May 31, 2010 / 10:44 am

މުރުތައްދުވީ މީހެއްގެ އަދަބަކީ ކޮބާ؟

މުރުތައްދުވީ މީހެއްގެ އަދަބަކީ ކޮބާ؟

ކޮމެންޓެއް ނެތް

ތިމަންނާއަކީ މުސްލިމެއް ނޫންކަން އަމިއްލައަށް ޢިއުލާންކުރި މުހައްމަދު ނާޒިމް.


އިސްލާމްދީން ގަބޫލު ނުކުރާ މީހަކު ރާއްޖެއިން ފާޅުކޮށް ފެނުމަކީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވެގެން އެވާހަކަ ދައްކާ ކަމަކަށް މިހާރު ވަނީ ވެފައެވެ. އެކަމާ ގުޅިގެން ކަންބޮޑުވެގެން ވާހަކަދައްކާ މީހުން ކިތަންމެ ގިނަ ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދާ ބަޔަކުވެސް އެބައުޅެއެވެ. އަދި އެއީ އެމީހަކަށް ލިބިފައިވާ މިނިވަންކަމުގެ ބައެއް ކަމަށް ގަބޫލުކުރާ ބަޔަކުވެސް އެބައުޅެއެވެ.

އިސްލާމްދީނަކީ މަޖުބޫރުކުރާ ދީނެއް ނޫނެވެ. އިސްލާމްދީނަށް ވަނުމަކީ ކޮންމެ މީހަކުވެސް އެމީހެއްގެ އިޚްލާޞްތެރި ނިޔަތާއެކު މަޖުބޫރުކަމެއް ނެތި ކުރަން ޖެހޭ ކަމެކެވެ. އެހެން އެކަން އޮންނަނީ ސަބަބެއްވެސް އޮވެގެންނެވެ. ސަބަބަކީ އިސްލާމް ދީނުގެ ޢަޤީދާ އޮންނަ ގޮތެވެ. އިސްލާމްދީނުގެ މައިގަނޑަކީ އީމާންކަމަވެ. އީމާންކަމަކީ ހިތުގައި އޮންނަ އެއްޗެކެވެ. އެއްވެސް މީހެއްގެ ހިތަށް ގަދަކަމުން އެއްޗެއް ވެއްދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
އިސްލާމްދީނުގައި މަޖުބޫރުކަމެއް ނެތް ނަމަވެސް އިސްލާމްދީނަށް ވަނުމަށްފަހު އެދީނުން ބޭރުވާ މީހާޔާމެދު ޙުކުމްތަކެއް ކަނޑައަޅާފައި އޮވެއެވެ. ބުއްދީގެ ހަމަތަކުން ބަލާއިރު އެއީ އެންމެ ރަނގަޅު ކަމެކެވެ. ވިސްނާވަޑައިގެން ބައްލަވާށެވެ. އެންމެ ފުރަތަމަ މީހަކު އިސްލާމްދީނަށް ވަންނަނީ އެއްވެސް ކަހަލަ މަޖުބޫރުކަމެއް އޮވެގެންނެއް ނޫނެވެ. އިސްލާމްދީނަށް ވަނުމަށްފަހު ދީނުގެ ހަމަތަކަށް ބޯލެނބުމަކީ ލާޒިމު ކަމެކެވެ. އެއިން ކަމަކުން ރެކިގަނެވޭނެ ގޮތެއް ނޯންނާނެއެވެ. އިސްލާމީ ޝަރީޢަތުގެ ހަމަތައް އެމީހެއް މައްޗަށް ފުރިހަމައަށް ހިނގާނެއެވެ. އިސްލާމްދީން ގަބޫލުކުރާ މީހާ ގަބޫލުކުރަނީ އެހުރިހައި ކަމެއް ގަބޫލުކޮށްގެންނެވެ.

އިސްލާމަކު މުރުތައްދުވެއްޖެނަމަ އެމީހަކު ޤަތުލުކުރުމަކީ އޮންނަ ގޮތް ކަމަށް ބައެއް ދަންނަބޭކަލުން ވިދާޅުވެއެވެ. ބައެއް ބޭކަލުން ވިދާޅުވަނީ މުރުތައްދު ވިޔަސް އެމީހެއްގެ ފަރާތުން އިސްލާމްދީނަށް އުނދަގުލެއް ތުރާލެއް ނުފޯރާނަމަ އެމީހަކު ޤަތުލުކުރުމެއް ނެތް ކަމަށެވެ. އުނދަގޫ ފޯރަން ފަށައިފިނަމަ ޤަތުލުކުރަން ޖެހޭނެ ކަމަށެވެ.
މީހަކު އިސްލާމްދީން ދޫކުރުމަށްފަހު ހަމަހިމޭނުން އެވާހަކަ ނުދައްކައި އޭނާ ގަބޫލުކުރާ ހަމައެއްގެ މަތީގައި ހުރެއްޖެ ނަމަ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު އޭނާ އެންމެންގެ ކުރިމަތީގައި އެވާހަކަ ދައްކައި، ފިތުނައަކަށް ޖާގަދީފިނަމަ، އޭނާގެ ފަރާތުން އިސްލާމްދީނަށް އުނދަގުލެއް ފޯރީ ކަމަށް ބެލެވިދާނެ ބާވައެވެ؟ މިއީ އުފެދޭ ސުވާލެކެވެ. ޖަވާބު އެނގިވަޑައިގަންނަވާނީ ދަންނަބޭކަލުންނަށެވެ.

