އަޅުގަނޑުމެންގެ ލޮބުވެތި މުސްލިމު އަޚުންނޭވެ. ދިވެހިރާއްޖޭގައިން މިފެންނަނީ ކޮންތައްތަކެއްތޯއެވެ. 37އަހަރުވަންދެން އިސްލާމެއްގެ ގޮތުގައި އުޅެފައި އެންމެފަހުން އިސްލާމެއް ނޫންކަމަށް ދިވެއްސަކު އިޢުލާން އެކުރީ އެތައްހާސް މުސްލިމުންގެ ކުރިމަތީގައެވެ. އެހިސާބުން މުޅި ގައުމު ސަމާލުވިއެވެ. އެ ންމެން އެވާހަކަ ދައްކަން ފެށްޓިއެވެ. ވަރަށް ކަންބޮޑުވުމާއެކު ގައެވެ.
ރާއްޖެ އިސްލާމް ވުމަށްފަހު މިފަދަ ގޮތަކަށް ކާފަރުކަން ފާޅުކުރި ދިވެއްސަކު ނުފެނެއެވެ. ކާފަރުކަން އަމިއްލައަށް އިޢުލާންކުރިމީހާއަކީ ވަރަށް ހިތްވަރުގަދަ މީހެއް ކަމަށް ބައެއް މީހުން ބަލައިފާނެއެވެ. އޭނާ އެގޮތަށް އެކަން ކުރީ މިޒާމާނުގެ ބަހުރުވައިން ބުނާކަމަށްވާނަމަ “ގަޅި” ކަމުން ކަމަށްވެސް ބައެއް މީހުން ބުނެފާނެއެވެ. ނަމަވެސް އޭނާއާ ގާތް މީހުން ބުނާ ގޮތުގައި އޭނާ އެކަން ކޮށްފައިވަނީ “ގަޅި” ކަމަކުން ނޫނެވެ. ހަމަ ސްމާޓު ވުމުގެ ބޭނުމުގައެވެ. އޭނާގެ ކާފަރުކަން އިޢުލާން ކުރުމުން އެއީ ސްމާޓުވީ ކަމަށް ނުދެކެމެވެ. އޭގެ ބަދަލުގައި އޭނާ ދެދުނިޔޭގެ ރަހުމަތުން އޭނާ ބޭރުވީއެވެ. ﷲގެ މަގުން އެއްކިބާވީއެވެ.
މިފަދަ މީހުން ރާއްޖޭގައި އަދިވެސް ތިބެދާނެބާވައެވެ؟ ތިބިކަމަށްވާނަމަ އެހެން އެވަނީ ކީއްވެހެއްޔެވެ؟ މައިން ބަފައިންގެ ސަބަބުން ހެއްޔެވެ؟ ރާއްޖެއިން ބޭރަށް ކިޔަވަންދެވުމުން އެތަންތަނުގެ މީހުންއުޅެމުންދާ ގޮތް ފެނިގެން އެއީ މާފަސޭހަ ގޮތެއް ކަމަށް ދެކިގެން ހެއްޔެވެ؟ މުސްލިމުންނަކީ ﷲ ޙަޟުރަތުން ބާރުވެރިކަން ލިބިފައިވާ ޚާއްސަބައެކެވެ. ނަމަވެސް އެބާރުވެރިކަންވެސް ލިބެނީ އެމީހުން ތަގުވާވެރިވީ މިންވަރަކުންނެވެ. ﷲއަށް ބިރުވެތިވެ ﷲ ރުއްސަވާ ގޮތަށް އުޅުމުންނެވެ.
އިސްލާމްދީނަކީ ލުއިފަސޭހަކަމުގެ ދީނެއެވެ. އެދީނުގެ އެއްވެސް ކަމަކީ އުނދަގޫ ކަމެއް ނޫނެވެ. އެދީނުގައި އޮންނަ ގޮތައް ކަންކަނމް ކުރުމުން ރޫހާނީ އުފާތަކެއް ލިބޭނެއެވެ. ފަސްނަމާދު ކުރާމީހާއަށް ހާސްކަމެއްނެތެވެ. ނަމާދު ކުރާމީހުން މިކަން ގަބޫލު ކުރާނެއެވެ.
ދިވެއަޚުންނޭވެ! އަޅުގަނޑުމެންގެ ދީނާ ކޮންމެވެސް ބަޔަކު އަބަދުވެސް ކުޅެމުންދާކަން ހަނދާން އެބަހުރިތޯއެވެ. އިސްލާމްދީނުގެ ނޫރު ދިއްލުނީސްސުރެން އެނޫރު ނިއްވާލަން ކާފަރުން މަސައްކަތް ކުރަމުންއަންނަކަން ހަނދުމަ ނައްތާނުލާށެވެ. އަޅުގަނޑުމެންގެ ދީނީ އަގީދާއާއި، ސަގާފަތް ފުނޑުފުނޑުކޮށްލަން ބަޔަކު އަބަދުވެސް މަަަސައްކަތް ކުރަމުންދާކަން އަބަދުވެސް ހަނދާން ބަހައްޓާށެވެ. ބަޔަކު ދައްކާވާހަކަތަކަށް އިޖާބަ ނުދޭށެވެ. އިސްލާމްދީނުގައި ކަންކަން އޮންނަގޮތް އޮޅުންފިލުވައިގެން އެގޮތަށް ޢަމަލުތައް ބަހައްޓާށެވެ. ޢަގީދާ ވަރުގަދަކޮށް ދީނީރޫހުގައި ކަންކަމާ ކުރިމަތިލާށެވެ.
