަސް ޙަޤީޤީ އެޖެންޑާ އުވައެއް ނުލައެވެ. މަސައްކަތް އޮތީ ކުރިއަށެވެ. ދެން ފެނިގެން ދިޔައީ ދީނީ ތަޢުލީމަކީ ވަކި ހިސާބަކުން މަޖުބޫރު ނޫން ކަމަކަށް ހަދަން ކުރަން ފެށި މަސައްކަތެވެ. އެކަންތައް އަދިވެސް ދަނީ ކުރިއަށެވެ. އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވަނީ އެކަންތައް އަދި ދޫނުކުރައްވާ ކަމަށެވެ. އެކަމަކު އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. މިހާރު މިވާގޮތުން ރައްޔިތުން ކަންބޮޑުވާން ވަނީވެސް ސަރުކާރުން ކަންބޮޑުވާން އެންގީމައެވެ. ކަންބޮޑު ނުވާށޭ އެންގީމާ، ގޭގައި ހުޅުޖެހިޔަސް ކަންބޮޑު ވެގެން ނުވާނެއެވެ.
ރަޝީދު ދެކޭ ގޮތުގައި ރާއްޖެއިން އިސްލާމްދީން ފުހެލަން ނުވަތަ އިސްލާމްދީން ބަލިކަށި ކުރަން މަސައްކަތްކުރާ ބޭރުގެ ފަރާތްތަކަށް ފުރުސަތެއް ނުލިގެން އުޅެނިކޮށް ލިބުނު ފުރުސަތުގެ ބޭނުން އެމީހުން ހިފާނީ ވަރަށް ރަނގަޅަށެވެ. ސަރުކާރުން އެކަމުގައި ދޫދެމުންދާނަމަ އެމީހުންގެ މަޝްރޫޢު ކާމިޔާބު ނުކުރެވެންވީ ސަބަބެއް ނެތެވެ.
ރަޝީދު ބުންޏެވެ.
“ދެން ފެނުނީ ކުއްލިއަކަށް ޒުވާނަކު ނުކުމެ ތިމަން މިއީ އިސްލާމެއް ނޫނޭ ބުނި ތަނެވެ. މިފަހަރުގެ ބޭނުމަކީ އިސްލާމްދީން ނޫން ދީނަކަށް ރާއްޖެއިން ޖާގަ ދިނުމަކީ ދިވެހިން ގަބޫލު ކުރާނެ ކަމެއްތޯ ބެލުމެވެ. ކޮންމެ ކަމަކާ ރުހުނަސް ރާއްޖޭގައި ދިވެހިންގެ ގޮތުގައި ކާފަރުން އުޅެން ދިވެހިންނެއް ނުރުހޭނެއެވެ. މިއީ އެކަން މިހާރުވެސް އޮތީ އެހެންތޯ ބަލާލަންވެގެން ކުރި ކަމެކެވެ.”
ރަޝީދުގެ ވާހަކަ ވަރަށް ދިގެވެ. އޭނާގެ ވާހަކަތަކުގެ ތެރޭގައި ގުއަންޓަނާމޯ ބޭއިން ގެންނަން މަސައްކަތްކުރާ ދެމީހުންގެ ވާހަކަވެސް ހިމެނުނެވެ. އޭނާ ދެކޭ ގޮތުގައި މި ހުރިހައި ކަމެއްގެ ބޭނުމަކީ ރާއްޖެއަށް އެހެން ދީންތައް ގެނެސް މޫލެއްވުމުގެ މަސައްކަތް ކުރުމެވެ. އެކަން ކުރެވުނީމާ ލިބޭނެ މާލީ ފައިދާތަކެއް ހުރީއެވެ. ނުވަތަ ކޮންމެވެސް ބައެއްގެ ހިތަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބެނީއެވެ.