ރާއްޖެފަދަ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި ތިބެނީ “ޤައުމީ މުސްލިމުން”ނެވެ. މާނައަކީ މައިންބަފައިން މުސްލިމުންނަށް ވާތީ ދަރިންވެސް މުސްލިމުންނަށް ވަނީއެވެ. އަޅުގަނޑު މުސްލިމަކަށް ވެފައިވަނީ އަޅުގަނޑުގެ މައިންބަފައިން މުސްލިމުންނަށް ވާތީއެވެ. އަޅުގަނޑުގެ ހިތް އެހެން ގޮތަކަށް އޮތުން އެކަށީގެންވެއެވެ. އެހެންވީމާ ރާއްޖޭގައި ތިމަން މިއީ މުސްލިމެއް ނޫނޭ ބުނާ މީހަކަށް ތިމަން މިއީ ދުވަހަކުވެސް އިސްލާމްދީން ގަބޫލުކުރި މީހެއް ނޫނޭ ބުނުމުގެ ފުރުސަތު އެބައޮތް ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ. އެހެންވެއްޖެނަމަ އެމީހަކު މުރުތައްދުވީ ކަމަކަށް ނުބެލެވޭނެއެއް ނޫންތޯއެވެ؟
ތިމަން މިއީ މުސްލިމެއް ކަމަށް ބުނާ މީހާއަކީ ކާފަރެއް ކަމަށް ބުނުން ހުއްދަ ނޫންކަން ހަދީސުން އެންގެން އެބައޮތް ކަމަށް ދަންނަބޭކަލުން ވިދާޅުވެއެވެ. އެހެންވީމާ އިސްލާމީ ނަމެއްގައި، އިސްލާމީ ވެއްޓެއްގައި، އިސްލާމުންނަށް ލިބޭ ހުރިހައި ފަސޭހަތަކާއި، ހެވެއް ހޯދައިގެން އުޅޭ ކޮންމެ މީހަކީ މުސްލިމެއް ކަމަށް ބަލަން ޖެހެއެވެ. ރާއްޖޭގެ ޤާނޫނުތައް ބުނާގޮތުގައި ކޮންމެ ދިވެއްސަކު ވާން ޖެހެނީ މުސްލިމަކަށެވެ. އެކަމަކު ރާއްޖޭގެ އެއްވެސް މީހަކު ތިމަން މިއީ މުސްލިމެއް ނޫނޭ އެހެންވީމާ ދިވެހިރައްޔިތަކަށް ވުމުގެ ޙައްޤަށް ވާނީ ކިހިނެއްތޯ ސުވާލެއް ނުކުރެއެވެ. މާނައަކީ ރާއްޖޭގެ ހުރިހައި ރައްޔިތުން ތިބީ ހަމައެކަނި ބޭރުފުށުން ނަމަވެސް މުސްލިމުންނަށް ވެގެންނެވެ. ވުމާއެކު އެއްވެސް މީހަކަށް ތިމަން މިއީ މީގެ ކުރިންވެސް މުސްލިމަކީމެއް ނޫނޭ ބުނުމުގެ ޖާގައެއް ނެތެވެ. އަދި ރާއްޖޭގެ އެއްވެސް މީހަކީ މުސްލިމެއް ނޫން ކަމަށް (އެމީހަކު އަމިއްލައަށް ނުބުނާހައި ހިނދަކު) ބުނެވޭނެ ގޮތެއްވެސް ނެތެވެ.

މިހުރިހައި ކަމެއް މިހެން ހުރުމާއެކު ރާއްޖޭގެ ބާލިޣްވެފައިވާ މީހަކު މުސްލިމެއް ނޫން ކަމަށް އިޢުލާނުކޮށްފިނަމަ އެމީހަކު ވާނީ މުރުތައްދުވީ މީހަކަށެވެ. ޢުމުރުން 37 އަހަރު ވާންދެން މުސްލިމެއްގެ ގޮތުގައި (ބޭރުފުށުންނަމަވެސް) އުޅެފައި އެއް ދުވަހަކު މުސްލިމެއް ނޫން ކަމަށް އިޢުލާނު ކުރުމަކީ ހަމަ ޙަޤީޤަތުގައިވެސް މުރުތައްދުވުމެވެ.
މުރުތައްދު ވެއްޖެނަމަ އިސްލާމީ ޝަރީޢަތުގައި އޮންނަ ހަމަތަކުގެ މަތީން ކަންތައް ކުރުން ނޫން ގޮތެއް ނޯންނާނެއެވެ. ޤަތުލު ޙައްޤުނަމަ ޤަތުލުކުރުން ނޫން ގޮތެއް ނޯންނާނެއެވެ.
މިއީ ދީނުގެ ޙުކުމްތައް ދަންނަބޭކަލުންނާ އެއްފެންވަރަށް ނޭނގޭ މީހެއްގެ ޚިޔާލެވެ. ރާއްޖޭގެ ދަންނަބޭކަލުން މިކަމާ ގުޅިގެން ވަކި ގޮތަކަށް ފަތުވާއެއް ނެރެން ޖެހޭނެ ކަމަށްވެސް އަޅުގަނޑަށް ފެނެއެވެ. ރާއްޖޭގައި މިފަދަ ކަންކަން ކުރެވޭ ގޮތަށް އުފައްދާފައި އޮންނަ ފިޤްހު އެކަޑަމީއެއް އޮންނަ ކަމަށް ޚަބަރުން ވަނީ އެނގިފައެވެ. މިއަދު މިވަނީ އެ އެކަޑަމީގެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގެ ވަގުތު ޖެހިފައެވެ.

Tweet this! Share on Facebook

އަދި ކޮމެންޓެއް ނެތް

މި ލިޔުމަށް ކޮމެންޓް ކުރައްވާ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާ!

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo