June 9, 2010 / 12:01 pm

ސިޔާސީ ކަންކަމާހެދި އިންވެސްޓްކުރަން ޖެހިލުންވަނީބާ؟

ސިޔާސީ ކަންކަމާހެދި އިންވެސްޓްކުރަން ޖެހިލުންވަނީބާ؟

ޟަމްރަތު އަޙްމަދު

1 ކޮމެންޓް


ދިވެހިރާއްޖޭގެ އިގްތިސާދީ ޙާލަތު މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިކަން މިހެން ދިމާވެފައިވަނީ އެމްޑީޕީން ސަރުކާރާ ޙަވާލުވުމަކުން ނޫނެވެ. އެއަށްވުރެ ކުރިންވެސް ރާއްޖެއަށާއި، ދުނިޔެއަށްވެސް މިމައްސަލަ ދިމާވާން ފެށިއެވެ. ނަމަވެސް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އިގުތިސާދު މިހާ ހިސާބަށް އައީ އެމްޑީޕީން ވެރިކަމަށް އައުމަށްފަހުގައި ކަމަށެވެ.

“ބައެއް މީހުން ބުނާ ގޮތުގައި ރާއްޖޭގެ އިގްތުސާދު ހީނަރުވެގެން ދިޔައީ އެމްޑީޕީން ވެރިކަމަށް އައުމުން ކަމަށް. އެއަށްވުރެ މާކުރިންވެސް ރާއްޖެއަށްވަނީ މިމައްސަލަ ދިމާވެފައި. ނަމަވެސް އިދިކޮޅު ފަރާތްތަކުންދެކޭ ގޮތުގައި މިކަން މިހެންވީ އެމްޑީޑީއަށް ވެރިކަން ލިބުނު ހިސާބުން”ގެރެންޓީ ފައިބަރގުލާސްގެ ޗެއާމަން އަޙުމަދު ލުތުފީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެއްވެސް ކަމެއް މިހާރު މިހާރު ރަނގަޅަށް ނުދާކަމަށެވެ. ޚާއްސަކޮށް ވިޔަފާރީގެ ދާއިރާ ކުރިއަށް ނުދާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިކަން މިހެންވީ މިވެނި ކަމެއް ދިމާވެގެން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު މިކަން މިހެން މިވަނީ ސިޔާސީ ކުލަވަރު މާބޮޑަށްވެސް ހުންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނަށް ބަލާއިރު އަބަދުވެސް ފެންނަމުންދަނީ ކޮންމެވެސް ސިޔާސީ ކޯޅުން ގަނޑެއްގެ ތެރޭގައި އެންމެ ބޮޑު ދެޕާޓީކަމަށްވާ އެމްޑީޕީއާއި، ޑީއާރުޕީ އުޅޭތަނެވެ. އެހެން ކަމުން މިމަންޒަރު ގައުމުން ފެންނަހާ ހިބދަކު ރާއްޖޭގައި އިތުރަށް އިންވެސްޓްކުރަން ވަރަށް ގިނަމީހުން ބޭނުނުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ދެޕާޓީން ކުރެޕާޓީއަކުން ބޭނުމެއް ނުވެ ގޮތްދޫކުރަން. ކޮންމެ ޕާޓީއަކުންވެސް ބޭނުންވަނީ އެބައެއްގެ ގޮތުގައި ތިބެގެން ކާމިޔާބުކުރަން. މިދެޕާޓީގެ މިފަދަ އަރާރުންތަކުގެ ތެރެއަށް މިވަދެވެނީ ރައްޔިތުން. އެދޭތެރެއަށްވަދެ ރައްޔިތުން ސޭންޑުވިޗު ހެދެމުންދާތަން މިފެންނަނީ. މިއީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ގޮތެއްވެސްނޫން. ނަމަވެސް މިހާރު ރާއްޖޭގެ ޙާލަތުވެސް އޮތްގޮތްމިއީ” ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންނުވާ މީހުން އެބަތިބި ކަމަށެވެ. އެކަމުގެ ހެއްކެއް ދެއްކެންނެތަސް ލުތުފީއާއެކު ވިޔަފާރީގެ ގުޅުން އޮންނަބައެއް ވިޔަފާރިވެރުން ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންނުވާ ކަމަށް ބުނަމުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

“ބޭރުގެ ބައެއް ވިޔަފާރިވެރިން އަޅުގަނޑުމެންގެ ގާތުގައި އެބަބުނޭ ކަލޭމެންގެ ގައުމުގައި އިންވެސްޓްކުރަން ވަރަށް ބޮޑަށް ޝައުގުވެރިވާކަމަށް. ނަމަވެސް ސިޔާސީ މައްސަލަތަކާ ހެދި އެކަން ކުރަން ޖެހިލުންވާ ކަމަށްވެސް ބުނޭ. އަދި އެބަބުނޭ ބާރުއޮތީ އިދިކޮޅު ފަރާތްތަކުގައި ކަމަށްވާއިރު ސަރުކާއެކު އެއްބަސްވާ ގޮތަކަށް އެކަމެއް މަޖިލީހުން ފާސްކުރުން ނުވަތަ ރައްޔިތުންގެ ތާއީދު ހޯދުމަކީ ފަސޭހަކަމެއް ކަމަށްނުވާނެޔޭ. އެހެން ކަމުން ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވިޔަސް އެކަން ކުރަން މިވަގުތު ޖެހުލުންވާ ކަމަށް ބުނާ އަޅުގަނޑު ދަންނަ ބައެއް ވިޔަފާރިވެރިންވެސް އެބައުޅޭ” ލުތުފީ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާ ފަތުރުވެރި ކަމުން ލިބޭ އާމްދަނީ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށްވެސް އޭނާ ލުތުފީ ވިދާޅުވިއެވެ. އެކަން ކުރެވޭނީ ސަރުކާރާއި ރިސޯޓުތަކުގެ ވެރިންގެ ވަރަށް ބޮޑު އެއްބާރުލުމާއެކުގައި ކަމަށްވެސް ވިދާޅުވިއެވެ.