އަޅުގަނޑުމެންގެ ގައުމުގެ ދީނީޢިލްމުވެރިންނޭވެ. އަޅުގަނޑުމަންގެ ދަރިންނަށް އިސްލާމްދީނުގެ ތަރަހަ ރަނގަޅަށް އޮޅުން ފިލުވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާށެވެ. އެހެން ނޫނީ މިގައުމުގައި އިސްލާމްދީން ނޫން ދީންތައް ގެންނަށް މަސައްކަތްކުރާ މީހުންނަށް އެކަން ކުރުމުގެ ފުރުސަތު ބޮޑުވާނެއެވެ. ކޮންމެރެއަކު ދީނީ ދަރުސްތައް ދެވޭނެ ފަދަ ގޮތަކަށް ގައުމީޓީވީންވެސް ޕްރޮގްރާމް ކުރައްވާށެވެ. ފިލްތަކާއި ޑުރާމާތައް ހަދާއިރުވެސް ކޮންމެ ކަމަކަށް ނިސްބަތްކޮށް ހެދިޔަސް އިސްލާމްދީނުގެ މާތްކަމާއި އެދީނުގެ އަގީދާގެ ވަރުގަދަކަން އަންގައިދޭ ފަދަ ގޮތަކަށް އެފަދަ އެއްޗެހިވެސް ބައްޓަން ކުރައްވާށެވެ.
އިންޑިއާގެޗެނަލްތަކުން އެގެނެސްދޭ ޑުރާމާތަކުން ބުދުތަކެއް އެބަދައްކައެވެ. އެއެއްޗެހި ނުބަލާ މީހަކު މިރާއްޖޭގައި މަދެވެ. މިފަދަ އެއްޗެހިތައް ބަލައިގެން މީހުންގެ ސިނކުޑިއަށް އަސަރުކުރާނީ ނޭނގި ތިއްބައެވެ. އެހެންވީމާ މިފަދަ އެއްޗެހި ބެލުމާ ދުރަށްދާށެވެ. ދިވެހިޑުރާމާތަކުގައި އިސްލާމީ ކުލަ ޖައްސައިދީން ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރާށެވެ. މިޒަމާނުގައި މީޑިއާއަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. ގައުމުގެ ޙާލަތު މިހާރު އޮތް ހިސާބުން އަޅުގަނޑުމެންގެ ދީން ޕްރޮމޯޓުކޮށް ދިވެހިންނަށް އިސްލާމް ދީނުގައި ހިފަހައްޓާލުމަށް ހިތްވަރުދީ ހެޔިކަންކަމަށް އަމުރުކުރާނެ ގިނަ ބަޔަކު އުފެދެން ވެއްޖެއެވެ.
ދީނަށް ގޮވައިލެއްވުމުގެ ކަންކަން ރާއްޖޭގައި މިހާރަށްވުރެ ފުޅާކޮށް ދީނަށް ވަދެފައިވާ މީހުންނަށް އިތުރު ސާބިތުކަން ދެއްވުމަށް ކެނޑިނޭޅި ނަސޭހަތް ދެވާށެވެ. ދީނީ ޢިލްމުވެރިންގެ ޢިލްމު މުސްލިމުން އަޚުންގެ މައްޗަށް އޮއްސާލާށެވެ. އެހެން ނޫނީ އަޅުގަނޑުމެންގެ ދަރިންގެ ސިކުނޑިއާ ކުޅެ އެހެން ދީންތަކުގެ ސަގާފަތް ސިކުނޑިއަށް ވައްދަން މަސައްކަތްކުރާ މީހުން އެމީހުން މަގުސަދު ހާސިލް ކޮށްފާނެއެވެ.
ދީނީ އަގީދާއަކީ އެންމޮޑަށް ހިމާޔަތްކޮށް ރައްކާކުރަން ޖެހޭ އެއްޗެވެ. އެކަން ކުރުމަށް އެންމެން ޢަޒުމް ކަނޑައަޅަމާ ހިނގާށެވެ.






1 ކޮމެންޓް
ރަގަޅު ލިޔުމެއް. ވަރަށް ރަގަޅު
June 2, 2010 / 08:22:26ކޮމެންޓެއް ދެއްވާ