މި ހުރިހައި ވާހަކައެއް ދެއްކި އިރު އެމްޑީޕީއަށް ނުވަތަ މިހާރުގެ ސަރުކާރަށް ތާއީދުކުރާ މީހަކުވެސް އަޑުއަހަން އިނެވެ. އެންމެ ފަހުން ހުރިހައި ވާހަކައެއް ނިމުނީމާ އޭނާ ބުންޏެވެ.
“ކަލޭމެން ކިތަންމެ ވަރަކަށް ރުޅި އަޔަސް ކުރާނެ ކަމެއް ނެތެވެ. މި ސަރުކާރު ވައްޓާލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ފަސް އަހަރު ހަމަވާންދެން ސަރުކާރު އޮންނާނެއެވެ. މައުމޫނަކަށް ދެނެއް ވެރިކަމެއް ނުލިބޭނެއެވެ.”މިހެން ބުނެފައި އަޅުގަނޑުމެންގެ ވާހަކައަކަށް ބެލުމެއް ނެތި އޭނާ ނުކުމެގެން ހިނގައްޖެއެވެ.
އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ސަރުކާރު ވައްޓާލާ ވާހަކައެއް ނުދައްކައެވެ. މައުމޫނަށް ވެރިކަން ލިބޭނެއެކޭ ނުބުނެއެވެ. އެކަމަކު އެއީ ސަރުކާރަށް ފާޑު ކިޔުމުގެ ގޮތުން ދައްކާ ކޮންމެ ވާހަކައަކަށް ލިބޭ ޖަވާބަށް ވާތީ ރަޝީދުގެ ވާހަކައަށްވެސް ލިބުނު ޖަވާބަކީ އެއީއެވެ.






1 ކޮމެންޓް
ސައްތައިން ސައްތަ އިސްލާމް ގައުމެއްގެ ވެރިޔަކަށް މުހައްމަދު ނަޝީދު ހުންނަވާއިރު، ދެވިހި ޒުވާނަކު ނިކުމެ ދީނީ ދަރުސެއް ހިގަމުން ދިޔަ އާންމު ތަނެއްގައި އަހަންނަކީ އިސްލާމެއް ނޫނޭ ބުނުމުން..އެކަމާ ދޭތެރޭ ރައީސުލްޖުމްހޫރިއްޔާ ބަސްފުޅެއް ވިދާޅުނުވިކަން އެއީ ވަރަށް ހިތާމަ ހުރިކަމެއް …ކޮންމެ ގޮތަކަށް ބެލިޔަސް ރައީސް ނަޝީދަކީ ރާއްޖޭގައި މިއޮތް އިސްލާމްދީން ދިފާއުކޮށް ދެން އަންނަން އޮތް ޖީލަށް މިގައުމު ފުރިހަމަ އިސްލާމީ ގައުމެއްގެ ގޮތުގައި ފޯރުކޮށްދޭނެ ރައްޔިތުން ހޮވާފައިވާ އެންމެ އިސްފަރާތް..މިކަމުގައި ރައީސް ގެ އިހްސާސްތައް ރައްޔިތުންނަށް ހާމަކޮށްދިނުން އެއީ އޭނާގެ މައްޗަށް ދީނީ އަދި ގައުމީ ވާޖިބެއް..އަދި ވަކިން ކަނޑައެޅިގެން ގާނޫނުއަސާސީގައި ދިވެހި ކޮންމެ ރައްޔިތަކީ އިސްލާމަކަށް ވާން މަޖްބޫރުކުރާ ހިނދު..މިކަމާ ގުޅޭގޮތުން އެމަނިކުފާނު އެއްޗެއްވިދާޅު ނުވާކަން ނުވަތަ އިސްލާމީ ޝަޙްސް ދަމަހައްޓަން މުޅި ގައުމަށް ގޮވާނުލާކަން އެއީ އެމަނިކުފާނުގެ ހިތްޕުޅުގައި އިސްލާމްދީނަށް އޮތް އިޙްތިރާމާއި ގަދަރުކުޑަ ކަމުގެ ވަރުގަދަ ހެއްކެއް…
June 3, 2010 / 18:40:01ކޮމެންޓެއް ދެއްވާ