“ރާއްޖޭގައި މިހާރުވެސް ގިނައީ އޭ ގްރޭޑުގެ ނުވަތަ އެންމެ މަތީ ފަންތީގެ ރިސޯޓުތައް. އެތަނަށް އަންނާނީވެސް އެންމެ މަތީފަންތީގެ މީހުން. އޭހެ ބަދަލުގައި ރާއްޖޭގައިވެސް ތިން ގިންތިއަކަށް އެބަޖެހޭ ރިސޯޓުތައް ހަދަން. އޭއި އޭގުރާޑާއި، ބީހުރޭޑާއި، ސީޑުރޭޑު. އޭރުން ބެކްޕެކް ހިފައިގެން އަންނަމީހުންވެސް އެއަންނަ ގޮތަށް ސީގުރޭޑު ތަންތަނަށް ދެވޭނެ. ތިންވަނަ ދަރަޖައިގެ ތަނަކަށްވުމުން އެމީހުންނަށްވެސް އެނގާނެ އެކަން. އެގޮތުން އެތަން ނުވަތަ ރިސޯޓު އެމީހުން ގަބޫލު ކުރާނެ. މިގޮތަށް ހެދުމުން އަބަދުވެސް ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާނީ. އެންމެ މަތީފަންތީގެ ތަންތަން ފުލްނުވެ ހުންނައިރުވެސް ސީގުރޭޑުގެ ތަންތަން ހުންނަނީ ފުލްވެފައި. އެއީ އަގުހެޔޮވެފައި، އަގާ އެއްވަރުގެ ޚިދުމަތެއް ލިބޭތީ” ލުތުފީ ވިދާޅުވިއެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ އަގު ވަރަށް ބޮޑު ކަމަށް ދިވެހި ޓްރެވެލް އެޖެންޓެއް ކަމަށްވާ އިނަރމޯލްޑިވްސް ހޮލިޑޭސް އިންވަނީ ބުނެފައެވެ. އެކުންފުނީގެ މެނޭޖިންޑިރެކްޓަރ މުޙައްމަދު ފިރާގު ވިދާޅުވީ އަގާ އެއްވަރަށް ޚިދުމަތް ދެވޭ ކަމެއް ކަމަށްވާނަމަ އަގުބޮޑުކަމަށް ނުބެލެވޭނެ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ބައެއް ފަތުރުވެރިންގެ ފަރާތުން ހިތްހަމަނުޖެހުންއަންނަ ކަމަށެވެ. އޭނާވެސް ވިދާޅުވީ ތަފާތު ފެންވަރުގެ މީހުންނަށް ޚާއްސަ ރިސޯޓުތަކެއް ރާއްޖޭގައި ހުންނަން ޖެހޭ ކަމަށެވެ. އެއީ ރާއްޖެއަކީ ފަތުރުވެރި ކަމުގެ ދާއިރާއިން މަޝްހޫރުވެ މަތީ ވަނަތަކެއް ހޯދައިފައިވާ އަދިވެސް ހޯދަމުންދާ ގައުމަކަށްވާ އިރު ހުރިހާ ފަންތީގެ މީހުންނަށް ޚާއްސަ ރިސޯޓުތައް ހުންނަން ޖެހޭތީއެވެ. ނަމަވެސް އަދިވެސް ރާއްޖޭގެ ރިސޯޓުތައް ތަރައްގީ ކުރަމުން ދަނީ އަޕަރމާކެޓަށް ޚާއްސަކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު ހަލާކުކޮށްލީ މިސަރުކާރުން ކަމަށް ޑީއާރުޕީގެ ނާއިބު ލީޑަރު ޢުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ ނާގާބިލް މީހުން ވަޒީރުންނަށްލައިގެން ގައުމުން އޮޔާދަމުން ދާއިރުވެސް ރަނގަޅު މިސްރާބަށް އަޅުވާލަން އެނގޭ ވަރުގެ ބަޔަކު ނެތް ކަމަށެވެ.

Tweet this! Share on Facebook

1 ކޮމެންޓް

  1. ހަސަން

    ހަމަ ސިޔާސީ ކަންކަމާ ހެދި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުން މަދުވޭ

    June 9, 2010 / 15:14:08

ކޮމެންޓެއް ދެއްވާ


Partner Logo Partner Logo Partner Logo Partner Logo Partner Logo